ޑްރޯން ހަމަލާގައި މަރުވީ ޓެރަރިސްޓުން ނޫންކަމަށް އެމެރިކާއިން އެއްބަސް ވެއްޖެ

ޑްރޯން ހަމަލާގައި މަރުވީ ޓެރަރިސްޓުން ނޫންކަމަށް އެމެރިކާއިން އެއްބަސް ވެއްޖެ

Author
ހުސެއިން
18 ސެޕްޓެމްބަރ 2021 03:30
0

އޮގަސްޓް 31ގެ ކުރިން އެމެރިކާ ސިފައިން އަފްއާނިސްތާން ދޫކޮށް ދިއުމުގެ ކުރިން، އަފްއާނިސްތާނުން މީހުން ބަދަލު ކުރުމުގެ އޮޕްރޭޝަން ކުރިޔަށް ދަނިކޮށް، ކާބުލް އެއަރޕޯޓު ކައިރީގައި ހަރަކާތްތެރި ވަމުންދިޔަ ވޭނަކަށް އަމާޒުކޮށް، އެމެރިކާގެ އަސްކަރިއްޔާއިން ދިން ޑްރޯން ހަމަލާގައި، ކުޑަކުދިންވެސް ހިމެނޭގޮތުން މަރުވެފައިވާ 10 މީހުންނަކީ ޓެރަރިސްޓުން ނޫންކަމަށާއި އެއީ މައުސޫމް ރައްޔިތުން ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން އެއްބަސް ވެއްޖެއެވެ.

އަދި އެއީ ހެދުނު ވަރަބޮޑު ގޯހެއް ކަމުގައިވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. މި ހަމަލާގައި 7 ކުޑަކުދިންވެސް މަރުވެފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ޖެނެރަލް ނޫސްވެރިންނަށް މައުލުމާތު ދެމުން ވިދާޅު ވެފައި ވެއެވެ.

"އަހަރެމެން ހަދާފައިވާ އެސެސްމަންޓްތަކަށް ބަލާއިރު، މިހަމަލާގައި ހަމަލާ އަމާޒުކުރެވުނު އެއްގަމު އުޅާދާއި، އަދި އެ އުޅަދުގައި ތިބި މީހުންނަކީ، ISIS-K އާއި އެއްވެސް ގުޅުމެއް ހުރި ބައެއް ނޫން، އަދި އެމީހުންނަކީ އެމެރިކާއަށް އެމީހުންގެ ފަރާތުން ނުރައްކަލެއް ހުރި ބައެއްވެސް ނޫން،" އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ޗީފް ޖެނެރަލް ފްރޭންކް މެކެންޒީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވެއެވެ.

"މިހަމަލާ ދެވިފައިވަނީ، އެވަގުތު އެއަރޕޯޓުގައި ތިބި އަހަރެމެންގެ ސިފައިނާއި އަދި ފުރަން ގޮސްތިބި އެތައްބަޔަކަށް އަތުވެދާނެކަމަށް ބެލެވުނު ހަމަލާއެއް ހުޓުވުމުގެ މަގުސަދުގައި، އެހެންނަމެވެސް އެއީ އެރި ވަރަށް ބޮޑު އޮޅުމެއް،" އޭނާ އިތުރަށް ވިދާޅުވިއެވެ. ޖެނެރަލް ފްރޭންކް މެކެންޒީ ވިދާޅުވި ގޮތުގައި އެމެރިކާއިން ދަނީ މިހަމަލާގައި މަރުވިު މީހުންގެ އާއިލާތަކަށް ބަދަލު ދިނުމާމެދު ވިސްނަމުންވެ.

ޑްރޯން ހަމަލާގައި ހަލާކު ވެފައިވާ، ހަމަލާގެ ޝިކާރައަކަށް ވެގެންދިޔަ އާއިލާއަށް ނިސްބަތްވާ މީހުންގެ ގެ ބައެއް ފަރާތްތަކުން ބަލަނީ

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރިކާގެ އަސްކަރިއްޔާގެ ޖެނެރަލް ވަނީ، މި ހަމަލާ ދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން ނިންމުމާއި ހަމައަަށް ދަތުރު ގޮތުގެ މަގުރާސްތާއެއްވެސް ނޫސްވެރިންނާ ހިއްސާ ކޮށްފައެވެ.

"ވަރަށް ސާފުކޮށް އެގެން އެބައޮތް، މި ފެންނަ ޓޮޔޯޓާ ކޮރޮއްލާ އުޅަދާ ގުޅޭގޮތުން އަހަރެމެންނަށް ލިބިފައިވާ ޖާސޫސީ މައުލޫމާތު ރަގަޅު ނޫންނަކަން،" އޭނާ ވިދާޅުވެފައި ވެއެވެ.

މި ހަމަލާއާއި ގުޅޭގޮތުން، އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އައުސްޓިން ވިދާޅުވެފައިވަނީ، "ފުރިހަމަ ތަހުގީގެއް ހިންގުމަށް،" އޭނާ އަމުރު ކުރައްވާފައިވާ ކަމުގައެވެ.

"އަހަރެމެން ބަލާނީ ހަމައެކަނި އޮގަސްޓު 29ވަނަ ދުވަހުގެ ހަމަލާ ދިނީ ކީއްވެތޯ ނުވަތަ، ނުދިނީ ކީއްވެތޯ އެކަންޏެއް ނޫން… މި ހަމަލާގެ ތަހުގީގު ކުރެވިގެންދާ ގޮތްވެސް އަހަރެމެން ބަލާނަން."

"އެއީ އަހަރެމެން މިހަމަލާގެ ޝިކާރައަކަށް ވެގެންދިތަ ފަރާތްތަކުގެ އާއިލާތަކަށްވެސް އަދި އެމެރިކާގެ ރައްޔިތުންނަށްވެސް ދޭނެ ޔަގީންކަމެއް."

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.