އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކުރާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެ ހައި ކޯޓުން އޭނާ ފުރުން މަނާ ކޮށްފިއެވެ.
އޭނާ މާލެއިން ފުރުން މަނާ ކުރުމުގެ ގޮތުން ހައިކޯޓުން ނެރުނު މޮނިކޮން އަމުރުގައި އިތުރަށް ވާގޮތުން، އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ބޭރަށް ނުކުމެ އުޅުން މަނަލެވެ. އަދި މާލެއިން ބޭރަށް އެއްވެސް ތަނަކަށް އޭނާއަށް ފުރައިގެން ދެވޭނީ ފުލުހުންގެ ހުއްދައަކާ އެކުއެވެ.
ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މަނާކޮސްފައިވާ ކުށްތައް ކުރާފަރާތްތަކުގެ ތެރެއިން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތި ކޮށްފާނެކަމަށް ހޯމް މިނިސްޓަރަށް ފެންނަ ފަރާތްތަކާ ގުޅޭ އެކަށިގެންވާ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް، ކުށްކުރާ ފަރާތް 'މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށް' ކޯޓުން ނެރޭ އަމުރެކެވެ.
މި މައްސަލަަ އިސްތިއުނާފްކުރުމަށް ޕީޖީން ނިންމާފައިވާއިރު، ހައިކޯޓުން މިމަހު 16 ވަނަ ދުވަހު އަމީން މިނިވަން ކުރުމަށް ހައިކޯޓުން ޙުކުމްކުރުމާއި ގުޅިގެން ހަމަ އެދުވަހު މި މައްސަލަަ އިސްތިއުނާފްކުރުމަށް ޕީޖީން ވަނީ ނިންމާފައެވެ.
ހައިކޯޓުން އަމީން މިނިވަން ކުރުމަށް އަމުރު ކޮށްފައިވަނީ، ދަށު ކޯޓުގައި އުފުލާފައިވާ ދައުވާތައް ޝަރީޢަތުގެ ކުރިން އަމީންގެ ފަރާތުން ހުށައެޅި ހުށައެޅުންތަކެއް ބަލައިނުގަތުމަށް ނިންމުން ހައިކޯޓަށް ހުށައެޅުމުންވެސް ބަލައިނުގަނެ ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ހުށައަޅައި އެކޯޓުން ކުރި ޢަމުރަށް މައްސަލަ ބެލުމަސްފަހުއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ، މުޙައްމަދު އަމީން ވ. ޕްރޮސިކިއުޓަރ ޖެނެރަލް (16 ސެޕްޓެންބަރު 2021) ޤަޟިއްޔާ ނިންމަވާފައިވާގޮތާމެދު އެ އޮފީހުން ހިތްހަމަ ނުޖެހޭތީ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ނިންމާފައިވާކަމަށެވެ.
ޕީޖީން ބުނީ އެގޮތަށް ނިންމެވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމުގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްދީފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކޭތީކަމަށެވެ. އަދި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 1-28 ގައި ބަޔާންކޮށްފައިވާ ތަޙުޤީޤު ކުރުމާއި ދަޢުވާކުރުމުގެ ޚާއްޞަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވާތީކަމަށްވެސް ޕީޖީން ބުންޏެވެ.
މީގެ އިތުރުން އެ މައްސަލަ އިސްތިއުނާފްކުރުމަށް ނިންމެވީ، އެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގެ ޚާއްޞަ މުއްދަތުތަކެއް ޤާނުނުގައި ކަނޑައެޅުމުގެ މަޤްޞަދު ގެއްލިދާތީކަމަށްވެސް ޕީޖީން ބުންޏެވެ.
އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ފުލުހުން ހޯދަން އުޅުނު މީހެކެވެ. އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011 ވަނަ އަހަރު އެވެ. އޭގެފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށް ފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ 2019 ވަނަ އަހަރު އެވެ.
އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.
މޮނިކޮމް އަމުރެއް ނެރެ އަމީން މާލެއިން ފުރުން މަނާކޮށްފި
ކޮމެންޓު ފޮނުވާ