ސައުދީ އަރަބިއާގެ އަންހެން ސިފައިން މިލިޓަރީ ޕެރޭޑުގައި ބައިވެރިވަނީ

ސައުދީގެ ގައުމީ ދުވަހުގެ ޕެރޭޑްގައި ފުރަތަމަ ފަހަރަށް އަންހެން ސިފައިން ބައިވެރި ވެއްޖެ

ސައުދީގެ ގައުމީ ދުވަހުގެ ޕެރޭޑްގައި ފުރަތަމަ ފަހަރަށް އަންހެން ސިފައިން ބައިވެރި ވެއްޖެ

ސައުދީ ރަސްކަމުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް، އެގައުމުގެ ގައުމީދުވަހުގެ ޕެރޭޑްގައި އަންހެން ސިފައިން ބައިވެރި ވެއްޖެއެވެ.

ފާއިތުވެދިޔަ ހަފްފަތާގެ ބުރާސްފަތި ދުވަހު، ސައުދީ އަރަބިއާގެ 91ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު، ގަޑިއެއްހާ އިރަށް ދިގު ދެމިގެންދިޔަ މި އަސްކަރީ ޕެރޭޑްގައި، ސައުދީ އަންހެން ސިފައިންގެ އެކި ރޭންކް ތަކުގެ ސިފައިން ވަނީ ބައިވެރި ވެފައެވެ.

ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ބޭއްވުނު މި ޕެރޭޑަކީ، ސައުދީ އިންޓީރިއަރ މިނިސްޓްރީއާއި ޖެނެރަލް އެންޓަރޓެއިންމަންޓް އޮތޯރިޓީ (GEA)އާއި ގުޅިގެން އިންތިޒާމް ކުރި ޕެރޭޑެކެވެ.

ސައުދީ އަރަބިއާގެ އިތުރު ސިޓީއެއް ކަމުގައިވާ ޖިއްދާގައިވެސް ވަނީ މިފަދަ އިތުރު ޕެރޭޑެއް ބާއްވާފައެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު މި އިވެންޓަށް ސައުދީގެ އެތަކެއް ހާސް ރައްޔިތުންނާއި އަދި އެގައުމުގައި ދިރިއުޅޭމުންދާ އެހެންގައުމުތަކުގެ މީހުވެސްވަނީ، މިއެއްވުމަށް ހާޒިރުވެސް، މާޗުކުރަމުން ދިޔަ ސިފައިނަށް ތަރުހބުދީ ސައުދީ އަރަބިއާގެ ދިދަ ވިހުރުވާ ހަދާފައެވެ.

ސައުދީ އަރަބިއާގެ ގައުމީ ދުވަސް ކޮންމެ އަހަރުކުވެސް ފާހަގަ ކުރަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

މިދުވަސް ފާހަގަ ކުރަނީ، 1932 ވަނަ އަހަރު، އޭރުގެ ރަސްގެފާނު އަބުދުލް އަޒީޒް އުބުނު ސައުދުގެ ޝާހީ ގަރާރަކުން، އޭރު އޮތް، ނަޖުދު އަދި ހިޖާޒްގެ ރަސްކަމުގެ ނަން "ކިންގްޑަމް އޮފް ސައުދީ އަރަބިއާ"ގެ ނަމަނަށް ބަދަލުކުރި މުނާސަބާ ފާހަގަ ކުރުމުގެ ގޮތުންނެވެ.

މިއަހަރުގެ ފެބުރުއަރީމަހު ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ޑިފެންސްއިން ވަނީ، އެގައުމުގެ އަންހެނުންނަށް އަސްކަރިއްޔާގެ ތަފާތު މަގާމްތަކަށް، އެޑްމިޝަން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަން ހާމަ ކޮށްފައެވެ.

މި ބަދަލު ސައުދީ އަރަބިއާގައި ގެނެސްފައިވަނީ، އެގައުމުގެ މިހާރުގެ ވަލީ އަހުދު، މުހައްމަދު ބިން ސަލްމާން އިއުލާން ކުރައްވާފައިވާ 2030ގެ ތަސައްވުރު (ވިޝަން 2030)ގެ ދަށުން ގެންނަމުންދާ އިސްލާހީ ބަދަލުގެ ތެރެއިން، އެކި ދާއިރާތަކުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *