އެމެރިކަގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެމްޕޭން ރެލީއެއްގައި

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އަންނަ އަންގާރަ ދުވަހު

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އަންނަ އަންގާރަ ދުވަހު

އެމެރިކާގެ ކުރިޔަށް އޮތް 4 އަހަރު ވެރިކަން ކުރައްވާނެ ރައީސަކު ކަޑައެޅުމަށްޓަކާ އަންނަ އަންގާރަދުވަހު ވޯޓުލާން އެގައުމުގެ ރައްޔިތުން ނިކުންނާނެއެވެ.

މިއީ އެމެރިކާގެ ތާރީޚުގައި ބޮޑު އިންސާނީ ކާރިސާއެއްގެ ތެރޭގައި ވޯޓުލާން އެގައުމުގެ ރައްޔިތުން ނިކުންނަ ފަރަތަމަފަހަރެވެ. އިންތިޚާބުގައި ވާދަކުރާ ދެ ކެޑިޑޭޓުން ކަމުގައިވާ މިހާރުގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ކެޑިޑޭޓް ޑޮނަލްޑް ޓްރަމްޕާއި އަދި ކުރީގެ ނާއިބު ރައީސް، ޑިމޮކްރަޓިކް ޕާޓީގެ ކެޑިޑޭޓް ޖޯ ބައިޑްންވެސް ގެންދަވަނީ ކެމްޕޭންގެ އެނެމް ފަހުގެ އެއްވުންތައް އެމެރިކާގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދަވަމުންނެވެ.

އަދި ދެ ކެޑިޑޭޓުންވެސް ގެންދަވަނީ އެއް ކެޑިޑޭޓަކު އަނެއް ކެޑިޑޭޓޭއްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މިގޮތުން އެމެރިކާގައި ކޮވިޑް19 އަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 9 މިލިޔަނަށް އެރުމާއި ގުޅިގެން ޑިމޮކްރަޓިކް ޕާޓީގެ ކެޑިޑޭޓް ބައިޑްން ނެރުއްވި ނޫސްބަޔާނެއްގައި ކޯވިޑް19 އާއި ދެކޮޅަށް ޓްރަމްޕް ގެންގުޅުއްވާފައިވާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ. ބައިޑްން ވިދާޅުވެފައިވަނީ އިންސާނީ ކާރިސާއަކާ ދެކޮޅަށް ހަގުރާމަކޮށް އެމެރިކާގެ ރައްޔިތުން ސަލާމަތްކުރުމުގައި ފެއިލް ވެފައި ހުރި ރައީސަކު އެމެރިކާގެ ރައީސްކަމަށް ކުފޫ ހަމަ ނުވާނެކަމުގައެވެ. އަދި ވިދާޅުވެފައިވަނީ ބަލީގެ ހާލަތު އެމެރިކާގައި އަދިވެސް އިތުރަށް ގޯސްވެގެން ދިއުމުގެ ފުރުސަތު އިންތިހާއަށް އެބައޮތް ކަމުގައެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ގިނަ އަދަދެއްގެ ބަޔަކުވަނީ ޕޯސްޓުގެ ޒަރީއާއިން ދުރަލާ ވޯޓު ލާފައެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ކުރިން ހީކުރިވަރަށްވުރެ އަވަހަށް އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވިގެންދާނެ ކަމަށް ލަފާކުރުންތަކުން ދައްކައެވެ.

މިގޮތުން ކޮލެރާޑޯގެ ސެކެޓްރީ އޮފް ސްޓޭޓް ޖެނާ ގްރިސްވާލްޑް ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވެފައިވަނީ އެސިޓީގައި މިހާތަނަށް އައިއިރު 2.2 މިލިޔަން މީހުންވަނީ ވޯޓު ލާފަވާކަމަށެއެވެ. މިއީ 2016 ވަނަ އަހަރު އެސިޓީގެ ވޯޓު ލީމީހުންގެ %80 އެވެ. އެހެންކަމުން ގްރިސްވާލްޑް ވިދާޅުވެފައިވަނީ އެ ސިޓީގެ އިންތިޚާބުގެ ނަތީޖާގެ %70 ނުވަތަ %80 ވޯޓުލާ ދުވަހުގެ ރޭ އިއުލާން ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

އެމެރިކާގެ އިންތިޚާބުގެ ނަތީޖާގެ ސައްހަކަން ކަށަވަރު ކުރުމަށް މިފަހަރު ބޮޑު ސަމާލުކަމެއް ހުއްޓިފައި ވާއިރު، ހުކުރުދުވަހު އެފްބީއައި އިންނާއި އިންތިޚާބާއި ގުޅުންހުރި ސެކިއުރިޓީ އޭޖެންސީތަކުން ހާމަކޮށްފއިވާ ގޮތުގައި އީރާނުގެ ސައިބަރ އެޓޭކްތައް ހުކުރު ދުވަހު އެކަނިވެސް އެމެރިކާގެ އެތަކެއް ސްޓޭޓްތަކެއްގެ އިލެކްޝަން ވެބްސައިޓްތަކަށް އަމާޒުވެފައިވެއެވެ. އަދި މަދުވެގެން އެއް ސްޓޭޓެއްގެ ވޯޓުލާ މީހުންގެ ލިސްޓު އިރާނުން އަތުލައިގެންފައިވާ ކަންވެސް ވަނީ ހާމަކޮށްފައެވެ.

ރަޝިޔާއާއި އީރާނުން އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމެރިކާގެ ސެކިއުރިޓީއާއި ގުޅުން ހުރި އިދާރާތަކުން މީގެކުރިންވެސް ތުހުމަތު ކޮށްފައިވެއެވެ. އަދި ރައީސްކަން ކާމިޔާބުކުރެވިއްޖެނަމަ، އިރާނާއި ރަޝީޔާގެ މިއަމަލުތައް ތަހުގީގުކޮށް އަދަބު ދެއްވާނެކަމަށްވެސް ޑިމޮކްރަޓިކް ކެޑިޑޭޓް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ.

މިހާރު ފެންނަން ހުރި ޚިޔާލު ހޯދުންތަކުން ދައްކާގޮތުގައި، އެންމެ ވާދަވެރި ސްޓޭޓްތަކުގައިވެސް ކުރީގައި އުޅެނީ ޖޯ ބައިޑްންއެވެ. އެހެންނަމަވެސް، ޚާއްސަ ގޮތެއްގައި މި ސްޓޭޓްތަކުގައި ކެޑިޑޭޓުން ހިންގާ ކެމްޕޭން ހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން، ނަތީޖާއަށް ބަދަލުއައުމަކީ އަބަދުވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ކުރާ އަންދާޒާގެ ތެރޭގައި ހިމަނާ ކަމެކެވެ.

އެންމެފަހުން ހެދިފައިވާ ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި ބޮޑެތި ސްޓޭޓްތައް ކަމުގައިވާ މިޗިގަން، ޕެންސެލްވޭނިއާ، އަދި ވިސްކަންސިންގގައި ބައިޑްން ތަފާތު ބޮޑުކޮށް އުޅެނީ ކުރީގައެވެ. މި 3 އިންޑަސްޓްރިއަލް ސްޓޭޓަކީވެސް، 2016 ވަނަ އަހަރު ޓްރަމްޕް %1 އަށްވުރެ ކުޑަ ތަފާތަކުން ހިލަރީ ކްލިންޓަންގެ މައްޗަށް ކުރި ހޯއްދެވި ތިން ސްޓޭޓެވެ.

2016 ވަނަ އަހަރު ބޮޑު ތަފާތަކުން ޓްރަމްޕް ކުރި ހޯއްދެވި ބޮޑެތި ސްޓޭޓްތައް ކަމުގައިވާ އައޯވާ، އޯހިއޯ އަދި އަދި ޓެކްސަސްގެ މިހާރުގެ ޚިޔާލު ހޯދުންތަކުގެ ނަތީޖާތަކަށް ބަލާއިރު، ޓްރަމްޕްގެ ކެމްޕޭން ޓީމުން ނަތީޖާ ނެރުމަށް އިންތިހާއަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާ ކުރެއެވެ. ސަބަބަކީ މި ސްޓޭޓްތަކަކީ 2016 ވަނަ އަހަރު ޓްރަމްޕް ހިލަރީ ކްލިންޓަންގެ މައްޗަށް %10-%8 ގެ ބޮޑު ތަފާތަކުން ކުރި ހޯއްދެވި ބޮޑެތި ސްޓޭޓްތައް ކަމަށްވާތީއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *