ދާއިރާތަކުގެ ތަރައްޤީއަށް އިމްރާން ހުރަސްއަޅުއްވާކަމުގެ ތުހުމަތު

ދާއިރާތަކުގެ ތަރައްޤީއަށް އިމްރާން ހުރަސްއަޅުއްވާކަމުގެ ތުހުމަތު

ގުޅުންހުރި

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެންދަވަނީ ދާއިރާތަކުގެ ތަރައްޤީއަށް ހުރަސް އަޅުއްވަމުންކަމަށްބުނެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އަނެއްކާވެސް ތުހުމަތު ކުރައްވައިފިއެވެ.

ރާއީވަނީ މިދިޔަ ހަފްތާގެ މަޖިލީހުގެ ޖަލްސާއެއްގައި މިނިސްޓަރ އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރާއީ ވިދާޅުވީ މިނިސްޓަރ އިމްރާން ގެންދަވަނީ އޭނާ ނިސްބަތްވާ މަކުނުދޫ ދާއިރާއަށާއި، އެނޫންވެސް އެހެން ބައެއް ދާއިރާތަކުގެ ތަރައްޤީއަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި ނުދިނުމަށް ހުރަސްއަޅުއްވަމުންކަމަށެވެ. އަދި އިމްރާނަކީ އަމިއްލަ އެދުމުން ހުސްވެފައިވާ މާދިއްޔަތަށް އުޅުއްވާ ބޭފުޅެއްކަމަށް ރާއީ ވަނީ ތުހުމަތު ކުރައްވާފައެވެ.

މިއަދު ރާއީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން އެންމެ ބާރުގަދަ އަދި އެންމެ ނުފޫޒު ގަދަ ވުޒާރާއާއި ހަވާލުވެ ހުންނަވައިގެން މިނިސްޓަރ އިމްރާން އެކި ދާއިރާތަކުގެ ތަރައްޤީއަށް ހުރަސްއަޅައި، މިނިސްޓަރުންނަށް ގުޅުއްވައިގެން ތަރައްޤީގެ ކަންކަން މަޑު ޖެއްސުމަށް މަސައްކަތް ކުރަމުންދާމަށެވެ. މިކަމީ އެއްވެސް ހާލެއްގައި ވަކި މެމްބަރަކަަށް ކުރެވޭނެ ޖެއްސުމެއް ނޫންކަމަށާއި، މިއީ ރާއްޖޭގެ ރައްޔިތުންނަށް ކުރެވޭ ޖެއްސުމެއްކަމަށް ރާއީ ވިދާޅުވިއެވެ.

ކޯލިޝަން ވަޒީރަކު އެއްމެ ބާރުގަދަ އޮފީހުގައި ހުރެމެ، ވަކިވަކި ދާއިރާތަކެއްގެ، ކަންކަމުގައި އުނދުޅި ބާނާ، އެހެނިހެން ވަޒީރުންނަށް ގުޅާ ކަންކަން ހުއްޓުވުމަށް ކުރާ މަސައްކަތް ހުއްޓާލަންޖެހޭ، ހިތުން ޖެއްސުންކުރަނީ MP އިންނަށް، ހަގީގަތުގައި ދެރަދެވެނީ މުޅި ދާއިރާ ރައްޔިތުން ނަށް.

– ރާއީ ވިދާޅުވިއެވެ.

ރާއީގެ އެންމެ ބޮޑު ނުރުހުމަކީ މިސަރުކާރުން ނޭކުރެންދޫގައި ޖަލެއް އެޅުމަށް ވައުދުވެ އެވައުުދު ނުފުއްދި ލަސްވަމުންދާތީއެވެ. އޭނާ ވިދާޅުވީ ނޭކުރެންދޫގައި ޖަލެއް އެޅުމަށް އިމްރާން ވައުދުވެ ތަފާތު ކުރެހުން ރައްޔިތުންނަށް ދައްކައި، ކުލަހުވަފެނުގައި ތިން އަހަރު ގެންގުޅެފައިވާކަމަށެވެ. ނަމަވެސް ދެން އެކަން ނުވާނެކަމަށެވެ. އިމްރާން ދެން ނޭކުރެންދޫއަށް ދާއިރު އިސްތިއުފާއަށް ގޮވައި ރަށުން ބާލާވަރު ނުކުރަނީސް ވެފައިވާ ވައުދު ފުއްދަން ޖެހޭނެކަމަށް ރައީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި އަދާލަތުގެ ގޮޑިއެއް ނެތުމަކީ، އެހެންބައެއްގެ މައްސަލައެއް ނޫންކަމަށެވެ. އަދި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައިވެސް އަދާލަތުގެ ބޭފުޅަކަށް މަޖިލީހަކަށް ނުވަދެވޭނެކަމަށެވެ.

ހދ. ނޭކުރަންދޫގައި ޖަލެއް ހެދުމަށް 2020ވަނަ އަހަރުގެ ބަޖެޓުންވަނީ 4.17 މިލިޔަން ރުފިޔާ ހިމަނާ ފައެވެ. ކޯވިޑް-19 އާއި ގުޅިގެން މަސައްކަތް ހުއްޓިފައިވީނަމަވެސް އަލުން އެމަސައްކަތް ފެށުމަށްޓަކައި މަސައްކަތްކުރެވެމުްނދިޔަކަމަށް ހޯމް މިނިސްޓަރ އިމްރާން ކުރިންވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އޭގެ އެއްވެސް މަސައްކަތެއް ހިނގަމުން ނުދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ