ފާއިތުވެދިޔަ 3 ދުވަސްމަތިން ރަޝިއާގައި ކުރިޔަށްދިޔަ ޕާލަމެންޓްރީ އިންތިޚާބު، މިހާރުވެސް އެގައުމުގައި ވެރިކަން ކުރަމުންދާ އަދި އެގައުމުގެ މިހާރުގެ ރައީސް ވަލްޑަމިރ ޕުޓިންއަށް ތާއީދުކުރާ ޔުނައިޓެޑް ރަޝިއާ ޕާޓީން ކާމިޔާބު ކޮށްފިކަމަށް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މިހާތަނަށް، މި އިންތިޚާބުގައި ވޯޓު ލާފައިވާ 33 އިންސައްތަ މީހުންގެ ވޯޓު ގުނާފައިވާއިރު، ރަޝިއާގެ ސެންޓްރަލް އިލެކްޝަންސް ކޮމިޝަނުން ހާމަ ކޮށްފައިވާ ގޮތުގައި ގުނާފައިވާ ވޯޓުގެ 45 އިންސައްތަ ވޯޓު ޕުޓިންއަށް ތާއީދުކުރާ ޕާޓީންވަނީ ކާމިޔާބު ކޮށްފައެވެ.
އަދި މި ޕާޓީއާއި އެންމެ ގާތުން ވާދަ ކުރަމުންދާ ކޮމިއުނިސްޓް ޕާޓީއަށް މިހާތަނަށް ކާމިޔާބު ކުރެވިފައިވަނީ 22 އިންސައްތަ ވޯޓު ކަމުގައިވެސް ސެންޓްރަލް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަ ކޮށްފައެވެ.
ޕުޓިންއަށް ތާއީދުކުރާ ޔުނައިޓެޑް ރަޝިއާ ޕާޓީއަށް އިންތިޚާބު ކާމިޔާބު ކުރެވޭނެކަމަށް ބެލެވުނު ނަމަވެސް، މިފަހަރުގެ އިންތިޚާބުގައި މިޕާޓީން ހޯދާނެކަމަށް ބެލެވޭ ކާމިޔާބީއަކީ އެންމެ ފަހުން، 2016ގައި ބޭއްވުނު ޕާލަމެންޓްރީ އިންތިޚާބަށްވުރެ ދަށް ނަތީޖާއެއްކަމުގައި ދަނީ އަންދާޒާ ކުރެވެމުންނެވެ.
އެއަހަރުގެ ޕާލަމެންޓްރީ އިންތިޚާބުގައި މި ޕާޓީންވަނީ ވޯޓު ލީ މީހުންގެ 54 އިންސައްތަ ކާމިޔާބު ކޮށްފައެވެ. އެހެންނަމަވެސް ފާއިތުވެދިޔަ އަހަރުތަކުގައި ރަޝިއާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އައިސްފައިވާ ނުރަގަޅު ބަދަލުތަކާ ގުޅިގެން މި ޕާޓީގެ ތާއީދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.
މިއިންތިޚާބުގައި މިހާތަނަށް އާންމުވަމުންދާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، ޔުނައިޓެޑް ރަޝިއާއި ޕާޓީއާއި އެންމެ ގާތުން ވާދަކުރާ ކޮމިއުނިސްޓް ޕާޓީއަށް މި އިންތިޚާބުގައި ކާމިޔާބު ކުރެވޭނީ 25.17 އިންސައްތައެވެ. އަދި 3 ވަނަ އަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރާ ޕާޓީ، ނޭޝަނަލިސްޓް LDPR ޕާޓީއަށް ކާމިޔާބު ކުރެވޭނީ 9.6 އެވެ.
ކޮމެންޓު ފޮނުވާ