މިއަދު ހަވީރުން ފެށިގެން ހުޅުމާލޭގައި ހުންނަ "ފިޔަވަތި" ގައި ތިބި ކުދިންތައް އެތަނުގެ ފުރާޅަށް އަރާ ތަންތަނަށް ގެއްލުންދީ ހުޅުޖަހައިފިއެވެ.
މިއަދު ހަވީރުން ފެށިގެން ފިޔަވަތީގައި ދިރިއުޅޭ ކުރިން ފުރާޅަށް އަރައި ދުވެ ހަދައި އެންމެ ފަހުން ތަނުގައި ހުޅުޖެހި ހިސާބަށް ދިޔައިރުވެސް މިކަމުގެ ޒިންމާ އެޅިފައިވާ ޖެންޑާ މިނިސްޓްރީން މާބޮޑު އަޅާލުމެއް ފެނިފައިނުވެއެވެ. މިއަދު އިރުއޮއްސުނު ފަހުން، ކުޑަކުދިން ފުރާޅުގައި ތިބިތަން ފެނި އާންމުގެ ރިޕޯޓްތަކާއިއެކު ފުލުހުން ވަނީ މަގު ބަންދުކޮށް އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
ނަމަވެސް އެހިސާބުން ފިޔަވަތީގައި ތިބި ކުދިންގެ އަމަލުތައް ނުހުއްޓެއެވެ. އެންމެ ފަހުން ފެނުނީ ފިޔަވަތީގައި ރޯވެ ދުން އަރަމުންދިޔަ ތަނެވެ. މިކަންވެސް ހިނގައިދިޔަ ފަހުން ސިފައިން އެސަރަހައްދަށް ވަނީ ގޮސްފައެވެ. ސިފައިންވެސް ބުނެފައިވަނީ އަލިފާން ނިއްވާލަން އެސަރަހައްދަށް ދިޔައިރު، ނިއްވާލާފައިވާކަމަށެވެ.
ފިޔަވައްޗަކީ އެތައް މައްސަލަތަކެއް ތަކުރާރުކޮށް ފެންމަތިވެފައިވާ ތަނެކެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީއަށް މިކަމުގައި އެއްވެސް ކަމެއް ކުރެވޭތަނެއް ނުފެނެއެވެ. ކުޑަކުދިންގެ ހިޔާއާއި، ފިޔަވަތީގައި އަޅާލުން ބޭނުންވެފައިވާ ކުދިން ތިބޭއިރު، މިކުދިންނަށް އަޅާލައި މިނިސްޓްރީން އެކަށީގެންވާ ވަރާއި ގާތަށްވެސް މަސައްކަތް ކުރެވޭތަނެއް ނެފެނެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ތިބި ޖެންޑާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ތަކުރާރުކޮށް ހުޅުޖަހައި ހަދަމުންދާއިރުވެސް ޖެންޑާ މިނިސްޓްރީގެ އަޅަލުމެއް އޮތްތަނެއް ނުފެނެއެވެ. ޖެންޑާ މިނިސްޓަރަށް މަސައްކަތް ނުކުރެވޭތީ ކުރީގެ މިނިސްޓަރ ޝިދާތާވެސް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް ހުރި މައްސަލަތަކަށް އައި އެއްވެސް ބަދަލެއް ނެތްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ