މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށްޓަކައި އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނަށް އެމްއެންޕީ އުފެއްދުމަށް ފޯމް ހުށަހެޅުމަސް ބޭއްވި ރަސްމިއްޔާތުގައި، އެޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެފައިވެއެވެ. ޕާޓީ އުފެއްދުމަށް އިލެކްޝަންސް އަށް ހުށަހަޅާފައިވަނީ 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކުގައެވެ.
ފޯމް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް މުހައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުކަމަށެވެ. މިއީ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 5،000 އަށްވުރެ ގިނަ މެމްބަރުން އެމްއެންޕީއާއި ގުޅުނުކަމީ އެޕާޓީއާއިމެދު ރައްޔިތުން ކުރާ އުންމީދު ހާމަވެގެންދާ ކަމެއްކަމަށެވެ.
އޭނާ ވިދާޅުވީ އެމްއެންޕީން މަސައްކަތް ކުރާނީ ޑިމޮކްރަޓިކް އުސޫލުން، ޑިމޮކްރަސީގެ ރީތި މަގުން މަސައްކަތް ކުރުމަށްކަމަށެވެ. އެގޮތުން ޕާޓީގެ މަޤާމުތަކަށް މެމްބަރުން ކަނޑައެޅެނީ އިންތިޚާބު ކޮށްގެންކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ޚިޔާލު ފަޅު ކުރުމަށް އެޕާޓީން ހުރަސް ނާޅުއްވާނެކަމަށެވެ.
އެމްއެންޕީއާއި އުފެއްދުމާއި ހަމައަށް އެޕާޓީއާއިއެކު މަސައްކަތްކުރި، މެމްބަރު މުހައްމަދު ނަޝީދާއި، މެމްބަރު އަބްދުލް މުހުސިން ހަމީދު އެމްއެންޕީއާއި ގުޅުން މަޑު ޖައްސާލަން ނިންމި ނިންމުމާއި ގުޅިގެން ނާޒިމް ވިދާޅުވީ ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ އަމިއްލަ ވިސްނުމުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެމްއެންޕީގައި އޮންނާނެކަމަށެވެ. އަދި އެދެންބަރުން މިވަގުތަށް ސޮއި ނުކުރި ނަމަވެސް ވަރަށް އަވަހަށް ޕާޓީއާއި ގުޅޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވާ އުފައްދަވާ އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހުއެވެ.
އެމްއެންޕީން ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފަ އެވެ. ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ. އެމްއެންޕީއަށް މެންބަރުން އިތުރުކުރުމަށްޓަކައި އެ ޕާޓީގެ ޓީމުތައް މިހާރު ގެންދަނީ އަތޮޅު ތެރޭގައި ވެސް ހަރަކާތްތެރިވަމުންނެވެ.