ޔޫއެން ޖެނެރަލް އެސެމްބްލީގެ މިއަރުގެ އާންމު ޖަލްސާ ނިމި، ލީޑަރުންގެ އާންމު ބަހުސް މިއަދު ނިންމާލާފައި ވާއިރު، އާންމު މަޖިލިހުގެ ތަގުރީރު ކުރެއްވި 194 ގައުމުގެ އިސްވެރިންގެ ތެރޭގައި ހިމެނިވަޑައި ގަންނަވަނީ އެންމެ 18 އަންހެން ބޭފުޅުން ކަމުގައި، އާންމު މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅު ވެއްޖެއެވެ.
ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖިންސީ ހަމަހަމަ ކަމުގެ ވާހަކައަކީ މިއަހަރގެ ޖެނެރަލް އެސެމްބްލީގައި މިހަހަރު ވަރަށް ދިގުކޮށް ބަހުސް ކުރެވިފައިވާ މައްސަލައެއް ކަމަށާއި، އެހެންނަމަވެސް، އަންހެން ކަނބަލުން މިހަރުގެ އާންމު ބަހުސްގައި ތަމްސީލު ވެގެންދިޔައީ، ވަރަށް ހީނަރުކޮށް ކަމަށެވެ. އަދި މިއީ ހިތާމަކުރައްވާ ކަމެއްކަމުގައި ޝާހިދު ވިދާޅުވެފައި ވެއެވެ.
Another issue that was spoke about at length – and which was sadly on display – was the deeply poor gender representation at the highest levels of our work.
Only 1️⃣8️⃣ of the 194 speakers this year were women.
Colleagues, we must do more.#Deliver4Equality #PresidencyOfHope pic.twitter.com/NOsrwykUa6— Abdulla Shahid (@abdulla_shahid) September 28, 2021
މިމަހުގެ 22 ވަނަ ދުވަހު ފެށިގެން 6 ދުވަހުގެ މުއްދަތަސް ކުރިޔަށްދިޔަ، ކުރިޔަށްދިޔަ މިއަދައުރުގެ ޔޫއެން ޖެނެރަލް އެސެމްބްލީގެ އާންމު ބައްދަލުވުން މިއަދު ނިންމާލިއިރު، މި ބައްދަލުވުމުގައި ޖެނެރަލް އެސެމްބްލީގައި ތަމްސީލު ކުރަމުންދާ 194 ގައުމެއްގެ އިސްވެރިން ވާހަކަ ދައްކަވާފައި ވެއެވެ.
މީގެތެރޭގައި ދުނިޔޭގެ 100 ގައުމަކުން ދައުލަތުގެ އެންމެ އިސްވެރިން އާންމު މަޖިލިހުގައި ތަގްރީރު ކުރައްވާފައިވާއިރު، 52 ގައުމެއްގެ ސަރުކާރުގެ އެންމެ އިސްވެރިން ތަގުރީރު ކުރައްވާފައި ވެއެވެ. އަދި މީގެ އިތުރުން 3 ގައުމެއްގެ ނައިބު ރައީސުންނާއި، 34 ގައުމަކުން ވަޒީރުން ފެންވަރުގެ ބޭފުޅުން މި ޖަލްސާގައި މިއަހަރު ތަގްރީރު ކުރައްވާފައި ވެއެވެ.
މިހާރު ފެށިގެން ކުރިޔަށްދާ 76ވަނަ އާންމު މަޖިލިހުގައި މިއަހަރު ދުނިޔޭގެ ބައެއް ގައުމުތަކުގެ ވެރިން ވަނީ ވީޑިއޯ މެދުވެރިކޮށްވެސް އާންމު މަޖިލިހުގައި ތަގްރީރު ކުރައްވާފައެވެ. މީގެތެރޭގައި އިރާނުގެ ރައީސްކަމަށް ދާދިފަހުން އިންތިޚާބު ވެވަޑައިގަތް އިބްރާހިމް ރައީސީއާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ހިމެނިވަޑައިގަންނަވައެވެ.
6 ދުވަހަށް ކުރިޔަށްދިޔަ މިއަހަރުގެ އާންމު މަޖިލިހުގެ ޖަލްސާ މިއަދު ނިމިގެން ދިޔައިރު މި ޖަލްސާގައި ދުނިޔޭގެ ލީޑަރުންވަނީ މިހާރު ދުނިޔެއަށް ކުރިމަތިވަފައިވާ ބޮޑެތި މައްސަލަތަކަށް އަލި އަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ.
މިގޮތުން މި ޖަލްސާގައި ދުނިޔޭގެ ލީޑަރުން އަލި އަޅުއްވާލެވި މުހިން ކަންކަމުގެ ތެރޭގައި، ކޯވިޑް19 އިން ރައްކާތެރި ވުމާއި، ވެކްސިންގެ ހަމަހަމަ ކަމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަލާމަތާއި ރައްކާތެރިކަން އަދި ސުލްހަ ގާއިމްކުރުން ހިމެނެއެވެ.
ޔޫއެން ޖެނެރަލް އެސެމްބްލީއަކީ މި ޖަމިއްޔާގެ 194 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހެވެ. މިއީ ޔޫއެންގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު ގުނަވަނެވެ.
އަދި މި މަޖިލިހަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ތަމްސީލުކުރާ ދަރުބާރަކަށް ވުމާއެކު، މިއީ ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވާ ތަފާތު މައްސަލަތަކާމެދު ބަހުސްކުރެވޭ، އަދި އެވަގުތެއްގެ ދުނިޔޭގެ ސިޔާސީ، އިގްތުސާދީ އަދި އިޖުތިމާއީ ހާލަތު ވަރަށްވެސް ރަގަޅަށް ތަމްސީލުކޮށްދޭ މަޖިލިހެކެވެ.
މިގޮތުން އާންމު މަޖިލިހުން، ޔޫއެންގައި އަދާކުރާ މައިގަޑު 3 މަސްއޫލިއްޔަތެއް އޮވެއެވެ. އެ މަސްއޫލިއްޔަތު ތަކަކީ:
- ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ލަފާގެމަތިން، ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް އައްޔަން ކުރުން
- ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ނޫން މެމްބަރުން އައްޔަން ކުރުން
- ޔޫއެންގެ ބަޖެޓު ފާސްކުރުން
ޔޫއެންގެ ޖެނެރަލް އެސެމްބްލީން ރަސްމީކޮށް، ވަކި ތާވަލެއްގެ ދަށުން ބައްދަލުންވުންތައް ބާއްވާނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަނަލަށެވެ. އެއަށްފަހު، އާންމު މަޖިލިސް ބައްދަލު ކުރާނީ، ބޭނުންވެއްޖެ ހާލަތެއްގައެވެ.