މިއަދު ފާހަގަ ކުރަމުންދާ ޗައިނާގެ ގައުމީ ދުވަހާ ދިމާކޮށް، ޗައިނާގެ ވައިގެ އަސްކަރިއްޔާގެ ގާބިލްކަން ދައްކާލުމުގެ ގޮތުން އެގައުމުގެ 25 ފައިޓަޖެޓް ޓައިވާންގެ ވައިގެ ސަރަހައްދުގެ ކައިރިން އުދުހިއްޖެއެވެ.
ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާރމީ އިން ޓައިވާންގެ ސަރަހައްދުގެ ކައިރިން މިއަދު އުދުއްސާލާފައިވާ J-16 މަރުކާގެ 18 ފައިޓަރ ޖެޓުގެ އިތުރުން ބޮން އަޅާ H-6 މަރުކާގެ ދެ ފައިޓަރ ޖެޓް ހިމެނެއެވެ.
ޗައިނާގެ ފައިޓަރ ޖެޓްތައް ޓައްވާންގެ ސަރަހައްދުގެ ކައިރިން އުދުހެން ފެށުމާއެކު، ޓައިވާންގެ އެއަރ ޕެޓްރޯލް ފޯރސްއިންވަނީ ޓައިވާންގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އަދި ޓައިވާންގެ އެއަރ ޑިފެންސް ސިސްޓަމްތަކުން މި ފައިޓާރޖެޓް ޓްރެކް ކޮށްފައިވާ ކަމަށްވެސް، ޓައިވާންގެ ޑިފެންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.
ޗައިނާއިން އެގައުމުގެ ބައެއްގެ ގޮތުގައި ބަލާ ޓާއިވާންގެ ވައިގެ ސަރަހައްދުގެ ކައިރިން ޗައިނާގެ ފައިޓަރޖެޓްތައް އުދުހުމާއި، އަސްކަރީ ޑްރިލްތައް ބާއްވާ، ޓައިވާނަށް އަސްކަރީގޮތުން ބިރު ދެއްކުމުގެ އަމަލްތަކަކީ ފާއިތުވދިޔަ އަހަރު ތަކުގައި ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް ޗައިނާއިން ހިންގާފައިވާ އަސްކަރީ ހަރަކާތްތަކެވެ.
ފާއިތުވެދިޔަ ހަފްތާގައި، ޗައިނާއިންވެސް ބައިވެރިވާން އެދިފައިވާ ޕެސިފިކް ޓްރޭޑް ގުރޫޕުގައި ބައިވެރިވުމުގެ ޝައުގިވެރިކަން ޓައިވާންއިންވެސް ފާޅު ކުރުމުން، ޓައިވާނަށް އަސްކަރީ ގޮތުން ބިރު ދެއްކުމުގެ ގޮތުން ފާއިތުވެދިޔަ ހަފްތާގައިވެސް ޗައިނާއިންވަނީ ޓައިވާންއާއި ދިމާލަށް ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާރމީގެ 24 ފައިޓަރ ޖެޓް އުދުއްސާލާފައެވެ.
ޓައިވާންއާއި ޗައިނާއާއި ވަކިވެފައިވަނީ ޗައިނާގެ އަހުލީ ހަގުރާމާގައި 1948ވަނަ އަހަރުއެވެ. އެހެންނަަމަވެސް އެއަށްފަހު، ޓައިވާނަކީ އަލުން އެގައުމުގެ ބަޔަކަށް ހެދުމަށް ބާރުގެ ބޭނުން ކުރަންޖެހިއްޖެ ހާލަތެއްގައި ބާރުގެ ބޭނުން ކުރާނެކަމުގެ އިންޒާރު އަބަދުވެސް ޗައިނާއިން އަންނަނީ ދެމުންނެވެ.
އަދި ޓައިވާނުން ބައިނަލްއަގުވާމީ އެއްވެސް ކަމެއްގައި ބައިވެރިވުން ޗައިނާއިން އަބަދުވެސް އަންނަނީ ދެކޮޅު ހަދަމުންނެވެ.
ކޮމެންޓު ފޮނުވާ