މީގެ 34 އަހަރުކުރިން، 1987ވަނަ އަހަރު، ތަމަޅަ ދައުލަތެއް ހެދުމަށް ޑިމާންޑްކޮށް، ކުރި ބަޑުހައިހޫނު ކަމުގެ ހަޅުތާލެއްގައި ދުނިޔެ ދޫކުރި ތަމަޅަ ހަގުރާމަ ވެރިއެއްގެ ހަނދާން ސްރީލަންކާގެ ތަމަޅަ ދަރިކޮޅަށް ނިސްބަތްވާ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު އާކޮށްފިއެވެ.
ސްރީލަންކާގައި ވަކިވެގަތުމަށް، ތަމަޅައިން ސްރީލާންކާގެ ސަރުކާރާ ދެކޮޅަށް ގެރިއްލާ ހަގުރާމައެއް ކުރަމުންދިޔަ ދުވަސްވަރު، ތަމަޅަ ހަގުރާމަވެރިންގެ ލެފްޓިނެންޓްއެއް ކަމުގައިވާ ތިލީޕަން، ސްރީލަންކާއާއި އިންޑިއާގެ ސަރުކާރަށް 5 ޑިމާންޑެއްކޮށް، ބަޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރުމަށް ނިންމީ އޭނޭގެ އުމުރުން އެންމެ 23 އަހަރުގައެވެ.
އޭރު ޖަފްނާ ޔުނިވަސިޓީގައި މެޑިސިން ހަދަމުންދިޔަ ތިލީޕަން ޔުނިވަރސިޓީ ތައުލީމު ދޫކޮށް، ތަމަޅައިން ކުރަމުންދިޔަ ގެރިއްލާ ހަގުރާމައާއި ގުޅުނީ ތަމަޅައިންގެ ހައްގުތައް ހޯދުމަށް ތަމަޅަ ޓައިގަރުން ކުރަމުންދިޔަ ހަގުރާމާގައި ބަރިވެރި ވުމަށެވެ.

އަދި 1987 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އޭނާ އެތައް ހާސް މީހުންގެ ކުރިމަތީގައި ބަޑުހައި ހޫނުކަމުގެ ހަޅުތާލު ފެށީ، ސްރީލަންކާގެ ސަރުކާރަށާއި އަދި އަދި އޭރު ސުލްހަ ބެލެހެއްޓުމަށް ސްރީލަންކާގައި ތިބި އިންޑިއާ ސިފައިންނަށް 5 ޝަރުތެއް ކުރިމަތި ކުރުވަމުންނެވެ.
އެއީ:
1: ސްރީލަންކާގައި އޭރު ފާސްކޮށްފައިވާ ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ދަށުން، ޕޮލިސް ސްޓޭޝަންތަކުގައާއި، އަސްކަރީ ކޭމްޕްތަކުގައާއި ޖަލުތަކުގައާއި ހައްޔަރުކޮށްފައި ތިބި އެންމެހާ ތަމަޅައިން ދޫކޮށްލުން
2: ސްރީލަންކާގެ ސަރުކާރުން، ތަމަޅައިންގެ ބިންތައް އިސްތިއުމާރު ކުރަމުން ދިއުން ހުއްޓުމަކަށް ގެނައުން
3: ތަމަޅައިންގެ ސަރަހައްދު ތަކުގައި، ސިންހަޅައިންގެ ޕޮލިސް ސްޓޭޝަންތައް ގާއިމް ކުރަމުން ދިއުން ހުއްޓުމަކަށް ގެނައުން
4: ސްރީލަންކާގެ ސަރުކާރު ސިފައިން ތަމަޅައިންގެ ސަރަހައްދުތަކުން ފޭބުމާއި، އޭރު ތަމަޅައިންގެ ސަރަހައްދު ތަކުގައި ސުލްހަ ބަލަހައްޓަމުންދިޔަ އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުން އަމިއްލަ ސަލާމަތަށް ހަތިޔާރުތައް ހަވާލުކޮށްފައި ތިބި އެންމެންގެ އަތުން ހަތިޔާރުތައް އަތުލުން
5: ތަމަޅައިންގެ ބިމުގައި ތަމަޅައިންގެ އަމިއްލަ އިންތިޤާލީ ސަރުކާރެއް ގާއިމް ކުރެވެންދެން، ސްރީލަންކާ ސަރުކާރުން ކުރިޔަށް ގެންދަމުންދިޔަ ރިހިބިލިޓޭޝަންގެ ހުރިހާ ކަމެއް ހުއްޓުމަކަށް ގެނައުން
ތިލީޕަން، މި ޑިމާންޑްތައްކޮށް އެއްވެސް ކާއެއްޗެއް ނުކައި އަދި ބޯއެއްޗެއްވެސް ނުބޮއި 12 ދުވަސް ހޭދަ ކޮށްފައި ވެއެވެ. މި ހައިހޫނުކަމުގެ ހަޅުތާލު އޭނާ ކޮށްފައިވަނި ޖަފްނާގައި ހުންނަ ފައްޅިއެއްގެ ކުރިމަތީގައެވެ. އަދި އޭނާވަނީ، މި ހައިހޫނު ކަމުގެ ހަޅުތާލުގައި، ވަރުދެރަވެ އޭނާގެ ހެޔަށް ގޮތްވި ކަމުގައިވި ނަމަވެސް، މިއިން ޝަރުތަކަށް ބޯނުލަބާހާ ހިދަކު، އޭނާގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުންނަމަވެސް، އޭނާގެ ކަރަށް ފެންފޮދެއްވެސް ނޭޅުމަށް އެދި، އަންގާފައެވެ.

ތިލީޕަން ބަނޑުހައިހޫނު ކަމުގެ ހަޅުތާލުގައި 12 ދުވަސްފަހުން އޭނާ މަރުވެ ދިއުމުގެ ކުރިން އޭނާގެ އެންމެ ފަހު ބަހަކަށްވީ، "އަހަރެމެންނަށް ކޮންމެވެސް ދުވަހަކުން، އަހަރެން އެދެމުން މިދާ މިނިވަންކަން ލިބިގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރުން. އަހަރެންނަށް މިއަދު ހިންހަމަ ޖެހުމާއި ހިތްވަރު ލިބިގެން ދަނީ، އަހަރެން އަދާކުރަމުން މިދަނީ ގައުމަށްޓަކާ އަދާކުރަންޖެހޭ ގައުމީ ޒިންމާއަކަށް ވާތީ،" މިއީއެވެ.
ތިލީޕަން މަރުވެ ދިއުމަށްފަހު، އޭނާ އެދިފައިވާ ފަދައިން އޭނާގެ ހަށިގަޑު ހަދިޔާ ކޮށްފައިވަނީ، ތަމަޅައިގެން ހަގުރާމަވެރިންނާއ އޭނާ ގުޅުމުގެ ކުރިން އޭނާ ތައުލީމު ހާސުލްކުރަމުންއައި ޖަފްނާގެ މެޑިކަލް ޔުނިވަރސިޓީއަށެވެ.
ތިލީޕަންގެ ހަދާންތައް، އިޓަލީ، އިގިރޭސިވިލާތްފަދަ ގައުމުތަކުގައިވެސް ދިރިއުޅެމުންދާ ސްރީލަންކާގެ ތަމަޅަ ދަރިކޮޅަށް ނިސްބަތްވާ މީހުންވަނީ މިއަދު އެކި ފެންވަރުގައި ފާހަގަ ކޮށްފައި ވެއެވެ.
