އާމްދަނިއަށް ނުރަނގަޅު އަސަރުކުރި މީހުންނަށް ދޫކުރި އިންކަމް ސަޕޯޓް އެލަވެންސް ހޯދުމަށް، ސައްޙަ ނޫން ލިޔެކިޔުންތައް ހުށައަޅައިގެން ފަސް މިލިއަނެއްހާ ރުފިޔާ ދޫކުރިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް އެލަވެންސް ޕްރޮޖެކްޓްގެ އޮޑިޓް ރިޕޯޓްގައި ވާގޮތުން އޮޅުވާލައިގެން އިންކަމް ސަޕޯޓްގެ ގޮތުގައި ހޯދި ފައިސާގެ ޢަދަދު 4.97 މިލިއަން ރުފިޔާއަށް އަރައެވެ. އެފައިސާގެ ތެރެއިން ރިކަވާ ކުރެވިފައިވަނީ 213،884 ރުފިޔާކަމަށެވެ. އަދި 4.76 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ޑިސެމްބަރާއި ހަމައަށް ހޯދިފައިނުވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ. އޮޑިޓް ރިޕޯޓްގައިވާގޮތުން އޮޅުވާލައިގެން ހޯދާފައިވާ އެލަވެންސް ވީހާވެސް އަވަހަށް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއަށް ވަނީ އިލްތިމާސްކޮށްފައެވެ.
އިންކަމް ސަޕޯޓް އެލަވަންސަކީ ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، އަދި ވިޔަފާރިތައް ހުއްޓި އާމްދަނީއަށް އަސަރުކުރުމާއި ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސްއެކެވެ. މި އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރއަށެވެ.
އޮޅުވާލައިގެން އިންކަމް އެލަވެންސް ހޯދާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން ކުރިން ހެދި ރިވިއު ރިޕޯޓުންވެސް އޮޅުވާލައިގެން އިންކަމް ސަޕޯޓް އެލަވެންސް ބައެއް ފަރާތްތަކުން ހޯދާފައިވާކަން ހާމަވުމާއި ގުޅިގެން އެ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ހާމަކުރައްވާފައިވެއެވެ. އެގޮތުން އެފައިސާ ހޯދުމަށް ފިޔަވަޅުތައް އަޅަމުން އަންނަކަަމށާއި، ނަމަވެސް ފައިސާ އަނބުރާ ރައްދުކުރަން އެފަރާތްތަކުން ދެކޮޅު ހަދަމުން އަންނަކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއް ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ