ފްރެންޗް ލީގުގައި ވާދަވެރި ލިޔޯންއާ ވާދަކޮށް ޕީއެސްޖީއިން ފަހުވަގުތު މޮޅެއް ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީ ކާމިޔާބުކުރީ 2-1 ލަނޑުންނެވެ.
މި މެޗު ޕީއެސްޖީން ފެށީ މެސީ، އެމްބާޕޭ، ނޭމާ އަދި ޑިމާރިއާ ހިމަނައިގެންނެވެ. ނަމަވެސް މި ހަތަރު ކުޅުންތެރިންގެ ކޮމްބިނޭޝަން ފެނުނީ އެންމެ ރަނގަޅަކަށް ނޫނެވެ. މެޗުގެ ދެވަނަ ހާފުގައި މެސީ ބަދަލުކުރިއެވެ. އެންމެ ފާހަގަވީ ބަދަލުކުރުމުން މެސީގެ މޫނުން ފެނުނު ހިތްހަމަނުޖެހުމެވެ. ކޯޗާއި ސަލާންނުކޮށް މެސީ ހެދީ މޫނެވެ. ޕީއެސްޖީއަށް ބަދަލުވެ މިހާތަނަށް މެސީ ކުޅުނު އެއްވެސް މެޗެއްގައި އަދި ލަނޑެއް ނުޖެހެއެވެ.
މެސީއަށް ލަނޑުޖަހާނެ ރަނުގެ ފުރުސަތެއް މި މެޗުގައި ލިބިގެންދިޔައެވެ. އެއީ ލިބުނު ހިލޭޖެހުމަކުންނެވެ. އޭރިއާ ބޭރުން ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވެއެވެ.
ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ޕެނެލްޓީއަކުން ނޭމާއެވެ. މެޗުގެ 76 ވަނަ މިނިޓުގައި ޕީއެސްޖީއާ މި ސީޒަނުގައި ގުޅުނު ލައޮނަލް މެސީ ވަނީ ބަދަލުކޮށްފައެވެ. މެސީ ބަދަލު ކުރުމުން އެކަމާ ހިތްހަމަނުޖެހިގެން އޭނާ ވަނީ އެޓީމުގެ އާޖެންޓީނާ ކޯޗު މައުރީސީޔޯ ޕޮޗެޓީނީއޯ ސަލާން ވެސް ނުކޮށް ބެންޗަށް ގޮސްފައެވެ. މިއީ މެސީ ޕީއެސްޖީ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ފުރަތަމަ މެޗެވެ. މިހާތަނަށް ޕީއެސްޖީއަށް މިސީޒަންގައި ކުޅުނު މެޗުތަކުން މެސީ އަދި ލަނޑެއް ޖެހިފަނުވެއެވެ. ޕީއެސްޖީ މޮޅުވި ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތު އެންމެ ފަހުމިނިޓުގައި ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން މައުރޯ އިކާޑީއެވެ.
ޕީއެސްޖީ ދެން ލީގުގައި ނުކުންނީ އަންނަ ބުދަ ދުވަހުގެރޭ މިޒްއާ ދެކޮޅަށެވެ. އެމެޗު ކާމިޔާބުކޮށްފި ކަމަށްވާނަމަ ލީގުގައި ކުޅުނު ފުރަތަމަ ހަތް މެޗުން ހަތް މޮޅު އެޓީމަށް ލިބޭނެއެވެ. ރޭގެ ހޯދި މޮޅާއެކު 6 މެޗުން 18 ޕޮއިންޓް ހޯދައިގެން ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައިވާ އޮލިންޕިކް މާސޭއަށް ފަސްމެޗުން ލިބެނީ 13 ޕޮއިންޓެވެ. ލެންސް ތިންވަނައިގަ އޮތީ 6 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
ކޮމެންޓު ފޮނުވާ