މުޒާހަރާ މައްސަލާގައި ރައީސް ޔާމީނަށް ފިޔަވަޅު އަޅައިފި، ދިނީ ނަސޭހަތް!

މުޒާހަރާ މައްސަލާގައި ރައީސް ޔާމީނަށް ފިޔަވަޅު އަޅައިފި، ދިނީ ނަސޭހަތް!

Author
މުޙައްމަދު ޖިމީ
16 ސެޕްޓެމްބަރ 2021 11:40
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޭބަންދުގައި ހުންނަވައިގެން އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި މައްސަލާގައި އެމަނިކުފާނަށް ފިޔަވަޅު އަޅައިފިއެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ އެފަދަ ކަމެއް ތަކުރާރުނުކުރުމަށް ލިޔުމުން ނަސޭހަތް ދިނުންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުންޏެވެ.

މިދިޔަ ހުކުރުދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުކަމަށްވާ ހ.ދޫވަހި ގައި ހުންނަވައިގެން ކުޑަދޮރުން މުޒާހަރާގެ ބައިވެރިންނަށް އިޝާރާތްކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޤައުމީ ދިދައަކާއި ޕީޕީއެމްގެ ދިދަ ވިހުރުވާފައެވެ.

ޔާމީން އިޤުރާރާއި ޚިލާފްވެއްޖެ، ފިޔަވަޅު އަޅާނަން: ކަރެކްޝަން

މި މައްސަލާގައި ކަރެކްޝަނުން ބުނެފައިވަނީ، ހުކުރު ދުވަހު ރައީސް ޔާމީން ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނެ ކަމަށެވެ. ކަރެކްޝަނަލް ސާރވިސްއިން ބުނީ ރައީސް ޔާމިނަށް އެފަދަ ކަމެއް ތަކުރާރުނުކުރުމަށް ލިޔުމުން ނަސޭހަތްތެރިވެފައިވާކަމަށެވެ.

ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރައްވާފައިވަނީ ރާއްޖޭގެ ޖަލުތަކުގައި ކޯވިޑް-19ގެ ނުރައްކާ އިތުރުވުމާ ގުޅިގެން، ހައި ރިސްކު ގައިދީން ގޭ ބަންދަށް ބަދަލުކުރި އުސޫލުގެ ތެރެއިންނެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތު ވުމުންނެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.

މީގެ އިތުރުން ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގަވެސް މަނީ ލޯންޑްރިންގއާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށްވަނީ އުފުލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަހުމަދު ނަޢީމް
ޙުކުމް ކުރީ ސާބިތު ވެގެން ނޫން؛ އެއީ ޙަރާމް ޙުކުމެއް!