މާލޭ ސިޓީއަކީ ކުޅިވަރުތަކަށް މަރުޙަބާ ކިޔާ، ސިޓީއަކަށް ހެދުމަކީ ވަރަށް ބޮޑު އަމާޒެއްކަމުގައި މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ޖެޓް ސްކީގައި ރާއްޖެ ވަށާ ބުރެއްޖެހުމަށް ފެށި ދަތުރުގެ ބައިވެރިންނަށް މާލޭ ސިޓީގެ ފަރާތުން މަރުޙަބާ ދެންނެވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މޭޔަރ ވިދާޅުވީ ޚާއްޞަގޮތެއްގައި މޫދުކުޅިވަރުވެސް ހިމެނޭގޮތަށް ކުޅިވަރަށް މަރުހަބާކިޔާތަނަކަށް މާލޭ ސިޓީ ހެއްދެވުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށެވެ.
މި މަސައްކަތް ކާމިޔާބުކުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތުގައި މިހާރު ކަމާބެހޭ އެސޯސިއޭޝަން ތަކާ އަދި ސަރުކާރުގެ މުވައްސަސާތަކާއެކު ވާހަކަދައްކަވައި މަޝްވަރާކުރައްވާފައިވާނޭކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި މި މަޝްވަރާތަކުގައިވެސް މޫދުކުޅިވަރުތައް ހިމެނޭކަމަށް ވިދާޅުވިއެވެ.
މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭން ހެދުމުގައި މިބަލަނީ މިފަދަ ކަންކަމަށް ވީހާވެސް ބޮޑަށް ފުރުޞަތު ހޯދާ ދިނުމަށް. އެގޮތަށް ކައުންސިލްގެ ވިސްނުންހުރީ. އެގޮތުން މާލޭ ސިޓީގެ މާލެ ވިލިމާލެ އަދި ހުޅުމާލެވެސް މީގެ ތެރޭގައި ހިމެނޭނެ.
– މޭޔަރ ވިދާޅުވިއެވެ.
މޭޔަރ ވިދާޅުވީ ކައުންސިލްގެ އަމާޒަކީ ވީހާވެސް ބޮޑު ފުރުޞަތެއް މޫދުކުޅިވަރުތަކަށްވެސް އަދި އެހެންކުޅިވަރުތަކަށްވެސް ދެވޭގޮތަށް ކަންކަން ފަހިކޮށް ދިނުންކަމަށެވެ.
ކޮމެންޓު ފޮނުވާ