ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.
އެމްޓީސީސީން ބުނީ، ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓްމިއަދު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައިވާކަމަށެވެ.
ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް 28 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންދެވިފައި. މި މަޝްރޫޢަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫޢެއް. #MTCCProjects #RayyithungeKunfuni pic.twitter.com/LW1oBAkRYl
— MTCC Plc (@MTCCPlc) September 28, 2021
ށ. ބިލެއްފަހި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ 10 ޑިސެމްބަރު 2019 ގައެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް އެކުންފުނިން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ބިލެއްފަހީގައި މިހާރު ބޭނުންކުރަމުންދަނީ 2007 ވަނަ އަހަރުގެ ތެރޭގައި ތަރައްޤީކޮށްފައިވާ ބަނދަރެކެވެ. ނަމަވެސް މަރާމާތުނުކުރެވި ދުވަސްވުމުގެ ސަބަބުން ބަނދަރަށް ބައެއްކަހަލަ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ބިލެއްފަހި ކައުންސިލުން ފާހަގަކޮށްފައިވަނީ، ބަނދަރުގެ ނެރުގައި އުފެދޭ ރާޅުގެ ސަބަބުން ބަނދަރަށް އުޅަނދުފަހަރު ވަދެނިކުތުމަށް އުނދަގޫވާކަމުގެ މައްސަލައެވެ. އަދި އެކަން ހައްލުކޮށްދިނުމަށް ރަށުގެ ރައްޔިތުން ދިޔައީ ސަަރުކާރުގައި އެދެމުންނެވެ.
ބިލެއްފަހި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 24,125 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 1,150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.