އދ.ގެ އާންމު މަޖިލީހުގައި ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވި ތަޤުރީރުގެ އަޑު ކަނޑުވާލުމަށް އިދިކޮޅުން ކުރި ހުރިހާކަމެއް ދިޔައީ ތޮޅިއަށް ކަމުގައި ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހުގެ ތަޤުރީރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، މިތަޤުރީރުގެ އަޑު ކަނޑުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ކަމުގެ ތުހުމަތު މައުސޫމް ވަނީ ކުރައްވާފައެވެ. ޑރ.މައުސޫމް ވިދާޅުވީ މި ތަޤުރީރުގެ އަޑު ފަޑު ކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ޕްރެސް ކޮންފަރެންސް ބާއްވައި ދެބޯގެރި ދުއްވައި ކުރިހުރިހާ ކަމެއް ދިޔައީ ތޮޅިއަށް ކަމުގައެވެ. މިހުރިހާ ކަމެއް ކުރިއިރުވެސް ރައީސްގެ ތަޤުރީރަށް ބައިނަލް އަޤުވާމީ ދުނިޔޭގެ ސަމާލުކަން ހުއްޓި އެތައް ބައެއްގެ ތަޢުރީފް ލިބިގެން ދިޔަކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.
ޔޫ.އެން. ޖެނެރަލް އެސެމްބްލީގަ ރައީސް ޞާލިޙް ތަޤުރީރުކުރެއްވުމުގެ އަޑު ފަނޑުކުރަން، އަޑު މަޑުކުރަން އެއުރެން ދުއްވި ހުރިހާ ދެބޯގެރިއަދި ބޭއްވި އޮޅުވާލުމުގެ ބުހުތާނު ޕްރެސްތައް ތޮޅިއަށް. އެ ތަޤުރީރު މުޅި ދުނިޔޭގަ ވައިގަހިފައިފި. ސާބަސް ރައީސް ޞާލިޙް. ސާބަސް ޓީމު ޚާރިޖީ.
– ޑރ.މައުސޫމް ވިދާޅުވިއެވެ.
އދ.ގެ އާންމު މަޖިލީހުގައި ރައީސް ޞާލިހު ދިވެހި ބަހުން ތަޤުރީރު ކުރެއްވިއިރު، މިތަޤުރީރު ވެގެން ގޮސްފައިވަނީ އެތައް ބައެއްގެ ސަމާލުކަން ހޯދި ތަޤުރީރަކަށެވެ. އަދި މިތަޤުރީރު ދެއްވިއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ތިމާވެއްޓާއި ގުޅޭގޮތުން ތުއްތު ކުދިންތަކެއް އެމަނިކުފާނަށް ފޮނުވި ސިޓީތަކެއް އދ.ގެ އާންމު މަޖިލީހުގައި ދައްކާލުމެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއަށް އަށް ނޯވެވުނު ދުނިޔެއެއްގައި ދުނިޔޭގެ އެހެންޤައުމަކަށްވެސް ނޯވެވޭނެކަމަށްވެސް ވިދާޅުވެފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތްފަހުން އދ.ގައި ރާއްޖެއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ޙާސިލްކޮށްފައެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ އދ.ހެ ޢާއްމު މަޖިލީހުގެ ރައީސްކަމުގެ ގޮނޑި ކާމިޔާބުކުރުމެވެ. އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ދައުރުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތީ މިދިޔަ ޖޫންމަހުގެ 7ވަނަ ދުވަހުއެވެ. މި ސެޕްޓެމްބަރުމަހުގެ 15ވަނަ ދުވަހު ރަސްމީކޮށް ޝާހިދު މަޤާމާ ޙަވާލުވެވަޑައިގަތުމާއެކު މިހާރު ރާއްޖެއަކީ އދ.ގެ 193 ޤައުމު ހިމެނޭ ޢާއްމު މަޖިލީހުގެ ރިޔާސަރު ބަލަހައްޓާ ޤައުމެވެ.
ކޮމެންޓު ފޮނުވާ