ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަކީ މާދިއްޔަތަށް ގޮސް ހުސްވެފައިވާ ބޭފުޅެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޢީ ވިދާޅުވީ މިނިސްޓަރ އިމްރާނަކީ ދުނިޔޭގެ ނަމުގައި މާދިއްޔަތަށް ހުސްވެފައިވާ ބޭފުޅެއްކަމަށެވެ. އިމްރާން މަސައްކަތް ކުރަނީ މިސަރުކާރުގެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްކަމަށާއި، ޚާއްސަކޮށް ރާއީގެ ދާއިރާއަށް ކަންކަން ވިޔަ ނުދިނުމަށް އިމްރާން މަސައްކަތް ކުރާކަމަށެވެ. އަދި އޭނާ ވަނީ ރައީސް ނަޝީދަށް އިންސާފުލިބުމަށް އޮތް ހުރަހަކީވެސް އިމްރާންކަމަށް ވިދާޅުވެ ތުހުމަތު ކުރައްވާފައެވެ.
ޝައިޚު ނަމުގައި ދުނިޔެ ބައްކުރަން އުޅޭ ބޭފުޅެއް އިމްރާނަކީ. ޝައިޚު އިމްރާނަކީ ދުނިޔެ ނަމުގައި މާދިއްޔަތަށް ގޮސް ހުސްވެފައި ހުރި ބޭފުޅެއް. އަޅުގަނޑުމެންގެ ޖަލުގެ ކަންތައްތަކަށްވެސް، އަދި މިސަރުކަރަށްވެސް އެންމެ ބޮޑު އުދަގުލަކަށް ވެފައިވަނީ މި ޝައިޚު އިމްރާނަކާއި، ހެދު. ރައީސް ނަޝީދަށް އަދުލު އިންސާފު ނުލިބިގެން އުޅެނީވެސް ސީދާ ޝައިޚު އިމްރާނާއިހެދި.
– ރާއީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިމްރާން ނޭކުރެންދޫގައި ޖަލެއް އެޅުމަށް ވައުދުވެ ތަފާތު ކުރެހުން ރައްޔިތުންނަށް ދައްކައި، ކުލަހުވަފެނުގައި ތިން އަހަރު ގެންގުޅެފައިވާކަމަށެވެ. ނަމަވެސް ދެން އެކަން ނުވާނެކަމަށެވެ. އިމްރާން ދެން ނޭކުރެންދޫއަށް ދާއިރު އިސްތިއުފާއަށް ގޮވައި ރަށުން ބާލާވަރު ނުކުރަނީސް ވެފައިވާ ވައުދު ފުއްދަން ޖެހޭނެކަމަށް ރައީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި އަދާލަތުގެ ގޮޑިއެއް ނެތުމަކީ، އެހެންބައެއްގެ މައްސަލައެއް ނޫންކަމަށެވެ. އަދި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައިވެސް އަދާލަތުގެ ބޭފުޅަކަށް މަޖިލީހަކަށް ނުވަދެވޭނެކަމަށެވެ.
އަޅުގަނޑުގެ ދައިރާއަށް ޖެހިފައި އޮތް ދުއްތުރާއެއް ޝައިޚު އިމްރާނަކީ. އަޅުގަނޑުމެންގެ ދާއިރާގެ ކަންކަން ހުއްޓުވުމަށް އުޅެނީ. މިސަރުކާރުން ލައްކަ މަސައްކަތްކުރޭ. ނަމަވެސް އިމްރާން ވަކިވަކި ވަޒީރުންނަށް ގުޅައިގެން މަސައްކަތްކުރޭ. މަޖިލީހުގައި އަދާލަތަށް ގޮޑިއެއް ނެތުމަކީ އަޅުގަނޑުމެންގެ މައްސަލައެއްނޫން. މިމަޖިލީހަކަށް ކުރިއަށް އޮތް 20 އަހަރުވެސް އަދާލަތުގެ މެމްބަރަކަށް ނުވަދެވޭ. އެމްޑީޕީގެ ތައްޕާހުން އުޅޭ ވަޒީރެއް ޝައިޚު އިމްރާނަކީ.
– ރާއީ ވިދާޅުވިއެވެ.
ހދ. ނޭކުރަންދޫގައި ޖަލެއް ހެދުމަށް 2020ވަނަ އަހަރުގެ ބަޖެޓުންވަނީ 4.17 މިލިޔަން ރުފިޔާ ހިމަނާ ފައެވެ. ކޯވިޑް-19 އާއި ގުޅިގެން މަސައްކަތް ހުއްޓިފައިވީނަމަވެސް އަލުން އެމަސައްކަތް ފެށުމަށްޓަކައި މަސައްކަތްކުރެވެމުްނދިޔަކަމަށް ހޯމް މިނިސްޓަރ އިމްރާން ކުރިންވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އޭގެ އެއްވެސް މަސައްކަތެއް ހިނގަމުން ނުދެއެވެ.