ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ދިވެހި ރައްޔިތުންގެ ދެވަނަ ބޮޑު ތަކުރުފާނު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އިއްޔެ އިދިކޮޅުން މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގައި ބައިވެރިންނަށް ފެނިލުމަށް ކުޑަދޮރުން ބޭރަށް ޤައުމީ ދިދަ ވިހުރާލައި، އެމަނިކުފާނު ދެއްވި ހިތްވަރުން ސާބިތުވެގެން ދިޔައީ ދިވެ ޤައުމާއި، ރައްޔިތުންދެކެ އެމަނިކުފާނު ވާ ލޯބިކަމަށް ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ޤައުމއި ރައްޔިތުންގެ ހައްގުގައި ޤުރުބާންވާން ތައްޔާރަށްކަމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިގެން ގޮސްފައިވާކަމަށެވެ.
ރައީސް ޔާމީން އެދެއްކެވީ މި ދިވެހި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ޤުރުބާންވާން ތައްޔާރަށް ހުންނެވި ކަމުގެ ރީތި މިސާލެއް. ރައީސް ޔާމީން އަކީ ދިވެހި ރައްޔިތުންގެ ދެވަނަ ބޮޑުތަކުރުފާން.
– ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ރައީސް ޔާމިނަށް ދޭ ކޮންމެ އަނިޔާއަކީ ދިވެހި ރައްޔިތުންނަށް ދޭ އަނިޔާއެއްކަމަށެވެ. ދިވެހި ރައްޔިތުން ރައީސް ޔާމީނަށް އަނިޔާދޭއިރު، އެކަން ބަލަން ދުރުގައި ނުތިއްބަވާނެ ކަމަށާއި، ދިވެހި ރައްޔިތުން އެކަން ހުއްޓުވާނެކަމަށެވެ.
ރައީސް ޔާމީނަށް ދޭ ކޮންމެ އަނިޔާއަކީ ދިވެހި ރައްޔިތުންނަށް ދެވޭ އަނިޔާއެއް. އެކަން ރައްޔިތުން ހުއްޓުވާނެ.
– ސަލީމް ވިދާޅުވިއެވެ.
ޖަލުހުމެއި މިހާރު ގޭގައި ހުންނެވި ރައީސް ޔާމީން ވަނީ ގެކޮޅުގެ ކުޑަދޮރުން މުޒާހަރާގެ ބައިވެރިންނަށް ހަނާ އަޅުއްވާފައެވެ. އަދި ގިނައިރުތަކެއް ވަންދެން ރައީސް ޔާމީން ވަނީ ކުޑަދޮރު ކައިރީގައި މަޑު ކުރައްވައި މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެއްވާފައެވެ.
ރައީސް ޔާމީން އިއްޔެ އަމަލުކުރެއްވި ގޮތާއި ގުޅޭގޮތުން ކަރެކްޝަނުން ބުނެފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނެ ކަމަށެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް މިގޮތަށް ޓުވިޓް ކުރައްވާފައިވާއިރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި "އިންސާފު ކޮބާ" ހިނގާލުމުގެ ބައިވެރިން ޕީޕީއެމް އޮފީސް ކައިރިޔަށް އެއްވި ވަގުތު ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި ގެ ކުޑަދޮރަކުން އާންމުންނަށް ހަނާއަޅުއްވައި، ޕީޕީއެމްއަށް ނިސްބަތްވާ ދިދަ އަކާއި ޤައުމީ ދިދަ ނަންގައިވައި ހޫރުވާތަންވަނީ ފެނިގެންގޮސްފައެވެ. އަދި ހިނގާލުމުގެ ބައިވެރިންނަށް އެމަނިކުފާނުވަނީ ހިތްވަރުވެސް ދެއްވާފައެވެ.
ގޭ ބަންދުގައި ތިބޭ މީހުން ސިޔާސީ އަދި އެނޫންވެސް އެފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. އަދި އެއީ ގޭ ބަންދުގެ އިޤުރާރާވެސް ޚިލާފު ކަމެކެވެ. ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރައްވާފައިވަނީ ރާއްޖޭގެ ޖަލުތަކުގައި ކޯވިޑް-19ގެ ނުރައްކާ އިތުރުވުމާ ގުޅިގެން، ހައި ރިސްކު ގައިދީން ގޭ ބަންދަށް ބަދަލުކުރި އުސޫލުގެ ތެރެއިންނެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތު ވުމުންނެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ