މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުތަކުގައި ފުރަބަންދު އިޢުލާން ކުރުމާއެކު ގޭގޭތެރޭގައި މީހުން ހައްޔަރުވިއެވެ. އާއްމު ދިރިއުޅުމުގެ ބިޒީ ވަގުތުތަކަށްފަހު މިގޮތަށް ގޭގައި މަޑުކުަރަން ޖެހުމުން އެކި މީހުން އެކިކަހަލަ އައުކަންތަށްތަށް ދަސްކުރިއެވެ.
އިންޑިއާގެ ކޮމޭޑިއަން ބާރްތީ ސިންގް ވަނީ އޭނާގެ ހަށިގަނޑު ލުއިކުރުމުގެ ވިސްނުންއައީވެސް ލޮކްޑައުންގެ ސަބަބުންކަމަށް ބުނެފައެވެ. އަމިއްލަ ނަފްސުދެކެ ލޯބިވުމަކީ ކިހާ މުހިއްމު ކަމެއްކަން އޭނާއަށް އިހުސާސް ކުރެވި ބަރުދަން ލުއިކުރުމަށް މަސައްކަތްކުރަން އޭނާ ފަށާފައިވަނީ ލޮކްޑައުންގެ ތެރޭގައެވެ. 91 ކިލޯ ބަރުދަނުގައިހުރި ބާރްތީ އަކީ އަމިއްލަ ސިފައަށް އޭރުވެސް ފަހުރުވެރިވާ އަދި އޭނާގެ ޖޯކުތަކުގައި އަމިއްލައަށްވެސް ފަލަކަމުގެ ވާހަކަ ދައްކާ މީހެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދި ކުޅަދާނަ ސްޓޭންޑަޕް ކޮމޭޑިއަން އެކެވެ.
ހަށިގަނޑުގެ ބަރުދަނުގެ ސަބަބުން ދިމާވަމުންދާ ސިއްޙީ މައްސަލަތަކުން ސަލާމަތް ވުމަށްޓަކައި ބަރުދަން ލުއިކުރުމަށް ބާރްތީކުރި މަސައްކަތުން އެނާ ވަނީ އެއް އަހަރުގެ ތެރޭގައި 15 ކިލޯ ހިއްކާލާފައެވެ. އޭނާ ބުނެފައިވަނީ އޭނާ ބަރުދަން ލުއިކުރުމުގެ ފަހަތުގައިވަނީ އުފާވެރި ދިރިއުޅުމެއް އުޅުމާއި ފުރިހަމަ ސިއްހަތެއްގައި ފިރިމީހާއާއި އެކު އުފާވެރި ދުވަސްތަކެއް ހޭދަކުރުން ކަމަށެވެ.
ބާރްތީ ބުނެފައިވަނީ އެހާ ބޮޑަށް ނުހިކުމަށް ފިރިމީހާ ހަރްޝް ބުނެފައިވާކަމަށާއި، ބާރުތީގެ ކޮލުގައި ހިފުމަކީ ހަރްޝް ވަރަށް ކުރާކަމެއް ކަމަށެވެ.
ކާން ބޭނުންވާ ގިނަ އެއްޗެހި އަދިވެސް ކާކަމަށް ބުނަމުން ބާރްތީ ބުނެފައިވަނީ ހިކުމަށް އޭނާ ކުރި މަސައްކަތަކީ ރޭގަނޑު 7 ފެށިގެން މެންދުރު 12 އާއި ހަމައަށް އެއްވެސް ވަަރަކަށް ނުކައި ހުރުން ކަމަށެވެ. އަދި ހަށިގަނޑަށް ގެނައި މިބަދަލާއެކު، އޭނާ ތަހައްމަލުކުރުމުން އަންނަ ސިއްޙީ މައްސަލަތައް ކަމަށްވާ ޑައިބެޓިކް އަދި އަސްތުމާގެ މައްސަލަތައް ވަރަށްބޮޑަށް ހައްލުކުރެވިފައިވާކަމަށްވެސް ބާރްތީ ބުނެފައިވެއެވެ.
މިހާރު ޑާންސް ދިވާނޭ 3 ހުށައެޅުމުގެ އިތުރުން ދަ ކަޕިލް ޝަރްމާ ޝޯގައިވެސް ބާރްތީ އަންނަނީ ހަރަކާތްތެރިވަމުންނެވެ. ހަށިގަނޑަށް ގެނައި ބަދަލާއެކު ބާރްތީ ސޯޝަލް މީޑިއާގައި އާއްމުކުރާ ފޮޓޯތައްވެސް އިތުރުވެފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.