ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި، ޑރ. އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކޯވިޑް ފެސިލިޓީގައި ފަރިވާ ދެމުންދިޔަ 89 އަހަރު ފިރިހެނަކު ނިޔާވެއްޖެއެވެ.
ކޯވިޑްބަލީގައި ގދ، ތިނަދޫއިން އިތުރު މީހަކު ނިޔާވުމާއެއެކު، ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 228އަށް އަރާފައެވެ. އަދި މިއީ ކޯވޮޑް ބަލާިގައި ތިނަދޫއިން ނިޔާވި 4 ވަނަ މީހާއެވެ.
ގދ. ތިނަދޫގެ ގިނަބަޔަލު ކޯވިޑަށް ޕޮޒިޓިވް ވުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން އެރަށް މޮނިޓަރިންގައި އޮތުމަށްފަހު މިހާރު އޮތީ މޮނިޓަރިންގއިން ނަގާފައެވެ. އެހެންނަމަވެސް، އަދިވެސް އެރަށުގައި ކޯވިޑަށް ޕޮޮޒިޓިވް ވެފައިވާ މީހުން ތިބިކަން ފާހަގަ ކޮށްލެވެއެވެ.
މިގޮތުން، މިހާތަނަށް ޖުމްލަ 900 މީހުން ތިނަދޫގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އަދިވެސް ބައްޔަށް ފަރުވާ ހޯދަމުންދާ 15 މީހަކު ތިނަދޫގައި ތިބިކަމަށް ޑރ. އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދީފައި ވެއެވެ.
ކޯވިޑް19ބައްޔަށް މިވަގުތު ރާއޖޭގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 1،832 މީހުންނެވެ. މީގެތެރެއިން 21 މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 141 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 81،090 އަށް އަރާފައެވެ.
ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ މިހާރުވަނީ 389،821 އަށް އަރާފައެވެ.