އަލަށް އައްޔަން ކުރެވުނު ޓީއުނީޝިއާގެ އަންހެން ބޮޑުވަޒީރު

ޓިއުނީޝިއާއަށް އަންހެން ބޮޑުވަޒީރަކު އައްޔަން ކޮށްފި

ޓިއުނީޝިއާއަށް އަންހެން ބޮޑުވަޒީރަކު އައްޔަން ކޮށްފި

ސިޔާސީ ކާރިސާއެއްގެ ތެރޭގައި އޮތް، ޓިއުނީޝިއާގެ ރައީސް އެގައުމުގެ ބޮޑުވަޒީރު ކަމަށް އަންހެން ބޭފުޅަކު އައްޔަން ކޮށްފިއެވެ.

ޓިއުނީޝިއާގެ ރައީސް ކައިސް ސައީދު އެގައުމުގެ ބޮޑުވަޒީރުކަމަށް އައްޔަން ކޮށްފައިވަނީ މިހާތަނަށް ސިޔާސީ ދާއިރާއިން ފެނިފައި ނުވާ، އިންޖިއަރިންގެ ދާއިރާއިން ޔުނިވަރސިޓީ ތައުލީމުން ހާސިލް ކުރައްވާފައިވާ ނަޖުލާ ބޯދެން ރޮމްދާންއެވެ.

ޓިއުނީޝިއާގެ ރައީސް، އެގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ރޮމްދާން އައްޔަން ކުރައްވާފައިވަނީ ރައީސް ކައިސް ސައީދު އެގައުމުގެ ބޮޑުވަޒީރު، މަގާމުން ދުރުކޮށް، ގާނޫނުހަދާ މަޖިލިސް ސަސްޕެންޑްކޮށް، އަދި ވެރިކަމުގެ ގިނަ ބާރުތައް އަމިއްލަ އަޔްޕުޅަށް ނެންގެވިތާ 2 މަހެއްހާ ދުވަސްފަހުންނެވެ.

އަލަށް ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނު ރޮމްދާންއަކީ ސިޔާސީ ގޮތުންވެސް އަދި އެނޫން ގޮތަކުންވެސް މިހާތަނަށް ސަރުކާރުގެ އިސް މަގާމެއް ފުރުއްވާފައިވާ ބޭކަނބަލެއް ނޫނެވެ. އަދި އޭނާ އަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއަކީ، އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީގައި، ވާލްޑް ބޭންކުގެ ޕްރޮޖެކްޓްތައް ތަންފީޒުކުރަން އިސް މީހެއްގެ ގޮތުގައި ހުންނަވައިގެން ލިބިވަޑައިގެންފައިވާ ތަޖުރިބާއެކެވެ. އަދި އޭނާއަކީ ޖޮއިލޮޖިކަލް އިންޖިނިއަރެކެވެ.

ރޮމްދާން ޓިއުނީޝިއާގެ ބޮޑުވަޒީރުކަމަށް އައްޔަން ކުރެވިގެން ދިޔައީ، އެގައުމު ސިޔާސީ ގޮތުންނާއި އަދި އިގްތިސާދީގޮތުންވެސް ފުން ވަޅުގަޑެއްގެ ތެރޭގައި އޮތް ދުވަސްވަރެއްގައެވެ. އަދި 2011 ވަނަ އަހަރު އެގައުމަށް އައި ޑިމޮކްރަޓިކް ހެޔޮ ބަދަލުތައް، މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސީ ގޮންޖެހުންތަކުގެ ސަބަބުން ނެތިގެން ހިގައިދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.

އަލަށް އައްޔަން ކުރެވުނު ބޮޑުވަޒީރާއި، ޓިއުނިޝިއާގެ ރައީސް ކައިސް ބައްދަލު ކުރައްވަނީ

އާ ބޮޑުވަޒީރު އައްޔަން ކުރެއްވުމަށްފަހު، ވީޑިއޯމެދުވެރިކޮށް އޮންލައިންކޮށް ވާހަކަ ދައްކަވަމުން ކައިސް ވިދާޅުވެފައިވަނީ، ރޮމްދާން ބޮޑުވަޒީރުކަމަށް އައްޔަން ކުރެވިގެން ދިއުމަކީ ޓިއުނީޝިއާގެ ހުރިހާ އަންހެނުންނަށްވެސް ލިބިގެންދިޔަ ފަޚުރެއް ކަމުގައެވެ. އަދި ވަނީ އޭނާއަށް ކެބިނެޓް އެކުލަވާލާ ރައީސަށް ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވާފައެވެ.

ކައިސް ސައީދު ވިދާޅުވި ގޮތުގައި ޓިއުނީޝިއާގެ އާ ބޮޑުވަޒީ ވާންވާނީ ރައްޔިތުން އެދޭކަންކަމުގެ އަޑު އައްސަވާ އަދި ސިއްޙަތާއި ޓްރާންޕޯޓާއި އަދި ތައުލީމީ ކަންކަން ރަގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވާނޭ ބޫފުޅަކަށް ކަމުގައެވެ.

ޓިއުނީޝިއާގެ ރައީސް ކައިސް ސައިދުވަނީ، މީގެ ދެމަސްކުރިން އެގައުމުގެ ބޮޑުވަޒީރު މަގާމުން ދުރުކޮށް، ގާނުނުހަދާ މަޖިލިސް ސަސްޕެންޑްކޮށް، ވެރިކަމުގެ ހުރިހާ ބާރެއް އައްޕުޅަށް ނަންގަވާފައެވެ. ރައީސް ސައިދު ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑްކޮށް، ގައުމު ހިންގުމުގެ ހުރިހާ ބާރެއް ނެންގެވި ނެންގެވުން އިދިކޮޅު ފަރާތްތަކުން ސިފަ ކޮށްފައިވަނީ އޭނާ ގެންނެވި ބަޢާވާތެއްގެ ގޮތުގައެވެ.

އެހެންނަމަވެސް ކައިސް ސައީދު ވިދާޅުވެފައިވަނީ، ގައުމު ފުން އަދަވަޅަކަށް ވެއްޓިގެން ދިއުމުން ސަލާމަތް ކުރެއްމަށް އެއީ އޭނާއަށް ނިމަވަން މަޖުބޫރު ނިންމެވުންތަކެއް ކަމުގައެވެ.

އަދި، މި ނިންމެވުމާއެކު، އެގުމުގެ ގާނުނުހަދާ މަޖިލިހުގެ މެމްބަރުންނަށް ލިބިފައިވާ ހުރިހާ އިމްތިޔާޒެއްވެސް މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފައި ބޭއްވުމަށްވެސް ރައީސް ސައީދު ނިންމަވާފައިވާ ކަމަށްވެސް ޓިއުނީޝިއާގެ ރައީސް އޮފީހުން ހާމަ ކޮށްފައިވެއެވެ.

މިހާރުގެ ރައީސް ސައީދުއަކީ، 2019ގެ ޓިއުނީޝިއާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އެންމެ ފުރަތަމަ ފާޅުކުރެއްވި ކެނޑިޑޭޓޭވެ. އޭނާ އެ އިންތިޚާބުގައި ވާދަކޮށްފައިވަނީ އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅިވަޑައިގެނެއް ނޫނެެވެ. ނަތީޖާއެއްގެ ގޮތުން، ސިޔާސީ ފަރާތްތަކުގެ ޗަރުކޭސްތަކުގެ މަތިން ފޫހިވެފައިވާ އެތަކެއް ރައްޔިތުންނެއްގެ ތާއީދު އޭނާއަށް ލިބިގެން ދިޔައެވެ. އަދި ވަކީން ޚާއްސަކޮށް، ޓިއުނީޝިއާގެ ޒުވާން އާބާދީގެ ބޮޑު އިންސައްތައެއްގެ ތާޢީދުވެސް އޭނާއަށް އެ އިންތިޚާބުގައި ލިބިގެން ގޮސްފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *