ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ޢަދަދު 5600އަށްވުރެ ކުޑަކޮށްދެއްވުމަށް އެދި 3 ވަނަ ފަހަރަށް ރައީސް އޮފީހަށް ހުށައަޅުއްވާފައިވާކަމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހިޔާ ފެލެޓް މަހުކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައިނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާ ނެގުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ނެގުމަށް ނިންމި ފީ ބޮޑުކަމަށް ބުނެ ފްލެޓް ލިބު ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމާއި ގުޅިގެން މުޒާހަރާވެސް ކޮށްފައިވެއެވެ. ފްލެޓް ލިބުނު މީހުން އެދެނީ ކުލި 5600އަށް ކުޑަކުރުމަށެވެ. އަދި ހިޔާގެ ކުލި ކުޑަކުރުމަޢް މަސައްކަތްކުރައްވާނެކަމަށް މާލޭގެ މޭޔަރު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.
އެކަމާއި ގުޅޭގޮތުން މޭޔަރު މުޢިއްޒު ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ޢަދަދު 5600އަށްވުރެ ކުޑަކޮށްދެއްވުމަށް އެދި 3 ވަނަ ފަހަރަށް ރައީސް އޮފީހަށް ނިމިދިޔަ ހަފްތާގައި ސިޓީ ފޮނުވާފައިވާނެކަމަށެވެ. އަދި ފިނިޝިންގ މަސައްކަތަށް މަދުވެގެން 9 މަސްދުވަސް ދެއްވުމަށް ތަކުރާރުކޮށް އެ ސިޓީގައި އެދިފައިވާނެކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ޢަދަދު 5600އަށްވުރެ ކުޑަކޮށްދެއްވުމަށް އެދި 3 ވަނަ ފަހަރަށް ރައީސް އޮފީހަށް ނިމިދިޔަ ހަފްތާގައި ސިޓީ ފޮނުވާފައިވާނެ. އަދި ފިނިޝިންގ މަސައްކަތަށް މަދުވެގެން 9 މަސްދުވަސް ދެއްވުމަށް ތަކުރާރުކޮށް އެ ސިޓީގައި އެދިފައިވާނެ.@HiyaaUnion
— Dr Mohamed Muizzu (@MMuizzu) October 2, 2021
ހިޔާގެ ކުލި ކުޑަކުރުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރިނަމަވެސް، ކުރީގެ ސަރުކާރުން އެ މަޝްރޫޢު ގެންގޮސްފައިވާގޮތުން އެކަން ކުރެވެން ނެތްކަމަށް މިސަރުކާރުން ވަނީ ބުނެފައެވެ.
ފުލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ކުލި ދައްކަން ނުޖެހޭގޮތަށް ޖެނުއަރީ މަހާއި ހަމައަށް ވަނީ މުއްދަތެއް ދީފައެވެ.
ހިޔާ މަޝްރޫޢަށް ބަލާއިރު، އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ޝަޢުގުވެރިކަން ފާޅުކުރި 5 ކޮންޓްރެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އަގު ހުށައެޅި ކުންފުންޏަށްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ބައެއް ކުންފުނިތަކުން ޔުނިޓަކަށް 50 ހާހާއި 52 ހާސް ޑޮލަރާއި ދެމެދުގެ އަގުތައް ހުށަހަޅާފައިވަނިކޮށް، ޕްރޮޖެކްޓް އެވޯޑްކޮށްފައިވަނީ ޔުނިޓަކަށް 62 ހާސް ޑޮލަރު ހުށަހެޅި ކުންފުންޏަކާއިކަމަށް ސަރުކާރުން ބުންޏެވެ.
ހިޔާ ފްލެޓްތައް ލިބުނު މީހުންނާއެކު އެއްބަސްވުން އެކުލަވާލާ ތަޅުދަނޑި މިހާރު ހަވާލުކޮށްފައިވާއިރު ފިނިޝިންގެ މަސައްކަތްތައްވެސް މިވަގުތު އަންނަނީ ކުރަމުންނެވެ. އަދި މަގުބޫލު ސަބަބެއް ނެތި އެއްބަސްވުމުގައި ސޮއި ނުކޮށް އޮތް ނަމަ ފިނިޝިން މަސައްކަތަށް ކުއްޔާ ނުލައި އިތުރު މުއްދަތެއް ނުދެވޭނެކަމަށް ވަނީ ބުނެފައެވެ.
ހިޔާ މަޝްރޫގެ ފްލެޓުތަކުން ނެގުމަށް ކަނޑައަޅަފައިވާ އަގަށް ބަދަލެއް ގެނައުމަށް ނިންމާފައިނުވާކަމަށްވެސް އެޗްޑީސީން ބުނެއެވެ.