ތޫފާން "ގުލާބް"ގެ އަސަރެއް ނުކުރާނެ، ނަމަވެސް މޫސުން ގޯސްވާނެ: މެޓް

ތޫފާން "ގުލާބް"ގެ އަސަރެއް ނުކުރާނެ، ނަމަވެސް މޫސުން ގޯސްވާނެ: މެޓް

Author
މުޙައްމަދު ޝަޒައިމް
26 ސެޕްޓެމްބަރ 2021 05:53
0

ބޭ އޮފް ބޭންގޯލްގެ ހުޅަނގު އުތުރުގައި އުފެދިފައިވާ ތޫފާން "ގުލާބް"ގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.

މެޓު އޮފީހުން ބުނެފައިވަނީ މި ޠޫފާން ދަތުރުކުރަމުންދަނީ ރާއްޖެއާއި ދުރުން ކަމަށެވެ. މި ޠޫފާން "ގުލާބް" ދަތުރުކުރަމުން އަންނަނީ ހުޅަނގަށް ކަމަށާ މިރޭގެ ވަގުތެއްގައި މިޠޫފާން އިންޑިއާގެ އިރުމަތީ އައްސޭރި ހުރަސްކުރާނެކަމަށްވެސް މެޓު އޮފީހުން ލަފާކުރައްވައެވެ.

އަވައްޓެރި ޤައުމަކާ ގާތުން މިފަދަ ޠޫފާނެއް ދަތުރުކުރިކަމުގައިވީނަމަވެސް މީގެ އަސަރެއް ރާއްޖެއަށް ނެތްކަން ފާހަގަކުރައްވަމުން މެޓު އޮފީހުން ވިދާޅުވީ ރާއްޖެއަށް މިހާރުކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެގެން ކުރަމުން އަންނަ ވިއްސާރައެއްކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުވެސް މިވިއްސާރައިގެ އަސަރު ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަނެކަމަށް އެއޮފީހުން ވިދާޅުވެއެވެ. އަދި ގުގުރުމާއެކު ވާރޭވެހޭނެކަމަށާ މިސަރަޙައްދުގެ ވައި ޢާއްމުގޮތެއްގައި ގަދަވާނެކަމަށް އެއިދާރާއިން ލަފާކުރައްވައެވެ.

މެޓު އޮފީހުންވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރަނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކާއި ހައިވޭއާއި ބްރިޖުމަތީ ދަތުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވަނީ އެދިވަޑައިގަންނަވާފައެވެ. މީގެއިތުރުން ދިޔަވަރު ބޮޑުވާގަޑިތަކުގައި އުފައެރުމުގެ ފުރުސަތު ބޮޑުކަމަށާއި ވިއްސާރަވެހި ފެންބޮޑުވުމުގެ ފުރުސަތުވެސް އޮތުމާއެކު ޢާއްމުގޮތެއްގައި މޫސުމަށް ހުރިހާ ފަރާތަކުންވެސް ސަމާލުވުމަށް މެޓުއޮފީހުން އިލްތިމާސްކުރައްވައެވެ.

މިހާރުވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަތަކަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.