ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހައިކޯޓުން ހުކުމް ކޮށްފައިވަނީ ބައެއް ފަނޑިޔާރުން ގަންޕޮއިންޓުގައި ބައިތިއްބާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދައިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތް ދަށު ކޯޓުތަކުގައި ފެށިގެން މިއަދާހަމައަށް އައިއިރު ދައްކަވާފައިވަނީ ސާބިތުކަން ކަމަށާއި ކޮންމެ ދުވަހެއްގެ އަޑުއެހުމުން ރައްޔިތުންނަށް ރައީސް ޔާމީންގެ ކުށެއް ނެތްކަން އިތުރަށް ހާމަވެގެންދާކަމަށެވެ.
އެންމެ ފަހުން ސުޕްރީމް ކޯޓުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން އެކަނިވެސް، ދަށު ކޯޓުން ހައިކޯޓުން ސުޕްރީމް ކޯޓަށް މުޅި މައްސަލަ ހުރިގޮތަށް ސާފުވެގެންދިޔަ. އެމަނިކުފާނު ތެދުވެ ވަޑައިގެން ވާހަކަފުޅު ދައްކަވާ ކޮންމެ ފަހަރަކު އެތައް ކަމެއް އަންގައިދޭ.
– ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޝަރީއަތަކީ އިންސާފުވެރި ޝަރީޢަތެއް ނޫންކަމަށާއި އެމަނިކުފާނުގަ މައްޗަށް ކުރި ދައުވާއާއި އަދި ޝަރީޢަތްކުރެވުނު މައްސަލައާއި މިހުރިހާ ކަމެއްގައިވެސް ފެށުއެރުންތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވަނީ އެމަނިކުފާނަށް މީހަކު ދޭންޖެހޭ އެމަނިކުފާނަށް ދަރާފައިވާ ފައިސާ ކަމަށާއި، މިވަގުތާ ހަމައަށްވެސް އެފައިސް ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިމައްސަލައިގައި ކަންކަން ހިނގަމުންދާ ގޮތަކީ ގޭގެ ސިޓިންގ ރޫމްގައި އިންނަ ކުޑަކުއްޖާއަށްވެސް ވިސްނޭ ކަންކަން ކަމަށާއި ކޯޓުތަކުގެ ފަނޑިޔާރުންނަށް މިކަން ކަން ނުވިސްނޭ ސަބަބު އެބޭފުޅުން ކިޔާދެއްވަމުން އެބަގެންދަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އިހަށް ދުވަހު އިވުނީ އޯޑިއޯއެއް. ފަނޑިޔާރުން އެބޭފުޅުންނަށް ވިސްނި ވަޑައިނުގެން އުޅުއްވާ ސަބަބު އެއޮތީ ވަރަށް ރަނގަޅަށް ކިޔާދެއްވާފައި. ބައެއް ބޭފުޅުންނަށް ޕްރޮމޯޝަން ލިބިފައި އެބަހުރި. އަނެއްބައި ފަނޑިޔާރުން ގަންޕޮއިންޓްގައި ބައިތިއްބާފައި ރައީސް ޔާމީނަށް ހުކުމް ކުރީ. ފަނޑިޔާރުން ރަހީނު ކުރުކަމަށް ފަނޑިޔާރުން އެހެރީ ވިދާޅުވެފައި.
– ޝިޔާމް ވިދާޅުވިއެވެ.
އޯޑިއޯތަކުގެ ހަގީގަތް ދެނެ ނުގަނެވެނީސް ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ޝަރީޢަތް ކުރިއަށް ގެނެދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. މިއަދު ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލު މިއޮތީ ރައީސް ޔާމީނާ ގުޅި ލާމެހިފައި ކަމަށާއި އެމަނިކުފާނުގެ މައްޗަށް ސުޕްރީމް ކޯޓުން ނާއިންސާފު ހުކުމެއްކޮށްފާނެތީ މިއަދު ބިރުވެރިކަން އެބައޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ގައުމުގެ ރައްޔިތުންގެ ކުރިމަގު މިއޮތީ ރައީސް ޔާމީނާއި ގުޅިލާމެހިފައިކަމަށްވެސް ވިދާޅުވިއެވެ.
އދ.ގެ ޢާއްމު މަޖިލީޙުގެ ރިޔާސަތުގެ ހުވާކުރެއްވުމަށްފަހު މިއަދު އިބްރާހީމް މުހައްމަދު ސާލިހުގެ ޚާރިޖީ ސިޔާސަތުގެ ފުރިހަމަކަން ދައްކުވައިދޭ ކަމަށް ވިދާޅުވިއިރު ޢަބްދުﷲ ޝާހިދު އެވަނީ ޤާނޫނުއަސާސީގައި އޮތް ހުވައާއި ޚިލާފު ވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. " ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ވަޒީރެއް. ގާނޫނު އަސާސީގެ ޖަދުވަލު 1 ގައި އޮންނާނެ ކުރަންޖެހޭ ހުވާ. އެހުވައާ ޚިލާފުވީ ފުރަތަމަވެސް. ކްރިސްޓިއަން ދީނުގެ މީހުން އަޅުކަންކުރާ ފައްޅިއެއްގައި އެންމެ ފުރަތަމަވެސް ވާގިއެދުނު ފަރާތަކުން ވާގި އެދުނީ. އެހިސާބުން ގަބޫލުކުރަނީ އަބްދުﷲ ޝާހިދުގެ ވަޒީރުކަން އެ ދިޔައީ ކަމަށް" ޝިޔާމް ވިދާޅުވިއެވެ.
ކޮން ޚާރިޖީ ސިޔާސަތެއް ވަރުގަދަ ވެގެންތޯ މިއުޅެނީ. ކޯޗެއްތޯ ދައްކަން އޮތީ. ފިޔަވަތީގައި ކުޑަކުދިން ފުރާޅުމަތީގައި ތިބިތަންތޯ ބޭރު ދުނިޔެއަށް ދައްކަން އޮތީ؟ ފުރާޅުމަތީގައި ހުރި ކުއްޖާ އެބުނެދެނީ މިގައުމުގެ ހާލަތު. ޒުވާނުން ގޮނޑު ހޮވައިގެން ކާތަންތޯ ދައްކަން އޮތީ؟ މިއީ ގައުމުގެ ހާލަތު. މިއަދު ބޭރު ދުނިޔެއަށް ދައްކާނެ އެއްޗެއް ގައުމަކު ނެތް.
– ޝިޔާމް ވިދާޅުވިއެވެ.
ޚާރިޖީ ސިޔާސަތުގެ ވަރުގަދަ ވެގެން ޢާބްދުﷲ ޝާހިދު ދައްކަން އޮތީ މިގައުމު އަކަމީޓަރުން އަކަމީޓަރުން ބަހާލާފައި އޮތް މަންޒަރުތޯވެސް ޝިޔާމް ސުވާލުކުރެއްވިއެވެ.