އިއްޔެ ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް އިންތިޚާބުގެ ނަތީޖާތައް އާންމުވެގެން އައިއިރު، މި އިންތިޚާބުގައި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ބަރުލަމާނީ ކެމްޕޭއިންއަށް ތާއީދު ހޯދުމަށް ކެމްޕޭން ކުރަމުންދިޔަ ނަޝީދުގެ ތާއީދު އޮތް ގިނަ ކެނޑިޑޭޓުންނަށް އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.
ވާދަވެރި އިންތިޚާބެއްގައި، އެމްޑީޕީގެ ދެފެކްޝަނުން ވާދަވެރިކޮށް ކެމްޕޭން ކުރަމުން އައި މިއިންތިޚާބުގައި، އިންތިޚާބުގެ ނަތީޖާއިންވެސް ވަނީ އެމްޑީޕީގެ އެތެރޭގައި، ދެފެކްޝަންގެ ދެމެދުގައި އޮތް ވާދަވެރިކަން ވަރަށްވެސް ބޮޑަށް ރަމްޒު ކޮށްދީފައެވެ. ސަބަބަކަށް ވެގެން ދިޔައީ، މި އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެމަނިކްފާނުގެ ތާޢީދު އޮންނާނީ ބަރުލަމާނީ ނިޒާމަށް ތާޢީދުކުރާ ކެނޑިޑޭޓުންނަށް އެކަނިކަމަށް މީގެ ކުރިން ނަޝީދު ވިދާޅުވެފައިވާތީއެވެ.
އަދި އޭގެ ނަތީޖާއެއްގެ ގޮތުން، މިއިންތިޚާބުގައި ފާޅުގައި ނަޝީދަށް ތާއީދުކުރަމުން އައި ވަރަށް ގިނަ ކެނޑިޑޭޓުން ކެމްޕޭނު ކުރަމުން އައިސްފައިވަނީ، ކެމްޕޭން ޝިއާރުތަކުގެ ގޮތުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކުރާކަން ވެސް ހާމަކޮށްދެމުންނެވެ. އެހެންނަމަވެސް އިންތިޚާބުގެ ނަތީޖާއިން ސާފުވެގެންދިޔަ އެއް ކަމަކަށް ވެގެން ދިޔައީ، ބަރުލަމާނީ ނިޒާމަށް ފާޅުގައި ތާއީދުނުކޮށް، ސަރުކާރުގެ ތާއީދުއޮތް ގިނަ ކެނޑިޑޭޓުން މިއިންތިޚާބުގައި ރަގަޅު ނަތީޖާއެއް ނެރެ، އެމްޑީޕީގެ ދެ ފެކްޝަންގެ ތެރެއިން، ރައީސް ސާލިހުގެ ފެކްޝަންގެ ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރި ގިނަ ކެނޑިޑޭޓުން އިންތިޚާބުގައި ކުރި ހޯދާފައި ވާކަމެވެ.
ގިނަ ވަޒީރުންނާއި، ރައީސް ސާލިހަށް ތާއީދު ކުރާ އެމްޑީން ގައުމީ މަޖިލިހަށް
ގައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރި ގިނަ ވަޒީރުންނާއި އަދި ކުންފުނިތަކުގެ އެމްޑީންވެސް ވަނީ ރައީސް ސާލިހުގެ ތާޢިދާއެކީ ގައުމީ މަޖިލިސް އިންތިޚާބު ކާމިޔާބު ކޮށްފައެވެ. މީގެ ތެރޭގައި، ރައީސް ސާލިހަށް ތާޢީދުކުރާ، މި ސަރުކާރުގެ 3 ވަޒީރަކުވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. މީގެތެރޭގައި މިހާރު ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ހިމެނިވަޑައިގަންނަވައެވެ. އޭނާއަކީ، ކޮރަޕްޝަންގެ ތުހުމަތުގައި، އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން އެންމެ ފުރަތަމަ ގެއްލުވާލި ކެނޑިޑޭޓެކެވެ. އަދި ނަޝީދަށް ތާއީދުކުރާ ޕާޓީގެ އިސް ފަރާތްތަކުން، އޭނާގެ ކެނޑިޑެސީ ގެއްލުވާލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކެނޑިޑޭޓެއްވެސް މެއެވެ.
ކެބިނެޓް ވަޒީރުންގެ ތެރެއިން ދެން އިންތިޚާބު ވެގެން ދިޔައީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލެވެ. އޭނައަކީ، ނަޝީދު އިސްވެ ހުންނަވައިގެން މަގާމުން ދުރުކުރުމަށް ފާއިތުވެދިޔަ އަހަރު މަޖިލިސް ތެރޭގައި ގިނަ މަސައްކަތްތަކެއް އޭނާއާއި ދެކޮޅަށް ކުރިޔަށް ގެންދެވުނު ވަޒީރެކެވެ. އޭނާގެ އިތުރުން ދެން އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރެވެ.
މީގެއިތުރުން، ސަރުކާރުގެ ތާޢީދު އޮތް އެމްޑީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާރްޑީސީގެ އެމްޑީ މޫސާ އަލިމަނިކް، މޫކޭއާއި، ފެނެކައިގެ އެމްޑީ މައިފޫނާ ސައީދުވެސް އިންތިޚާބު ކާމިޔާބު ކުރެއްވި، ސަރުކާރުގެ ތާއީދުއޮތް ކެނޑިޑޭޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާކަން ފާހަގަ ކޮށްލެވެއެވެ. އަދި މީގެ އިތުރުން ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ އެމްޑީގެ މަގާމަށް ފާއިތުވެދިޔަ އަހަރު ރައީސް ސާލިހު އައްޔަން ކުރެއްވި، ގައުމީ މަޖިލިސް އިންތިޚާބުގައި ފ. ބިލެތްދޫ ދާއިރާގެ ދާއިރާ ރައީސްކަމަށް ވާދަކުރައްވާ އިންތިޚާބު ކާމިޔާބު ކުރެއްވި މުހައްމަދު ރިޒްވީވެސް ހިމެނިވަޑައިގަންނަވައެވެ. މި ބޭބޭފުޅުންނަކީ ސަރުކާރުގެ އިސްބޭފުޅުންވެސް ދާއިރާތަކަަށް މި ބޭބޭފުޅުންނާއެކީ ދަތުރު ކުރައްވާ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކެމްޕޭން ކޮށްދެއްވާފައިވާ ކެނޑިޑޭޓުންކަންވެސް ފާހަގަ ކޮށްލެވެވެއެ.
އަތޮޅުތެރޭގެ ބައެއް އެހެން ސަރަހައްދުތަކަށް ބަލާއިރު، ބައެއް އަތޮޅުތަކުގައިވެސް ދާއިރާތަކުގެ ރައީސްކަމަށް ވާދަކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން ސަރުކާރުގެ ތާއީދު ފާޅުގަ އޮތް ވަރަށް ގިނަ ކެނޑިޑޭޓުންވަނީ އިންތިޚާބު ކާމިޔާބު ކޮށްފައެވެ. މީގެތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ރ އަތޮޅެވެ. ރ. އަތޮޅުގައި 5 ދާއިރާއަށްވެސް އިންތިޚާބުވެގެން ގޮސްފައިވަނީ ސަރުކާރަށް ފާޅުގައި ތާއީދުކުރަމުން އައި ކެނޑިޑޭޓުންނަވެ. މީގެތެރޭގައި މަޑުއްވަރީ ދާއިރާއާއި، އިގުރައިދޫ ދާއިރާއާއި، ދުވާފަރު ދާއިރާ ވަކީން ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވެއެވެ.
އަދި ހަމަ އެއާއެކު، މި އިންތިޚާބުގައި ނަޝީދަށް ތާއީދުކުރަމުން އައި، ޒަމާނުއްސުރެ އެމްޑީޕީގައި ނަޝީދުގެ ވިސްނު ކުރިޔަށް ނެރުއްވައިގެން ތިއްބެވި އިސް އެހެން ފަރާތްތަކަށްވެސް އިންތިޚާބުގައި ވަނީ ނާކާމިޔާބީއާއި ކުރިމަތި ލައްވަން ޖެހިވަޑައިގެންފައެވެ.
މީގެތެރޭގައި، އައްޑު އަތޮޅު ހިތަދޫ ދެކުނު ދާއިރާގެ ރައީސްކަމަށް ވާދަކުރެއްވި އެދާއިރާގެ މިހާރުގެ މެމްބަރު، އަދި ނަޝީދުގެ ގާތް މެމްބަރެއްގެ ގޮތުގައި ހުންނެވި، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންގެ ފިރިކަލުން، އިބުރާހިމް ނާޒިލްގެ މައްޗަށް ކުރި ހޯއްދާފައިވަނީ އެދައިރާއިން އޭނާއާއި ވާދަކުރެެއްވި އަންސަރު މޫސާއެވެ. މީގެ އިތުރުން އަލިފުށީ ދާއިރާއިން، މިހާރުގެ މެމްބަރު ބިގޭއާއި ވާދަކުރައްވާ، އިގުރައިދޫ ދާއިރާގެ މެމްބަރު ހަސަންޓޭ އަށްވަނީ ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. މިދާއިރާގެ ދާއިރާ ރައީސްކަން ކާމިޔާބު ކުރެއްވި ބިގޭއާއި ރައީސް ސާލިހާ ދެބޭފުޅުންނަކީ ދެ ޅިޔަނުންނެވެ.
މީގެ އިތުރުންވެސް، ސޯޝަލް މީޑިއާގައިވެސް ނަޝީދުގެ ބަރުލަމާނީ ވިސްނުމަށް ފާޅުގައި ތާއީދުކުރަމުން އައި އިސް ބައެއް އެކްޑޓިވިޓުންނަށްވެސް ވަނީ އިންތިޚާބުގައި ބޮޑު ނާކާމިޔަބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. މީގެތެރޭގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރެއްވި، ނަޝީދަސް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އައިޝަތު އާނިޔާއަށް މިދާއިރާއިން ބޮޑު ނާކާމިޔާބީއަކާ ވަނީ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.
Miadhu oiy MDP inthikhaabuga alhugandu boduthanun balivejje.
Vote dhehvi 31 MDP memberunnah shukuru dhannavan.
Vote dhehvaane kamah vidhaalhuvi gina memberun vote laan vadainuganey.
Allah iraadhakurehvihya alhugandu MHD in 2024ga Majilis ah kurimathilai hoven v masahkaikuraanan.— Aishath Aniya (@Aniya_A) September 25, 2021
މާލޭ ދާއިރާތަކުގެ ނަތީޖާއިން ނަޝީދަށް ކުޑަ އުއްމީދެއް!
ރާއްޖޭގެ ގިނަ ހިސާބުތަކުގައި، ނަޝީދުގެ ބަރުލަމާނީ ވިސްނުމަށް ތާއީދުކުރަމުން އައި ގިނަ ކެނޑިޑޭޓުންނަށް ގައުމީ މަޖިލިސް އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު، މާލޭ ދާއިރާއިން ނަޝީދުގެ ބަރުލަމާނީ ވިސްނުމުގައި ކެންޕޭން ކުރެއްވި ބައެއް ކެނޑިޑޭޓުންވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.
މީގެތެރޭގައި، އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި، މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އަކުރަމް ކަމާލުއްދީނާއި ވާދަކޮށް ރަގަޅު ނަތީޖާއެއް ނެރުއްވައިގެންނެވެ.
މީގެއިތުރުންވެސް، މައްޗަންގޮޅި އުތުރު ދާއިރާ ކާމިޔާބު ކުރެއްވި ޚަދީޖާ ރީޝާއާއި، ހެންވޭރު ހުޅަގު ދާއިރާ ކާމިޔާބު ކުރެއްވި މުހައްމަދު ސައިފް ފާތިޙު އާއި، ގަލޮޅު އުތުރު ދާއިރާ ކާމިޔާބު ކުރެއްވި އާމިނަތު ޒާހިރާގެ އިތުރުން ބަރުލަމާނީ ކެމްޕޭން ވަރަށް ބޮޑަށް ޕްރޮމޯޓު ކުރައްވަމުން ކެމްޕޭން ކުރެއްވި އިސްމާއިލް ހަލީމް ގަލޮޅު ދެކުނު ދާއިރާއަށް އިންތިޚާބުވެ، މާލޭގެ ބައެއް ދާއިރާތަށް ނަޝީދަށް ތާއީދުކުރާ ބައެއް ކެނޑިޑޭޓުން ކާމިޔާބު ކުރައްވާފައިވާކަން ފާހަގަ ކޮށްލަންޖެހެއެވެ.
އަދި މީގެ އިތުރުންވެސް ބައެއް އެހެން ސަރަހައްދުތަކުން ނަޝީދުގެ ވިސްނުމަށް ތާއީދުކޮށް ބަރުލަމާނީ ނިޒާމް ޕްރޮމޯޓްކޮށް، އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން، ތުޅާދޫ ދާއިރާއާއި، ކ. ގުރައިދޫ ދާއިރާއާއި، މާމިގިލީ ދާއިރާފަދަ ބައެއް ދާއިރާތަކުން ނަޝީދަށް ފާޅުގައި ތާއީދުކުރަމުން އައި ބައެއް ކެނޑިޑޭޓުންވަނީ ދާއިރާތައް ކާމިޔާބު ކޮށްފައެވެ.
އެހެންނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެމްޑީޕީގެ މެމްބަރުން ވޯޓުލާ، ގައުމީ މަޖިލިހަށް މެމްބަރުން އިންތިޚާބުުރި މި އިންތިޚާބުގައި ބޮޑުތަނުން ކުރި ހޯދާފައިވަނީ، ރައީސް ސާލިހަށް ތާއީދު ކުރާ ކެނޑިޑޭޓުންކަން، އިންތިޚާބުގެ ނަތީޖާއިން ވަރަށް ރަގަޅަށް ސާފުވާން އެބަ އޮތެވެ. އަދި އިންތިޚާބުގައި ނަޝީދަށް ތާއީދު ކުރާ، ބަރުލަމާނީ ނިޒާމް ޕްރޮމޯޓު ކުރަމުން އައި، އަދި ފާޅުގައި ނަޝީދަށް ތާޢީދު ކުރަމުން އައި، ބައެއް މެމްބަރުންނާއި އަދި ޒަމާނުއްސުރެ އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ގިނަ ކެޑިޑޭޓުންނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުން މިއަދު މިއިންތިޚާބު ގިނަބަޔަކު ސިފަކުރަމުންދަނީ، މިއީ ނަޝީދުގެ ބަރުލަމާނީ ކެމްޕޭނަށް އެމްޑީޕީގެ މެމްބަރުން ދިން ވަރަށް ފުރިހަމަ ޖަވާބެއްގެ ގޮތުގައެވެ.