ފްރާންސްގެ ވެރިރަށް ޕެރިސްގެ މޭޔަރ އަންނޭ ހިޑަލްގޯ، ފްރާންސްގެ ފުރަތަމަ އަންހެން ރައީސަށް ވެވަޑައިގަތުމަށްތަކާ، އަންނަ އަހަރު އޮންނަ އަގައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާ އޭނާގެ ރިޔާސީ ކެމްޕޭން ލޯންޗު ކޮށްފިއެެވެ. ގަބޫލު ކުރެވޭ ގޮތުގައި، ސޯޝަލިސްޓު ޕާޓީގެ ކެނޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އަންނޭ ހިޑަލްގޯއެވެ.
ފްރާންސްގެ މިހާރުގެ ރައީސް، މެދުމިނުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ، އެމަނޫލް މެކްރޮންއާއި ވާދަ ކުރުމަށް ހިޑަލްގޯގެ އިތުރުން ފްރާންސްގެ ސިޔާސީ އެހެން ޕާޓީތަކުންނާއި ކެނޑިޑޭޓުންވެސް ގެންދަވަނި ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ޕެރިސްގެ މޭޔަރު ހިޑަލްގޯ އޭނާގެ ރިޔާސީ ކެމްޕޭން ލޯންޗކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، އޭނާގެ ވާދަވެރި އަންހެން ކެނޑިޑޭޓޭއް ކަމުގައިވާ ކަނާތުފިޔައިގެ ލީޑަރެއް ކަމުގައިވާ މެރިން ލީ ޕެން ވެސް ވަނީ އޭނާގެ ކެނޑީޑަސީ އިއުލާންކޮށް، ކެމްޕޭން ފައްޓަވާފައެވެ.
ހިޑަލްގޯ ފްރާންސްގެ ރައީސްކަމަަށް ވާދަ ކުރުމަށް ނިންމަވާފައިކަމަކީ، އެތައް މަހެއް ވަންދެން ސިއްރެއްގެ ގޮތުގައި މިހާތަނަށް ބާއްވާފަ އޮތް ނިންމުމެކެވެ.
ހިޑަލްގޯ، އޭނާގެ ކެޑިޑަސީ އިއުލާން ކުރައްވާފައިވަނީ، ފްރާންސްގެ އުތުރުގެ ސިޓީއެއްކަމުގައިވާ ރޯއެންއަށް ކުރައްވާ ޒިޔާރަތުގައި އެސިޓިގައެވެ. ފެރިސްފަދަ ތަރައްގީ ވެފައިވާ ސިޓީއެއްގައި އޭނާގެ ކެމްޕޭން ލޯންޗު ނުކޮށް، ހިޑަލްގޮ ފްރާންސްގެ ކުޑަ ސިޓީއެއްގައި ކެމްޕެއިން ލޯންޗު ކުރައްވާފައިވަނި އޭނާއަކި ރަށްފުށު ސަރަހައްދުގެ މީހުންނާ އެކީ ހުންނެވި ބޭފުލެއްގެ ގޮތުގައި ދެއްކުމުގެ ގޮތުން ކަމުގައިވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ޕެރިސް ފެހިކުރުމަށް އޭނާ ހިންގެވި ކެމްޕޭނުގައި، އެ ސިޓީގެ އާންމުންގެ ފަރާތުން ތަފާތު ޝުއޫރުތަކެއް އަމާޒުވެފައިވާ، އުމުރުން 62 އަހަރުގެ ހިޑަލްގޯއަށް، އަންނަ އެޕްރިލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި ކާމިޔާބު ކުރެވޭނީ ބެލެވޭ ގޮތުގައި %7 އާއި %9 ދެމެދުގެ ތާޢީދެކެވެ. މިއީ އޭނާ އޭނާއަކީ ހަމައެކަނި ސޯޝާލިސްޓުން ތަމްސީލު ކުރާނެ ކެނޑިޑޭޓެއްކަމަށް ބެލެވޭތީ ލިބޭނެކަމަށް އަންދާޒާކުރެވެ ތާޢީދެކެވެ.
ފްރާންސްގައި އޮންނަ ގޮތުން ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް %50 އަށްވުރެ މަތިން ތާޢީދު ނުހޯދިއްޖެނަމަ، އެންމެ މަތިން ފުރަތަމަ ބުރު ކާމިޔާބު ކުރާ ދެ ކެނޑިޑޭޓެއްގެ މެދުގައި ދެވަނަ ބުރެއް ބޭއްވޭނެއެވެ.
ފްރާންސްގެ މިހާރުގެ ރައީސް މެކްރޮން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އަދި އިއުލާން ކުރައްވާފައި ނުވި ނަމަވެސ،ް އޭނާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ޔަގީން ކުރެވެއެވެ.
މިއިންތިޚާބުގެ އެންމެ ގާތުން ވާދަ ކުރާނެކަމަށް ބެލެވެނީ، 2017ވަނަ އަހަރު މެކްރޮންއާއި ވާދަކޮށް އިންތިޚާބުން ބަލިވި ކަނާތުފިޔައި ލީޑަރެއްކަމުގައިވާ މެރިން ލީ ޕެންއެވެ.
ފްރާންސިސްކޯ ފްރެންކޯގެ ވެރިކަމުން ސަލާމަތްވާން ވެގެން އެގައުމުން ހިޖުރަކުރި ސްޕެނިޝް އާއިލާއެއްގެ ތެރޭގައި ބޮޑުވި ހިޑަލްގޯއަށް އަށް މި އިންތިޚާބުގައި ކުރިމަތި ލާންޖެހޭނީ، 2017ގެ އިންތިޚާބުން ބަލިވެ، ވަކިވަކިވެ ބައިބައި ވެފައިވާ ވާތުފިޔައިގެ ފަރާތްތައް އެއްގަލަކަށް އެރުވުމުގެ ބުރަ މަސައްކަތާއެވެ.
ފްރާންސްގެ ސޯޝަލިސްޓް ލީޑަރ އޮލިވިއެރް ފައުރޭ ވަނީ ހިޑަލްގޯގެ ކެނޑިޑެސީއަށް ތާއީދުކުރާކަމަށް ބުނެފައެވެ. އެހެންނަމަވެސް، އެގައުމުގެ ގްރީން ޕާޓީއާއި އަދި ވާތުފިޔައިގެ ފްރާންސް އަންބޮއުޑް ޕާޓީންވަނީ އެޕާޓީތަކުން ކެޑިޑޭޓުން ނެރޭނެކަމަށް ބުނެފައެވެ.
ހިޑަލްގޯ އަންގާރަ ދުވަހު ބުނެފައިވަނި އޭނާ އެންމެ އިސްކަންދެއްވާނީ ތިމާވެށީގެ މައްސަލަތަކަށް ކަމުގައެވެ.
ފްރާންސްގެ ފުރަތަމަ އަންހެން ރައީސަށް ވެވަޑައިގަތުމަށް، ޕެރިސްގެ މޭޔަރު ކެމްޕޭން ލޯންޒު ކޮށްފި
ކޮމެންޓު ފޮނުވާ