މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި، އަފްއާނިސްތާނުގެ ޕަންޖްޝިރު ޕްރޮވިންސްގައި ހުންނަ، އެގައުމުގެ، ކުރީގެ ސަރުކާރުގެ ނައިބު ރައީސްކަން ކުރެއްވި، އަމްރުއްﷲ ސާލިހުގެ ގެއިން، 6 މިލިއަން ޑޮލަރާއި، އަދި 15 ރަން ބޮލޮކް އަތުލައިގެންފައިވާ ކަމަށް ތާލިބާން ޖަމާއަތުން ބުނެފިއެވެ.
އަފްއާނިސްތާނުގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސާލިހުވެސް އަދި ރެސިސްޓެންޓް ފްރޮންޓުންވެސް، މި ޚަބަރާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އަފްއާނިސްތާނުން އަވައްޓެރި ތަޖިކިސްތާނަށް ކަޑައަޅާފައި ހުންނެވި ސަފީރު މުހައްމަދު ޒާހިރު އަގްބަރު ވަނީ، އަފްއާނިސްތާނުގެ ކުރީގެ ރައީސް އަޝްރަފް ޢަނީ ގައުމު ދޫކުރައްވާ ވަޑައިގެންނެވި އިރު، ވަޑައިގެންނެވީ 169 މިލިއަން ޑޮލަރު ހިއްފަވައިގެން ކަމުގައި ބުނެފައި ވެއެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އަޝްރަފް ޢަނީ ހައްޔަރު ކުރަން ޖެހޭ ކަމަށާއި، އަދި އަފްއާނިސްތާނުގެ ވަސީތައް އެގައުމުގެ ރައްޔިތުންނަށް އަބުރާ ދޭން ޖެހޭނެކަމުގައެވެ.
އެމެރިކާގެ ޑިޕްލޮމެޓިކް ކޭބަލް ތަކުން ހާމަވެފައިވާ ކަމަށް، ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަފްއާނިސްތާނުގެ ނާއިބު ރައީސަކު ގައުމު ދޫކޮށް ދުބާއީއަަށް ގޮސްފައިވަނީ 38 މިލިއަން ޕައުންޑް ހިފައިގެންނެވެ.
އަދި، އެވެރޭޖް އާމްދަނީގެ ގޮތުގައި އަހަރަކު 430 މިލިއަން ޕައުންޑް ލިބޭ އަފްއާނިސްތާނުގެ ކުރީގެ ސަރުކާރުގެ އޮފިޝަލުންނާއި، އަދި ޑްރަގް ޓްރެފިކް ކުރާ މީހުން މިހާރުދަނީ، އަފްއާނިސްތާނުން ހަފްތާއަކު 170 މިލިއަން ޕައުންޓް އެގައުމުން ބޭރަށް ގެންދަމުން ކަމުގައިވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.