ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ މަޤާމުން އިސްތިއުފާދެއްވުމަށް އިދިކޮޅުން ގޮވާލައްވައިފިއެވެ.
މާދަމާރޭ ޖެންޑަރ މިނިސްޓްރީގެ އިހްމާލުތަކާއި ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ އިހްތިޖާޖާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ހަރަކާތް ކޮމިޓީގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ މިހާރު ހުންނެވި ޖެންޑަރ މިނިސްތަރު މަޤާމަށް ކުފޫ ހަމަނުވާކަމަށާއި މިހާރުން މިހާރަށް އިސްތިއުފާދެއްވަން ޖެހޭކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރު ފެށުނީއްސުރެ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އިހްމާލުވަމުން އަންނަކަމަށެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބަލަހައްޓާ ތަންތަނުން ކުދިން ގެއްލި ބައެއް ކުދިން ފިލުމުގެ މައްސަލައާއި އެނޫންވެސް ގިނަމައްސަލަތަކެއް ފާހަގަވެ މިހާތަނަށްވެސް ހައްލެއް ލިބިފައިނުވާކަމަށެވެ.
ޖެންޑަރ މިނިސްޓަރު މަޤާމުން ވަކިކުރުމަށް ސަރުކާރަސް ގޮވާލައްވާ މުޙައްމަދު އިސްމާޢީލް ވިދާޅުވީ، މާދަމާރޭ އޮންނަ އިހްތިޖާޖުގައި ޖެންޑަރ މިނިސްޓްރީ ކުރިމައްޗަށް އެއްވެ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާނެކަމަށެވެ. އޭނަ ވިދާޅުވީ މިއުޅެނީ ސަރުކާރަށް އަޑު ނީވިގެންކަމަށާއި، އެ އަޑު ސަރުކާރަށް އިއްވާނެކަމަށެވެ.
ރާއްޖޭގެ ހުރިހާ އަސާސްތަކެއް ފުނޑުފުނޑުވެ އިސްލާމްދީންގެ އަސާސްތައް ވެއްޔާ އެކުވެގެން ދަނީއޭ. މިހާރުން މިހާރަށް ޖެންޑަރ މިނިސްޓަރާ ފޮރިން މިނިސްޓަރު މަޤާމުން ވަކިކުރަންޖެހޭ.
– މުހައްމަދު އިސްމާއީލް
އިދިކޮޅުން އިސްނަގައިގެން ވަނީ މާދަމާރޭ މާލޭގައި ބޮޑު އިހްތިޖާޖެއް ބޭއްވުމަށްވެސް ނިންމާފައެވެ. މާދަމަރޭ 0830ގައި އޮންނަ މި އިހްތިޖާޖަކީ ޖެންޑަރ މިނިސްޓްރީގެ އިހުމާލުން ހިނގާ ކަންކަމާއި ގުޅިގެން އަޑުއުފުލުމަށް ބާއްވާ އިހުތިޖާޖެއްކަމަށާއި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިދކޮޅުން ވަނީ އެދިފައެވެ.
ފިޔަވަތި" ގައި މައްސަލަތައް ފުނިޖެހި ބޮޑުވަމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އެ ތަނުގައި ތިބޭ ކުދިންގެ ފަރާތުން އަހުލާގީ ވަަރަށް ގިނަ މައްސަލަތައް ފާހަގަވެ އެ ކުދިންގެ އުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެތަނުގައި ތިބި ކުދިން ފުރާޅަށް އަރައި ތަނުގައި ހުޅުޖަހައި ގިނަ ރައްޔިތުން ތަކެއް އެސަރަހައްދަށް ޖަމާވެފައިވެއެވެ.
ކޮމެންޓު ފޮނުވާ