ފުރަތަމަ ޖޭއެސްސީން ބޭރުކުރަންވީ މަސްތޫރު: ސަލީމް

ފުރަތަމަ ޖޭއެސްސީން ބޭރުކުރަންވީ މަސްތޫރު: ސަލީމް

Author
މުޙައްމަދު ޖިމީ
28 ސެޕްޓެމްބަރ 2021 07:29
0

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނާއިބު ރައީސް މަސްތޫރު ހުސްނީގެ ނުފޫޒްގެ ސަބަބުން އެއްވެސް ޤާޟީއަކަށް ރަނގަޅަށް މަސައްކަތް ކުރެވޭނެ މާހައުލެއް ނެތްކަމަށާއި، އޭނާ ޖޭއެސްސީން ބޭރުކުރަންޖެހޭކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި އޮތް ސިލްސިލާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް (ރެޑްވޭވް ސަލީމް) ވަނީ ރައީސް ޔާމީންގެ ޝަރީޢަތަކަށް ސަރުކާރުން ނުފޫޒް ފޯރުވުމަށް ކުރާމަސައްކަތްތަކަށާއި، ޖޭއެސްސީގެ މަސައްކަތްތަކަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ މިސަރުކާރުގެ ވަޢުދެއްނަމަވެސް މިހާތަނަށް އެކަން ކޮށްފައިނުވާތީ ފާޑުވިދާޅުވަމުން ސަލީމް ވިދާޅުވީ، މަސްތޫރުގެ ސަބަބުން ޤާޟީންނށް މަސައްކަތް ކުރެވެން ނެތްކަމަށެވެ. އެގޮތުން ޤާޟީންގެ ގިނަ މައްސަލަތަކެއް ޖޭއެސްސީން ބަލައި، އެ ޤާޟިންނާމެދު ބޮޑެތި މައްސަލަކުގެ ތުހުމަތުތައް އަޅުއްވަމުން ގެންދަވާކަަމށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވަނީ މަސްތޫރު ޖޭއެސްސީން ބޭރުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

ދެން މިމީހުންގެ ބޮޑު މީހަކަށް މި ހުންނަނީ ކޮންބައެއްތޯ؟ (މަސްތޫރު)… އޭނާގެ އުނދަގޫ ބޮޑުވެގެން އެއްވެސް ޤާޞިއަކަށް ނެތް ޤާޟީކަން ކުރެވޭކަށް. ސުލޫކީ ކޮންމެ މައްސަލައެއް އޭނާ ނިންމަވަނީ ކޮންގޮތަކަށް. ކުރިން ލީ މައްސަލައަށްވުރެ ބޮޑު މައްސަލައެއްގަ އެމީހެއްގެ ދުވަސް ދުއްވާލަނީ. މި ދުސްތޫރު (މަސްތޫރު)މިއީ ކަމުދާ މީހެއްނޫން. އެއީ މަތޫރުވިޔަސް ދުސްތޫރުވިޔަސް. މީނަވެސް އެބަޖެހޭ މިތަނުން ބޭރުކުރަން. އަޅުގަނޑުމެން ރައްޔިތުން ނިކުމެގެންވިޔަސް ޖެހޭ މި މަސްތޫރު ބޭރުކުރަން. އަދި ދުސްތޫރުވެސް ބޭރުކުރަން.

– އަޙްމަދު ސަލީމް

މަސްތޫރަކީ ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މެންބަރެވެ. ސަލީމް ވިދާޅުވީ ޖޭއެސްސީގައި މުޅިންވެސް ތިއްބެވީ ތަސއްވުރު ނުފުދޭ ބޭފުޅުންކަމަށެވެ.

ޖޭއެސްސީ ޕްރައިވެޓް ލިމިޓެޑްގައި ހުރި ރައީސް، ރައީސްކަމުން އިސްތިއުފާދެއްވާފައި މިހާރު ހުންނަނީ އަންހެން ބޭކަނބަލަކަށް ރައީސްކަން ހަވާލުކުރައްވާފައި. އެމަނިކުފާނު ގޮސް މިހާރު އެހުންނަވަނީ ބޭރުގައި. މިތަނަކީ މީ އެއްކަލަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަންނަވަންވެގެން އެންމެ ވަރުގަދައަށް ދެއްކެވި ވާހަކަ. މިތާގައިވެސް މިތިބީ ކޮންބައެއްތޯ. މިމީހުން ލާފަ ތިބި ކަނޑުކޮހުންތަކެއް. ހަމަ އެއްވެސް ތަސައްވުރު ފުދޭ ބައެއްނޫން.

– އަޙްމަދު ސަލީމް

ރައީސް ޔާމީނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، ރައީސް ޔާމީން މިހާތަނަށް އެއްވެސް ކަމަކަށް ނުފޫޒް ފޯރުވާފައިނުވާނެކަމަށާއި، އެއީ ނުފޫޒް ކަންކަން ނިންމެވި ލީޑަރެއް ނޫންކަމަށެވެ.

ރައީސް ޔާމީން އަޅުގަނޑުމެންވެސް ވަރަށް ރަނގަޅަށް ދަންނަމޭ. ރައީސް ޔާމީން ދަންނަނީ އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރަކު ނޫނޭ.އަޅުގަނޑު 1981 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީން ދަންނަމޭ. އަޅުގަނޑުމެން ވަޒީފައި ތިއްބައޭ ރައީސް ޔާމީން ވަޒީއަށް ވަޑައިގަތީ. އެހެންވީމަ އެންމެ ކުޑައިރުންސުރެ ރައީސް ޔާމީން ދަންނަން. ރައީސް ޔާމީން ވަޑައިގަތީ ވެރިކަމަށް ތައްޔާރުވެގެން. ރަނގަޅު އެއްޗަކުން ނުކުންނާނީ ރަނގަޅު އެއްޗެކޭ އެބުނަނީ.

– އަޙްމަދު ސަލީމް

ސަލީމް ޖޭއެސްސީއަށް ފާޑުވިދާޅުވެފައިވާއިރު، ސަރުކާރަށް ތިން އަހަރުވެގެންދާއިރު މިހާތަނަށްވެސް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށްފައި ނުވާތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.

ޖޭއެސްސީގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. އަދި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް މި ކޮމިޝަންގައި އިންނަވައެވެ. އޭގެ އިތުރުން، ދައުލަތުގެ ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތު އިތުރުން، ރައީސް ސޯލިހްގެ ފަރާތުން ކޮމިޝަނަށް އައްޔަން ކޮށްފައިވާ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ ވެސް އެ ކޮމިޝަންގައި އިންނަވައެވެ. ނަޖީއާއެއްގެ ގޮތުން، މި ކޮމިޝަންގައި މިހާރު މެޖޯރިޓީ ބެފުޅުންގެ ގޮތުގައި ތިއްބެވީ، ސަރުކާރުގެ ވިސްނުމަށް ތާއީދު ކުރައްވާ، އަދި ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.