ރައީސް ޔާމީންގެ ޝަރީއަތާއިމެދު ހުރި ކަންބޮޑުވުންތައް ޕީޖީއާއި ހިއްސާކޮށްފި

ރައީސް ޔާމީންގެ ޝަރީއަތާއިމެދު ހުރި ކަންބޮޑުވުންތައް ޕީޖީއާއި ހިއްސާކޮށްފި

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2021 09:53
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާއިމެދު ހުރި ގިނަ ކަންބޮޑުވުންތަކެއް އިދިކޮޅު ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއާއި ހިއްސާ ކުރައްވައިފިއެވެ.

ޕީޖީ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި، ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެފައިވެއެވެ. މިބައްދަލުވުމުގައި ވަނީ ރައީސް ޔާމީނަށް ދަށު ކޯޓުން ހުކުމްކުރި ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައެވެ.

އޯޑިއޯތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ހިއްސާ ކުރި މައުލޫމާތުތަކާއި، ގުޅިގެން ޕީޖީ ވިދާޅުވީ މިކަމުގައި ދެވެން އޮތް އެއްބާރުލުމެއް ދެއްވާނެކަމަށާއި، އަދި މިހާރުވެސް އޯޑިއޯތައް ދިރާސާކުރުމުގެ މަސައްކަތް ކަމާއި ގުޅުންހުރި ފަރާތްތަކުން ދެމުންދާކަމަށެވެ. އަދި މިކަމުގައި ޕީޖީ އޮފީހުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަމެއް އޮތްނަމަ އެ އެހީތެރިކަމެއް ފޯރުކޮށް ދެއްވާނެކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގތަކެއްކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް، އެ އޯޑިއޯތަކުގައި ވާހަކަދެއްކިކަމަށްބުނާ ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލްވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާ އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް މިއޯޑިއޯތަކުގައި ވާހަކަދައްކަވާފައި ވާކަމަށްބުނާ ކްރިމިނަލް ކޯޓުގެ 3 ފަނޑިޔާރުންވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މިދިޔަ އާދިއްތަ ދުވަހު މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ވަނީ ފަށައިފައެވެ. މި ތަޙުޤީގާއި ގުޅޭގޮތުން ޖޭ.އެސް.ސީން ވިދާޅުވީ، މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުއާ، އެ ކޯޓުގެފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމްއާ، ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކޮށްފައިވާކަމަށެވެ.

މިމައްސަލައިގެ ތަޙުޤީގުގައި 3 ފަނޑިޔާރުންވެސް ވަނީީ މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނެވި 2 ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލާއި ސުވާލުކޮށް މަޢުލޫމާތު ސާފުކުރެވުނުކަންވެސް ޖޭއެސްސީންވަނީ ވިދާޅުވެފައެވެ. އަދި އެ އޯޑިއޯތަކުގައިކޮށްފައިވާ ތުހުމަތުތައް އެ 2 ފަނޑިޔާރުންވެސް ދޮގުކުރައްވާފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައިވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.