އދ.ގެ އާންމު މަޖިލީހުގައި އިއްޔެ ފެނިގެންދިޔަ ތާރީޚީ ކަންކަމަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއް ކަމުގައި ހެރިޖޭޓް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ބަހުން ތަޤުރީރު ކުރެއްވިއިރު، ރިޔާސަތުގައި އިންނެވީ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ. މިނިސްޓަރ ޖުމްނާ ވިދާޅުވީ މިއީ ދިވެހި ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ ވަގުތުކޮޅެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރައީސް ޞާލިހު ދިވެހި ބަހުނސް ދެއްވި ތަޤުރީރަކީވެސް ދިވެހިން ނުހަނު ފަހުރުވެރިވާ ތަޤުރީރެއް ކަމަށެވެ.
މިއަދަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއް. އ.ދ.ގެ އާންމު ބައްދަލުވުމުގެ ރިޔާސަތުގައި ދިވެއްސަކު އިންނަވައި، ރާއްޖޭގެ ރައީސް އެ މަޖިލީހުގައި ދިވެހި ބަހުން ތަޤުރީރުކުރެއްވުމަކީ ރާއްޖެއަށާއި ހުރިހާ ދިވެހީންނަށް ލިބުނު ފަޚުރެއް.
– ޔުމްނާ ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ރައީސަކު އާންމު މަޖިލީހުގައި ދިވެހި ބަހުން ތަގުރީރު ކުރެއްވި ދެވަނަ ފަހަރެވެ. އާންމު މަޖިލީހުގައި ދިވެހި ބަހުން ފުރަތަމަ ތަގުރީރު ކުރެއްވީ ޔުމްނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަގުރީރު ފައްޓަވަމުން އެމަނިކުފާނު ވަނީ ދިވެހި ބަހުން ތަގުރީރު ކުރެއްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ ދިވެހީންނަށް މިނިވަންކަން ލިބުނުތާ 56 އަހަރު ފަހުން އެމަނިކުފާނު މިއަދު އާންމު މަޖިލީހުގައި ވާހަަކަ ދައްކަވަނީ ދިވެހިންގެ މާދަރީ ބަހުން ކަމަށާ ދިވެހި ބަހަކީ ދިވެހިންނަށް އަސަރުގަދަ އަދި އެންމެ ފޮނި ބަސް ކަަމަށެވެ. އަދި ދިވެހި ބަހުން އެ މަޖިލީހުގައި ވާހަކަ ދެއްކެވުމަކީ ހުރިހށާ ދިވެހިންނަށް ލިބިގެންދާ މަތިވެރި ޝަރަފެއް ކަމަށް ވިދާޅުވިއެވެ.