އެމެރިކާގެ އެރިޒޯނާގައި ރައީސް ޑޮނަލްޑް ޓްރަމްޕް ކެމްޕެއިން އެއްވުމެއްގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، ބަންދު ކުރެވިފައިވާ ވައިގެ ސަރަހައްދަށަށް ވަދެއުޅު މަތިންދާ ބޯޓަކަށް އެމެރިކާގެ ވައިގެ ދިފާޢީބާރުގެ ހަގުރާމަމަތީ ބޯޓުތަކުން ހުރަސްއާޅާ ދުރަށް ލައިފިއެވެ.
އުތުރު އެމެރިކާގެ އެރޯސްޕޭސް ޑިފެންސް ކޮމާންޑްގެ ތަރުޖަމާނުގެ ފަރާތުން ނެރުއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ޓްރަމް ކެމްޕޭން އިވެޓުގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ބަންދު ކުރެވިފައިވާ ވައިގެ ސަރަހައްދަށް ވަން ކުޑަ މަތިންދާބޯޓެއް ސަރަހައްދުން ދުރަށް ލުމަށްޓަކާ އެމެރިކާގެ F-16 ފައިޓަރ ޖެޓެއްވަނީ މަތިންދާ ބޯޓަށް ހުރަސް އެޅުމަށްޓަކާ ފޮނުވާލެވިފައެވެ.
މިމަތިންދާ ބޯޓު، ބަންދު ކުރެވިފައިވާ ވައިގެ ސަރަހައްދަށް ވަނުމާއިއެކު، ވަދެވުނީ ވަނުން މަނާ ވައިގެ ސަރަހައްދަކަށްކަން އެންގުމުގެ ގޮތުން އެންމެ ފުރަތަމަ އެންގި އެންގުންތަކަށް މިބޯޓުން އަޅާނުލުމުގެ ސަބަބުން ފައިޓަރ ޖެޓުން ފްލެއަރތައް ޖައްވުގެ ތެރެއަށް ދޫކޮށްލަން ޖެހުނެވެ. ފްލެއަރތައް ޖައްވުގެ ތެރެއަށް ދޫކޮށްލުމާއިއެކު، މި މަތިންދާ ބޯޓުން ވަނީ އޭރޯސްޕޭސް ޑިފެންސް ކޮމާންޑާއިއެކު ރޭޑިއޯ ކޮމިއުނިކޭޝަން މެދުވެރިކޮށް މުޢާމަލާތްކުރަން ފަށާފައެވެ. އަދި ފައިޓަރ ޖެޓުން ވަނީ މި ބޯޓަށް މަގުދައްކާ ވައިގެ ސަރަހައްދުން މިބޯޓު ދުރަށް ލާފައެވެ.
އެމެރިކާގެ ރައީސްއާއި އަދި ރައީސްގެ އާއިލާގެ އިތުރުން ނާއިބުރައީސްގެ އާއިލާއަކީ އެގައުމުގެ 'ސީކްރޓް ސާވިސް’އިން ހިމާޔަތްދޭން ގާނޫނީގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކެވެ. މީގެ އިތުރުން ކުރީގެ ރައީސުންނާއި އެބޭފުޅުން އަބިއަބި ކަބަލުންގެ އިތުރުން 16 އަހަރު ނުފުރޭ ދަރިންނާއި އަދި އެމެރިކާގަ ބޭއްވޭ ރިޔާސީ އިންތިޚާބުތަކުގައި ވާދަކުރާ ރިޔާސީ ކެޑިޑޭޓުންނާއި ރަނިންގ މޭޓުންނަކީވެސް އެގައުމުގެ ސީކްރެޓް ސާވިސްއިން ރައްކާތެރިކަން ފޯރުކޮށްދިނުން ގާނޫނުން ލާޒިމް ކޮށްފައިވާ ފަރާތްތަކެވެ. އެމެރިކާގެ ކުރީގެ ނާއިބުރައީސުންނަށް ރައްކާތެރިކަން ފޯރުކޮށްދިނު ލާޒިމް ކޮށްފައިވަނީ މަގާމުގެ މުއްދަތު ހަމަވާތާ 6 މަސްދުވަހުގެ މުއްދަތަށެވެ.
ކޮމެންޓު ފޮނުވާ