ދިގުރަށު ބަނދަރު މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓްގައި ހިމެނޭނެ: ރައީސް

ދިގުރަށު ބަނދަރު މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓްގައި ހިމެނޭނެ: ރައީސް

Author
މުޙައްމަދު ޖިމީ
12 ސެޕްޓެމްބަރ 2021 05:52
0

އދ.ދިގުރަށު ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އދ. ދިގުރަށު ކައުންސިލާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދިގުރަށު ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ވަނީ ރަށަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށަކަށްވެފައިވާއިރު ބަނދަރުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވާކަމަށާއި، ފެނާ ނަރުދަމާގެ ނިޒާމް ޤާއިމްވެފައިވާ ނެތުުމުން ޓޫރިޒަމް އަށް އެކަމުގެ ސަބަބުން ގޮންޖެހުންތައް ދިމާވާކަމުގައި ވިދާޅުވެފައެވެ. އަދި މީގެ އިތުރުން ވެސް ސްކޫލްގެ ޢިމާރާތުގެ ދަތިކަމާއި، ރަށްގިރުމުގެ މައްސަލަ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިގުރަށުގައި ކުރިޔަށްގެންދާ މަޝްރޫޢުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށާއި، ރަށް ގިރާ މައްސަލަ ޙައްލުކުރުމަށް މިހާރު ހަދަންޖެހޭ ދިރާސާތައް ކުރިޔަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ސްކޫލް ޢިމާރާތުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަކީ އެމަނިކުފާނުގެ ވަޢުދުފުޅުގައި ހިމެނޭކަމަށްވާތީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދިގުރަށު ސްކޫލްގައި 3 ބުރީގެ ޢިމާރާތެއް އެޅުމަށް ނިންމަވާފައިވާ ކަމަށާ، ފެނާއި ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގުއި ރޯނު
ތިޔަފާޅު ކުރެއްވި ވާހަކަ ތަކަށް ސުކުރު...އަމަލީ ސިފަ ނުޖެހިދާނެ ކަން އެއީ ފެންނަން އޮތް ހަގީގަތަކީ....ކޮއްދެއްވާނެނަމަ ދައުރުގެ މިހާހިސަބަކުން ނޫން ކުރަން އުޅޭނީ ކީ....ވަރަށް ވެދުން ###.