މާލޭ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބިނާކުރަނިވި ޚިޔާލުތަށް، ޕޯޓަލް މެދުވެރިކޮށް މާލޭ ސިޓީ ކައުންސިލަށް ހުށަހެޅޭގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ. މާލޭ ސިޓީ ކައުންސިލުން މިގޮތަށް ހަމަޖައްސައި ޕޯޓަލް ހުޅުވާލީ މިއަދުއެވެ.
ސިޓީ ކައުންސިލަށް ޝަކުވާއާއި ޚިޔާލުހުށަހެޅޭ ގޮތަށް ޕޯޓަލް ހުޅުވާލުމުން ރައްޔިތުންގެ ފަރާތުން ޝަކުވާއެއް ހުށަހަޅަންވެއްޖެނަމަ ނުވަތަ ޚިޔާލެއް ހުށަހަޅަން ބޭނުންވެއްޖެނަމަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. މި ޕޯޓަލް ހުޅުވާލައިފައިވަނީ މާލޭ ސިޓީކައުންސިލްގެ ވެބްސައިޓް https://malecity.gov.mv/en/ ގައެވެ.
ޕޯޓަލްގައި ފުރިހަމަކުރަންޖެހޭ މައުލޫމާތުތަކުގެތެރޭގައި ފުރިހަމަ ނަމާއި، އީމެއިލް އެޑްރެސް ނުވަތަ ފޯންނަމްބަރާއި، އަވަށާއި، އެޑްރެސް ހިމެނެއެވެ. އެއަށްފަހު ބޭނުންވާ ޚިޔާލު ނުވަތަ ޝަކުވާ ހުށަހަޅުއްވާނީއެވެ. އަދި ހުށަހަޅުއްވާ ކަންތައްތަކާގުޅިގެން ލިޔެކިއުމެއް ނުވަތަ ފޮޓޯއެއް ފޮނުއްވަން ބޭނުންވާނަމަ އެކަންވެސް ޕޯޓަލް މެދިވެރިކޮއް ކުރެވޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ސިޓީ ކައުންސިލްގެ ކަންކަމާގުޅޭގޮތުން ޝަކުވާ ނުވަތަ ޚިޔާލް ހުށަހެޅުމަށް މި ގެނެވުނު ބަދަލަކީ ވީހާވެސް ލުއިފަސޭހަގޮތަކުން ޚިދުމަތްތައް ލިބިގަތުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވުނު ބަދަލެކެވެ. އަލަށް ހުޅުވި ޕޯޓަލްގައި ދެބަހުން މޫޢާމަލާތްކުރެވޭގޮތަށް ހުންނާނެއެވެ. ކުރިން އޮތްގޮތަށް ޚިތާލު ނުވަތަ ޝަކުވާ ހުށަހަޅާފަރާތްތަކަށް އެ ފުރުޞަތުވެސް ވަނީ ހުޅުވިފައިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ކޮމެންޓު ފޮނުވާ