އިންޑިއާގެ މުމްބާއީގައި، ދަތް އުގުޅާ ބޭސްކަމުގައި ހީކޮށް، މީދާ ބޭސް ބޭނުން ކުރުމުގެ ސަަބަބުން، ޒުވާން އަންހެން ކުއްޖަކު މަރުވެއްޖެކަމަށް، މުމްބާއީގެ ފުލުހުން، ލޯކަލް މީޑިއާތަކަށް މައުލޫމާތު ދީފިއެވެ.
އުމުރުން 18 އަހަރުގެ ޒުވާން އަންހެން ކުއްޖާ، ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު، ހެނދުނު ހޭލުމަށްފަހު، ދަތް އުގުޅުމަށްޓަކާ، ދަތް އުގުޅާ ބޭސްފުޅި ކަމަށް ހީކޮށް، ބުރުހުގައި ބޭސް ޖެހުމަޓަކާ، ބޭނުން ކޮށްފައިވަނީ، މީދާ ބޭސް ފުޅިއެވެ.
މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، މީދާ ބޭސް ބޭނުން ކޮށްގެން ދަތް އުގުޅުމާއެކު އެއީ ދަތް އުގުޅާ ބޭސް ނޫންކަން އެގިގެން، އަންހެން ކުއްޖާ އަނގަ ވަރަށް ރަގަޅަށް ދޮވެ ސާފު ކުރުމަށް މަސައްކަތް ކޮށްފައި ވެއެވެ.
އެހެންނަމަވެސް، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އޭނާ ބަލިވާން ފެށި ކަމަށާއި، އެހެންނަމަވެސް، އެވާހަކަ އާއިލާގެ މީހުންގެ ގާތުގައި ބުނަން ޖެހިލުންވުމުގެ ސަބަބުން، ވަރަށް ބޮޑަށް ބަނޑުގައި ރިއްސަން ފެށިނަމަވެސް، އަމިއްލައަށް ޕެއިން ކިލަރ ބޭނުން ކޮށްފައިވާ ކަމަށްވެސް މުމްބާއީގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
އެތައް ދުވަހެއްވަންދެން، ކުރިމަތިވަމުން ދިޔަ ބަލީގެ ވަހަކަ ނުދައްކާ ހުރުމަށްފަހު، އަންހެން ކުއްޖާ މީދާ ބޭސް ބޭނުން ކޮށްގެން ދަތް އުގުޅާފައިވާ ވާހަކަ އޭނާގެ މައިންބަފައިންގެ ގާތު ބުނެފައިވަނީ، އޭނާގެ މައިންބަފައިން ކުއްލިއަކަށް ކުރިމަތިވި ބަލީގެ އަސްލު ދެނެގަތުމަށް އެތައް ހޮސްޕިޓަކަށް ގޮސްފައި ވަނިކޮށެވެ.
ބަލީގެ އަސްލު އެގުމާއެކު، އަންހެން ކުއްޖާގެ މައިންބަފައިން އޭނާ، ސެޕްޓެމްބަރ 12ވަނަ ދުވަހު އެހެން ހޮސްޕިޓަލަކަށް ގެންދިޔަ ނަމަވެސް، އެދުވަހު ހަވީރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އަންހެން ކުއްޖާ ވަނީ މަރުވެފައިވާ ކަމަށް ފުލުހުން މައުލުމާތު ދީފައި ވެއެވެ.
މުމްބާއީގެ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އަންހެން ކުއްޖާގެ ފޮރެންސިކް ސާމްޕަލްތައް ނަގާފައިވާ ކަމަށާއި، އެހެންނަމަވެސް، ފަހުން ނިންމާފައިވަނީ އޭނާ މަރުވީ ވިހަވުމުގެ ސަބަބުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ