އިންސާފު ހޯދަން ރައްޔިތުން ނިކުތުން ނިވާފަތްގަނޑަކަށް ޔާމީން ނުހައްދަވާ: އަދުރޭ

އިންސާފު ހޯދަން ރައްޔިތުން ނިކުތުން ނިވާފަތްގަނޑަކަށް ޔާމީން ނުހައްދަވާ: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
10 ސެޕްޓެމްބަރ 2021 09:19
0

އަދުލު އިންސާފު ގެއްލި، އިންސާފު ހޯދުމަށް ރައްޔިތުން މަގުތަކަށް ނިކުތުމުން އެކަމުގެ ނިވާފަތް ގަނޑަކަށް ރައީސް ޔާމީން ނެހެއްދެވުމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ އަބްދުއްރަހީމް އަބްދުﷲ ސަރުކާރަށް ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރި މުޒާހަރާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ދިރިއުޅުއްވާ ގެކޮޅުގެ ކުޑަދޮރެއް ހުޅުވައި، އެއްވި މީހުންނަށް ހަނާއަޅައި އެއްވި މީހުންނަށް ހިތްވަރު ދެއްވާފައެވެ. ރައީސް ޔާމީންގެ މިގޮތަށް ޢަމަލު ކުރެއްވުމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށްް ކަމަށެވެ. އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނެކަމަށެވެ.

ސީޕީ އަހުމަދުގެ ޓުވީޓާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ދިވެހި ރައްޔިތުން އަދުލު އިންސާފު ހޯދަން ނިކުތުމުން އެކަމާއި ހިތްހަމަ ނުޖެހި ރައީސް ޔާމީނަށް އެކަމުގެ ރުޅިވެރިކަން ބޭލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. ރައީސް ޔާމީނަކީ ޤާނޫނާއި ގަވާއިދާއި ޚިލާފަށް އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫންކަމަށާއި، އެމަނިކުފާނާއިއެކު ކަރެކްޝަނުން ވެފައިވާ އެއްބަސްވުމާއިވެސް ޚިލާފް ނުވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ގާނޫނާ ގަވާޢިދާ ޚިލާފުކަމެއް ނުކުރައްވާ. ގޭ ބަންދުގެ އިގްރާރާ ޚިލާފުކަމެއްވެސް ނުކުރައްވާ. އިންޞާފު ހޯދަން ރައްޔިތުން ނުކުތުމުން ސަރުކާރަށް އެކަން ހަޖަމުނުވެގެން އެކަމުގެ އަމާޒު ފަތްގަނޑަކަށް ރައީސް ޔާމީން ނުހެއްދެވުމަށް ސަރުކާރަށް ގޮވާލަން.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ނިންމާފައި އޮތީ ސަޕޯޓަރުންނާއެކު މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުން ކުރިއަށް ގެންދާށެވެ. ނަމަވެސް ފުލުހުން ވަނީ މަގުތައް ބަންދުކޮށްފައެވެ. އެހެން ކަމުން ހިނގާލުން ވަނީ އެއްވުމަކަށް ބަދަލުކޮށްފައެވެ. ފުލުހުން އިދިކޮޅުގެ ހިނގާލުމަށް ހުރަސް އެޅީ ކާނިވާ ސަރަހައްދުންނެވެ. އެހެން ކަމުން އެ ސަރަހައްދުގައި އެއްވެ ތިބެ އިދިކޮޅުގެ ސަޕޯޓަރުން ވަނީ އަޑުއުފުލާފައެވެ. އަދި ފުލުހުންނާއި ކުރިމަތިލާން ބޭނުންނުވާ ކަމަށް ބުނެ އިދިކޮޅުގެ ސަޕޯޓަރުން ފަހުން ވަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޔާމީން ފެނިލުމުން އެކަމާއި ވަރަށް ބޮޑަށް އުފާ ކުރަމުންނެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އަޑު އެސަރަހައްދުގައި ބައިވެރިން ވަނީ ގަދަކޮށްފައވެެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.