ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އދ.ގެ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޤްރީރު ކުރައްވާފައި ވަނީ ސެޕްޓެންބަރު 21 ވަނަ ދުވަހު ދިވެހިންގެ މާދަރީ ބަސް، ދިވެހިބަހުންނެވެ.
މި ތަޤުރީރުގައި އދ. ގެ ރިޔާސަތާ މުޚާތަބްކުރައްވައި ދިވެހި ބަހުން ވާހަކަދެއްކެވިކަމީ، މިނިވަން ދައުލަތެއްގެ މަޤާމު މީގެ 56 އަހަރުކުރިން ރާއްޖެއަށް ލިބުމާ ގުޅިގެން، ބައިނަލްއަޤްވާމީ މަސްރަޙުގައި ބަސްބުނުމުގެ ޤާބިލިއްޔަތާ މެދުގައާއި، ދިވެހިރާއްޖެއަކީ އެކަމަށް ކުފޫ ހަމަވާ ޤައުމެއްތޯ ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވުނު ސުވާލުގެ ޖަވާބުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ވަގުތުކޮޅަކީ ރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް ދިވެހިން ކުޑަ ނޫންކަން މުޅިދުނިޔެ ހެކިވި ވަގުތުކޮޅެއްކަން ފާހަގަކުރައްވައި މިއީ ހުރިހާ ދިވެހީންނަށް ލިބުނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ތަޤްރީރުގައި ކޯވިޑް-19ގެ ބަލިމަޑުކަމަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން މިފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މުޅި ދުނިޔެ އދ. ގެ ޢާންމު މަޖިލީހަށް ބަރޯސާވާކަން ފާހަގަކުރައްވައި، އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، ޙަކަތައާއި، ޢިލްމާއި، ހުނަރާއި، ހޯދުންތައް އެއްތަންކޮށް، އެކަމުގައި ހިއްސާވުމަށް އެއްބަސްވާން ޖެހޭކަން އެމަނިކުފާނުގެ ތަޤްރީރުގައި ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ އެމަނިކުފާނުގެ ތަޤްރީރުގައި، މޫސުމީ ބަދަލުތަކުގެ މައްސަލައަށް ވެސް އަލިއަޅުވާލެއްވިއެވެ. އެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި މައްސަލައިގައި ކުރާ ޝަކުވާއާއި ކުރާ ވަކާލާތުގައި އަމާންދީ، ފަހަތަށްޖެހުމުގެ އިޚްތިޔާރު ދިވެހިންނަށް ނެތްކަންކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރެއްވުމާއި ދުނިޔެއަށް ކުރިމަތުވެފައިވާ ޓެރަރިޒަމްގެ މައްސަލަފަދަ އެތައް މައުޟޫޢަކަށް އަލިއަޅުވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އދ.ގެ ޢާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވާފައި ވަނީ 2019 ވަނަ އަހަރެވެ. އެއީ އޭގެ ކުރިން ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ނުކުރައްވާ އޮތުމަށްފަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު، އދ.ގެ ޢާންމު މަޖިލީހަށް ވަޑައިގެން ތަޤްރީރުކުރެއްވި ފުރަތަމަ ފަހަރުކަމުގައިވުމުން އެފަހަރަކީވެސް ރާއްޖެއަށް ވަރަށް ޚާއްޞަވެގެންދިޔަ ފަހަރެކެވެ.
އަދި މިފަހަރު އ.ދ.ގެ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުން ރާއްޖެއަށް މާބޮޑަށް ޚާއްޞަވާ ސަބަބަކީ މިއީ ފުރަތަމަ ފަހަރަށް ރާއްޖެއިން އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަހަރުކަމުގައިވާތީއެވެ.
ކޮމެންޓު ފޮނުވާ