ކުޑަކުދިންނާއި އަދި އެނޫނަސް މުޖުތަމަޢުގައި، ދައުލަތުގެ ނުވަތަ ވަކި ފަރާތެއްގެ އެހީތެރިކަމަށް ބޭނުންވެފައި ތިބޭ މީހުންނަކީ، ޚާއްސަ އިމްތިޔާޒުތަކެއް ލިބިގެން، އަނެކުންގެ އެހީތެރިކަން ލިބެންޖެހޭ ފަރާތްތަކެވެ.
މިގޮތުން، ބައެއް ފަރާތްތަކަކީ، ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުން، ގާނޫނުން ލާޒިމް ކޮށްފައި ތިބޭ ފަރާތްތަކެވެ. އަނެއްބައި ފަރާތްތަކަކީ، އުފެދުމުގުގައި އެބައެއްގެ މައްޗަށް ބަލަދު އަރާ ފަރާތްތަކެވެ. މިގޮތުން މިއިން ކޮންމެ ގިންތިއެއްގައިވެސް، އެބައެއްގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަކީ، ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުންނާއި އަދި އިންސާނިއްޔަތުކަމުގެ ގޮތުންވެސް އެބަޔަކު އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު އެއްވެސް އޮޅުމެއް ނެތް މިންވަރަށް ސާފުންކޮށް އެގެން ހުރި ފަރާތްތަކެވެ. ނުވަތަ ރާއްޖޭގެ ގާނޫނު ތަކުގައިވެސް، ޒިންމާތަކާއި މަސްއޫލިއްޔަތު ތަކުގެ ވާހަކަތައް ވަރަށްފުރިހަމަޔަށް ލިޔެވި ބަޔާން ކުރެވިފައި ހުރި ކަންކަމެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ކަންކަން ތަރުތީބުކުރެވި، ނިޒާމުތައް އެކަށައެޅިފައިވި ނަމަވެސް، ކަމެއް ފާލުން ނެއްޓިގެން ދިއުން، މިއީ ތަބަޢީ ނިޒާމުގެ ތެރެއިން ހިގައިދާނެކަމެއް ކަމެވެ. ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވި، ދައުލަތު ޚަރަދުކޮށްގެން މުސާރަދީންގެންނާއި އަދި އެނޫން ގޮތްގޮތުންވެސް ޚަރަދު ކޮށްގެން، މީހުންނާއި ވަސީލަތްތައް ފުރިހަމަކޮށް ގާއިމްކޮށްފައި ވަނީ މިސަބަބައްޓަކައިވެސް މެއެވެ.

ވިލިގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާ
ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ ތަންތަނުގެ ހާލަތު އޮތްގޮތުގެ ޝަކުވާތަކަކީ އަލަށް އިވޭ ޝަކުވާތަކެއް ނޫނެނެވެ. މީގެ ތެރޭގައި، ބައެއް ހާލަތްތަކުގައި، ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ވިލިމާލޭގައި ހުންނަ ކުދަކުދިންގެ ހިޔާގައި ހިގާ ހާދިސާތައް މީޑިއާތަކުގެ ހެޑްލައިނަށް އެތައް ފަހަރަކު ވަނީ އަރައިގެން ގޮސްފައެވެ. ބައެއް ފަހަރު އެތާގައި ތިބޭ ކުޑަކުދިން ތަނުން ފިލައިގެން ދާކަމުގެ ވާހަކަތަކެވެ. އަނެއްބައި ފަހަރަށް، ތަނުގައި އަލިފާނުގެ ހާދިސާތައް ހިގައިގެން އުޅޭކަމުގެ ޚަބަރުތަކެވެ.
މިގޮތުން އެންމެ ބޮޑަށް ފާހަގަވާން އޮތް އެއްކަމަކީ، ކުޑަކުދިންގެ ހިޔާގައި މިއަހަރު ހިގައިގެން ގޮސްފައިވާ އަލިފާނުގެ ހާދިސާތަކެވެ.
މިހާދިސާތަކުގެ ތެރޭގައި، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތަކުރާރުކޮށް މިއަހަރު ހިގާފައިވާ އަލިފާނުގެ ތިން ހާދިސާއެއް ފާހަގަ ކޮށްލެވެއެވެ. މިގޮތުން މިއަހަރުގެ ޖުލައި މަހާއި ހަމައަށް، ހިޔާގައި ޖެހިޖެހިގެން، 3 މަހު، ކޮންމެ މަހަކުވެސް އަލިފާނުގެ ހާދިސާތައް ހިގާފައި އެބަހުއްޓެވެ. އެއީ މޭ މަހުގެ 4 ވަނަދުވަހު ހިޔާގެ ފުރަތަމަ ފަންގިފިލާގައި ހިގި އަލިފާނުގެ ހާދިސާއާއި، ޖޫން މަހުގެ 6 ވަނަ ދުވަހު ހިޔާގެ ދެވަނަ އިމާރާތުގެ އެންމެ މަތީގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގެ އިތުރުން ޖުލައިމަހުގެ 29ވަނަ ދުވަހު ކުޑަކުދިންގެ ހިޔާގަ ހިނގި އަލިފާނުގެ ހާދިސާއެވެ.
ކުޑަކުދިންގެ ހިޔާއަކީ، ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ތަނަަކަށްވާއިރު، ކުޑަކުދިންގެތަކެއް ތިބޭ، ފެސިލިޓީއެއްގައި އަލިފާނުގެ ހާދިސާތައް ޖެހިޖެހިގެން ހިގައިދިޔައިރުވެސް، މިކަންކަމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތެއް މިއަދާ ހަމައަށް އައިއިރުވެސް ހުރިކަމަކަށް ފެންނާކަށް ނެތެވެ.
ޒިންމާގެ ވާހަ ދެކެވޭ ކޮންމެ ހާލަތެއްގައިވެސް، ބައެއް ފަރާތްތަކަށް މި ދެކެވޭ ޒިންމާގެ ވާހަކައަކީ، އަލިފާން ރޯވިތަނުގައި އަލިފާން ރޯކުރި މީހަކު ހޯދުމުގެ ވާހަކައިގެ ގޮތުގައި ފަހަރުގައި މޭރުން ކުރެވިފައި އޮވެދާނެއެވެ. ތެދުފުޅެކެވެ. ނަގަންޖެހޭ ޒިންމާއާއި، ވެވޭ އިހުމާލު މިބީދައިން ތަރުޖަމާ ކުރާނަމަ، ސިޔާސތު ރާވާ ފަރާތްތަކާއި، ކަންކަން ރަގަޅުކޮށް، އިސްލާހުކުރަން ތިބޭ ފަރާތްތަކުން، ކަންކަން ގޯސްވެގެން ދިއުމުން ދުވަހަކުވެސް އުފުލަން ޖެހޭ ޒިންމާއެއް ނޯންނާނެއެވެ.
އެހެންނަމަވެސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ތަކުރާރުކޮށް ހިގައިގެން ދިއުމުން، ކުޑަކުދިންތަކެއް ދިރިއުޅެމުންދާ ތަނެއްގައި ކަންކަން އިންތިޒާމުވެފައި ހުންނަންޖެހޭ އުސޫލުން ނޫން އެތައްގޮތަކުން ކަންކަން ތަރުތީބު ވެގެން ގޮސްގައިވާ ކަމެވެ.
އެހެންނަމަވެސް، މިހާދިސާތަކަށްފަހު، ޖެންޑަރ މިނިސްޓްރީން އޭރުވެސް ނެރެފައިވާ ބަޔާންތަކާއި، ދެން ޖެހިގެން އައިދުވަހު ސަރުކާރުގެ އިސްވެރިންތަކެއް މިތަނަށް ޒިޔާރަތްކުރި ހިސާބުން، ހުރިހާކަމެއް ނިމިގެން ދިޔައީއެވެ. ޖެންޑަރ މިނިސްޓްރީގެ ޒިންމާ އަދާކުރެވި، އަދި ސަރުކާރުންވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ނިމުނީ ކަމުގައި ވަނީ ބެލެވިފައެވެ.
އިހުމާލުވެވިފައި ވަނީ ކޮންގޮތަކުން ކަމެއް، ކާކުކަމެއް، އަދި އިހުމާލެވެވިގެންދިޔައީ ކޮން ކަންތަތަކެއްގެ މަތިންކަމެއް، ނުވަތަ އިހުމާލެއް އޮތްކަމެއް ނުވަތަ ނެތްކަމެއްވެސް އެގޭކަށްނެތެވެ.

"ފިވަޔަތި"، ވަރަށް ގިނަ ބަޔަކު ހޭލައްވާލައިފި!
ވިލިގިލީގައި ހުނަން ކުޑަކުދިންގެ ހިޔާގައި ތަކުރާރުކޮށް ހިގައިދޔަ އެތައް ހާދިސާއަކަށްފަހު، ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނުގެ ހާލަތު އެންމެ ފުރިހަމަޔަށް ސާފުކޮށްދިން ހާދިސާތައް ހިގައިގެން ގޮސްފައި މިވަނީ، ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި، ހުޅުމާލޭގައި ހުންނަ "ފިޔަވަތީ"ގައެވެ.
މިތަނުގަައި ތިބި ބައެއް ކުދިން އުޅެމުންދިޔަ ގޮތާއި، އަދި ތަނުގެ ހާލަތު އާންމު ރައްޔިތުންނާ ހަމަޔަށް ތިލަވެގެން ދިޔައީ، މިތަނުގައި ތިބޭ ކުދިން، ތަނުގެ ފުރާޅު މައްޗަށް އަރާ، ހަޑި ހުތުރުބަހުން މުއާމަލާތުކޮށް، ލަކުޑި ބުރިތައް ހިފައިިގެން ތިބެ އެކި އުމުރުފުރާގެ އަންހެން ކުދިންނާއި ފިރިހެންކުދިން ވެގެން ތަނުގެ ދޮރުތައް ތަޅާލާ އަދި އެންމެ ފަހުން ތަނުގައި ހުޅުވެސް ޖެހި ހިސާބުންނެވެ.
އެހެންނަމަވެސް، ތަނުގައި ހުޅު ރޯވެ، އަލިފާން ފެތުރިގެން ދިއުމުގެ ކުރިން ސިފައިންވަނީ އަލިފާން ނިއްވާލާފައެވެ.
މީގެ ކުރިން ބަޔަކަށް ހީވެސް ކުރެވިފައި ނުވާފަދަ، ބޮޑެތި ހާދިސާތަކެއް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއްގެ ފާރަތުން ހިގަމުން ދިޔައިރު "ފިޔަވަތީ"ގައި ތިބި ކުދިން އެތަނުގެ ތަންތަނަށް ގެއްލުންދީ، ތަނުގައި ހުޅު ރޯކުރިއިރު، ތަނުގެ ކޮންޓްރޯލް ޖެންޑަރ މިނިސްޓްރީއަށް ގެއްލިފައި އޮންނަތާ 4 ދުވަސް ފާއިތުވެގެން ދިޔައީއެވެ.
ހާލަތު ގޯސްވެ މީޑިއާތަކުގެ ސުވާލުތައް އަމާޒުވާން ފެށުމުގެ ޖެންޑަރ މިނިސްޓަރު ވިދާޅުވެފައިވަނީ، "ފިޔަވަތި" ގެ ތަރުތީބު "ކުޑަކޮށް" ގެއްލިގެން ދިޔައީ ކަމުގައެވެ. އަދި އެއަށްފަހުވެސް މީޑިއާތަކުގެ ފާޑުކިޔުން މިނިސްޓްރީ އަށް އަމާޒުވުމުން ޖެންޑަރ މިނިސްޓްރީން ވަނީ ބަޔާނެއް ނެރަފައެވެ.
މިބަޔާނުގައި ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ ވޭދުވެދިޔަ 3 ދުވަހު އެމަރުކަޒުގައި ބައެއްކުދިންގެ ފަރާތުން ފެންނަންފެށި ކަންތައްތަކާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސް އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އަދި ބަޔާން ނެރުނު ވަގުތުގައިވެސް މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މުވައްޒަފުން އެމަރުކަޒުގެ ކުދިންނާއި މުވައްޒަފުންނާއި އެކު މަސައްކަތްކުރަމުން ދާކަމަށެވެ.
އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކުރައްވާ، ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް އެސަރވިސްއިން ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެހާ ފަރުދުންގެ އެއްބާރުލުން ދިނުމަށް ޖެންޑާއިން ވަނީ އެދިފައެވެ.

ކަންކަން ހާމަކޮށް، ވެރީން ޒިންމާ އުފުލަންޖެހޭ
ވިލިގިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އިހުމާލުގެ އެތައް ހާދިަސާތަކެއް ތަކުރާރުކޮށް ހިގާފައިވަނިކޮށް، "ފިޔަވަތީ"ގައި މީގެ ދެދުވަސްކުރިން ހިގައިދިޔަ ހާދިސާތަކުން އެތަނުގައިވެސް ވަރަށްވެސް ސީރިއަސް މައްސަލަތަކެއް ހުރިކަން ސާފުކޮށް ފެންނާން އެބަހުއްޓެވެ. ތަނުގެ ހާލަތު އޮތްގޮތާއި މިންވަރު ވަރަށްވެސް ރަގަޅަށް ވަނީ ވަޒަން ކުރެވިގެން ގޮސްފައެވެ.
އަދި ކުޑަކުދިންތަކެއް ލަކުޑި ބުރިއާއި ލަޓި ބުރިތައް ހިފައިގެން، ހަޑި ހުތުރުބަހުން ވާހަކަދައްކާ، ތަނަށް ގެއްލުންދީ، އަދި ތަނުގައި ހުޅުޖަހާ ހިސާބަށް ކަންތައް ދިއުމުން ތަނުގެ ހާލަތު އޮތްގޮތް ވަރަށްވެސް ރަގަޅަށް ވަނީ ހާމަވެގެން ގޮސްފައެވެ.
އަދި ހަމައެއާއެކު، އިމާރާތުގެ ފުރާޅުމައްޗަށް އަރާތިބި ކުދިން ކަންކަމަށް ޑިމާންޑްކޮށް، އުސޫލުތައް ބަދަލުކުރުމަށް ގޮވާ، އަދި ދެމުންދިޔަ އިންޒާރުތައް އެކުދިން ދީފައިވަނީ ސިއްރިޔާތުގައެއް ނޫނެވެ. މިއީ ޖެންޑަރ މިނިސްޓްރީއަށް ސިއްރު ކުރެވޭނޭ އުސޫލަކުން، ހަމަޔަކުން ހިގައިގެން ގޮސްފައިވާ ކަންތައްތަކެއް ނޫނެވެ. އެއްވެސް ކަމެއް އާދައިގެ ކަމަކަށް ހަދާ، ތަނުގެ ހާލަތާއި، އަދި އެތަނުގައި ތިބި ކުދިންގެ ހާލަތާމެދުވެސް އެއްވެސް ހައިސިއްޔަތަކުން އެ މިނިސްޓަރީއަށް މިއަދު އިންކާރު ކުރެވެން އޮތްކަމަކަށް ނުބެލެވެއެވެ.
މީގެ އިތުރުން، މައުލޫމާތު ލިބިފައިވާ ގޮތުގައި 13 އަހަރުން ދަށުގެ ކުދިން ބޭތިއްބުމަށް ޚާއްސަ ކޮށްފައިވާ މިމަރުކަޒުގައި 18 އަހަރުން މަތީގެ ކުދިންވެސް އެބަތިއްބެވެ. ކުދިން ބެލެހެއްޓުމަށް ތަނުގައި ތިބީ މަދު މުވައްޒިފުން ކޮޅެކެވެ. އެތަނުގައި ތިބި ކުދިންގެ ފަރާތުން މުވައްޒިފުންނަށްވެސް އަނިޔާ ލިބިފައި ވެއެވެ. ތަނުގެ ޚިދުމަތްތައް ހުރީ ބޮއްސުން ލާފައެވެ.
އެހެންނަމަވެސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ޖެންޑަރ މިނިސްޓްރީއަކީ އެތަކެއް ސްޓޭޓް މިނިސްޓްރުންނާއި، މިނިސްޓަރުންގެ ނާއިބުންގެ ފެންވަރުގައިވެސް އެތައް އިސްވެރިންތަކެއް ތިބި މިނިސްޓްރީއެއްކަމެވެ. މިއީ ހަތްތަހާވެސް ޒިންމާ އުފުލަންޖެހޭ ފަރާތްތަކެވެ. ޖަވާބުދާރީ ވާންޖެހޭ ފަރާތްތަކެވެ. މިއީ ބަހަނާ ދައްކަވަން، ދައުލަތުން ޚަރަދުކޮށްގެން ތިއްބަވާ ފަރާތްތަކެއް ނޫންކަންވެސް ހަދާންކުރަން އެބަޖެހެއެވެ.

ހާލަތު ގޯސްވެގެންދާ ކޮންމެ ފަހަރަކު، ނައިބު ރައީސް އިސްވެ ހުންނަވާ، ވަޒީރުންގެ ޓީމަކާއެކީ ތަނަށް ޒިޔާރަތްކޮށް، ތަނުގެވެރީންނާ ބައްދަލުކޮށް، ކަން ހިގައިދިޔަ ގޮތް ބެއްލެވުމުގެ އާދައަކީ، ދޫކޮށްލަން ޖެހޭ އާދައެކެވެ. މިނިވަންކަމާއެކު ތަނުގެ ހާލަތު ދެނެގަނެވޭނެ އުސޫލުތަކެއް އެކަށައަޅުއްވާ، ގޯސްކޮށް ހިނގާފައިވާ ކަންކަން ރަގަޅު ކުރައްވަން އެބަޖެހެއެވެ. އިހުމާލު ވެވުނީ ކޮން ގޮތަކުން ކަމާއި، ވެވުނު އިހުމާލަކީ ކޮބައިކަން ހޯދާ ބަލަން އެބަޖެހެއެވެ. އިހުމާލުވީ ފަރާތްތައް ޒިންމާދާރު ކުރެވެން އެބަޖެއެވެ.
މިއަދު ގަބޫލު ކުރަންޖެހިފައިވާ ހަގީގަތަކީ، ވެރީން ޒިންމާ ދާރު ނުވާހާހިދަކު، ހާލަތު ބަދަލު ނުވާނޭކަމެވެ. ކަމެއް ބޮއްސުލް ލައިގެން ދާ ކޮންމެ ފަހަރަކީ، ނެރޭ ނޫސް ބަޔާނަކުން، ނުވަތަ ވެރީންގެ ޓިމަކުން ތަނަށް ކޮށްލާ ޒިޔާރަތަކުން ފަރުޖައްސާލެވެން އޮތް ކަމެއްނަމަ، ދުވަހަކުވެސް ހާލަތު ބަދަލުވެގެން ނުދާނޭކަމެވެ.
ކޮމެންޓު ފޮނުވާ