ދަރަންނަކީ، ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެހެން ގައުމުތައް އިގްތިސާދީ ގޮތުން އަޅުވެތި ކުރުމަށް ބޭނުންކުރާ ވަސީލަތެއް

ކަރަށް މެހެމުންދާ ދަރަނީގެ މަޅިފަތިން ސަލާމަތްވެވޭނޭ މަގެއް ފެންނާން އެބަ އޮތްތަ؟

ކަރަށް މެހެމުންދާ ދަރަނީގެ މަޅިފަތިން ސަލާމަތްވެވޭނޭ މަގެއް ފެންނާން އެބަ އޮތްތަ؟

ގައުމެއް ކުރިއަރާ ދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ، އެގައުމެއްގެ އިގްތިސާދީ ހާލަތެވެ. މިގޮތުން އިގްތިސާދީ ގޮތުން ގައުމުގެ ހާލަތު ދަށްވެ، ވިޔަފާރިތަކަށް ކުރިއެރުމެއް ނުލިބި، ރައްޔިތުންގެ އަތްމަތި ދަތި ވެއްޖެނަމަ، ހުރިހާ ގޮތަކުންވެސް ގައުމު ބަލިކަށިވެގެން ދިޔައީއެވެ.

މީގެ އެންމެ ފުރިހަމަ ހެއްކަކީ، އަދުގެ ދުނިޔޭގައި އަސްކަރީ ގޮތުންނާއި، އަދި އެނޫން ގޮތްގޮތުންވެސް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކަކީ ދުނިޔޭގައި އެންމެ ވަރުގަދަ އިގްތިސާދުތައް އޮތް ގައުމުތައް ކަމުގައި ފެންނާން އޮތުމެވެ.

މިގޮތުން، އިސްވެ ދެންނެވުނު ބާރުވެރިކަން ހޯދުމަށްޓަކާ، އިގްތިސާދީ ދުވެލި ރަގަޅުކޮށް، ގައުމުގެ އެތެރޭގެ ވިޔަފާރީގެ ހާލަތު ކުރިއެރުވުމުގައި އަބަދުވެސް އެންމެ މުހިންމު ވެފައި އޮންނަނީ ކޮންމެ ގައުމަކުންވެސް ގެންގުޅޭ ފިސްކަލް ޕޮލިސީއެވެ. ދެން އޭގެ އިތުރުން މަނިޓަރީ ޕޮލިސީއެވެ. މީގެ ތެރެއިންވެސް އެންމެ މުހިންމު ގޮތެއްގައި ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، ދައުލަތުގެ އަރަންޏާއި ދަރަންޏެއްވެ. އަރަނި އިތުރުކޮށް، ދަރަނި ކާމިޔާބު ކަމާއެކު މެނޭޖް ކުރުމެވެ.

ކޯވިޑް ކާރިސާގެ ތެރޭގައި ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުގެ ކުރިއެރުމަށް އައިސްފައިވާ ބަދަލުތައް

ދަރަނި

ބައެއް ހާލަތްތަކުގައި، ދަރަންޏަކީ ބައެއް ފަރާތްތަކަށް ބިރުވެރި އެއްޗަކަށް ވެދާނެއެވެ. އަދި "ދަރަނި" މިނަންވެސް ބައެއް ފަރާތްތަކަށް، އިވެން ނުޖެހޭ ނަމެއްގެ ގޮތުގައި ސިފަވެސް ކުރެވިފައި އޮވެދާނެއެވެ.

އެހެންނަމަވެސް، އެކަން އޮތީ އެހެނެއް ނޫނެވެ. ގައުމެއްގެ އިގްތިސާދުގައި އަރަނިވެސް މުހިންމު ދައުރެއް އަދާކުރާ ފަދައިން، ހަމަ އެހާމެ މުހިންމު ދައުރެއް ދަރަންޏަކީވެސް ގައުމުގެ އިގްތިސާދުގައި އަދާކުރާ އެއްޗެކެވެ. މާނައަކީ ސަރުކާރުން ދަރަނި ނަގާ، ގައުމުގެ އުމްރާނީ، އިޖުތިމާޢީ އަދި އިގްތުސާދީ ތަރައްގީއަށް ހޭދަކުރަމުން ދިއުމަކީ އޭގެ ޒާތުގައި އެއްވެސް މަސައްލައެއް އޮތް ކަމެއް ނޫނެވެ. އަދި، ގިނަ ހާލަތްތަކުގައި، ދަރަނި ނެގުން ރަގަޅު އާދައަކަށްވެސްވެ، އޭގެ ފައިދާކޮށް، އެއީ ގައުމު ތަރައްގީވެގެން ދިއުމުގެ މުހިންމު ވަސީލަތަކަށް ވެސް ވެދެއެވެ.

އެހެންނަމަވެސް، ތަފާތަކީ، ދަރަނި ރަގަޅަށް މެނޭޖު ނުކުރެވިއްޖެނަމަ، އެއީ ވަރުގަދަ ދަންތުރައަކަށްވެސް ވެގެން ހިގައިދާ ކަމެވެ. އަދި ދައުލަތުގެ ބަޖެޓް ޑެފިސިޓްވެ، ގައުމީ ތަރައްގީއަށް އޭގެ ނޭދެވޭ އަސަރުކޮށް، އަދި ބައެއް ހާލަތްތަކުގައި، ގައުމުތައް އަޅުވެތި ވުމުގެ އެއް ވަސީލަތަކަށްވެސް ދަރަނި ވެގެން ހިގައިދާކަމީވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނާން އޮތް ހަގީގަތެއްވެސް މެއެވެ.

އެހެންކަމުން، ގައުމެއްގެ އިގްތިސާދު މެނޭޖުކުރުމުގައި ދަރަނީގެ މިންވަރު އަބަދުވެސް، ގަބޫލު ކުރެވޭ ވަކި މިންގަޑެއްގައި ހިފަހައްޓަން ޖެހެއެވެ. މިގޮތުން ގައުމެއް ސަލާމަތްތަތެރިކަމާ އެކީ ދަތުރު ކުރުމަށްޓަކާ، ބައިނަލް އަގުވާމީ މާލީ އިދާރާތަކުން ކަޑައަޅާފައިވާ މިންގަޑުން ބަލާއިރު، ޖީޑީޕީގެ ނިސްބަތުން ގައުމުގެ ދަރަނި ހުންނަންވާނީ، %60 އަށްވުރެ ދަށުގައެވެ.

ވާލްޑް ބޭންކުން ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، ދުނިޔޭގެ ގައުމުތަކުގެ ތެރެއިން، އެގައުމެއްގެ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި %77 އަށްވުރެ މަތީގައި ދިގުމުއްދަތަކަށް ހުންނަ ގައުމުތަކުގެ އިގްތިސާދީ ދުވެލި އާދަޔާ ޚިލާފަށް ދަށްވެގެން ދާނެއެވެ. އަދި ހިސާބު އަދަދުން ބަލާނަމަ، މި މިންގަޑުން މަތީގައި ދަރަނި ހިއްސާކުރާ ކޮންމެ އިންސައްއަކަށް، ގައުމުގެ އިގްތިސާދީ ދުވެލި %1.7 ދަށްވެގެން ދާނެއެވެ.

ވާލްޑް ބޭންކުގެ ދިރާސާއިން ދައްކާ ގޮތުގައި ދައުލަތުގެ ދަރަނި %60އަށްވުރެ މަތިވެއްޖެ ނަމަ ގައުމީ އުފެއްދުންތެރިކަމަށް އަސަރުކުރާނެ

އެހެންކަމުން ދަރަންޏަކީ، އެއްވެސް ގައުމަކަށް ހިތުހުރި ގޮތަކަށް ނެގެންއޮތް އެއްޗެއް ނޫނެވެ. އެއީ ވަކި މިންގަޑެއްގައި ހިފައްހައްޓަންޖެހޭ، އަދި އަދާކުރެވޭނެ ރަގަޅު ތާވަލެއް އޮވެގެން މެނުވީ ނަގައިގެން ވާނެ އެއްޗެއްވެސް ނުމެ ނޫންމެއެވެ. މިގޮތުން، ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކާ ދަރަނި ވަޒަން ކުރާ މިންގަޑު ކަމުގައިވާ، "ޖީޑީޕީގެ ނިސްބަތުން ދަރަނި" އަތް ނުފޯރާ ހިސާބަށް ދިއުމުގެ ކުރިން ކޮންމެވެސް ގޮތެއް ނުވަތަ ހައްލެއް ހޯދުމަކީ ކޮންމެ ގައުމަކަށްވެސް ލާޒިމް ކަމެކެވެ.

 

ދިވެހި ދައުލަތުގެ ދަރަނި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ، ދިވެހި ދައުލަތް ދަރަނީގެ ދަންތުރައެއްގައި ޖެހިފައިވާ ކަމުގެ ވާހަކައެވެ. އަދި ވަކީން ޚާއްސަކޮށް ޗައިނާގެ ދަރަނި އިންތިހާއަށް ބޮޑުކޮށް އޮތްކަމުގެ ވާހަކަ ދައްކަވާ، ނަޝީދުވަނީ ޗައިނާގެ ދަރަނި އަލުން މުރާޖައާ ކުރުމަށްވެސް ތަކުރާރުކޮށް ގޮވާ ލައްވާފައެވެ.

މިގޮތުން، ދިވެހި ދައުލަތުގެ ދަރަނީގެ ހާލަތަށް ބަލާއިރު، ނުވަތަ ދަރަނީގެ ހިސާބުތަކަށް ރަގަޅަށް ނަޒަރެއް ހިންގާލާއިރު، ނަޝީދުގެ ކަންބޮޑުވުންތަކުގައި ހަގީގަތްތަކެއް ހުރިކަމަށް ދެންނެވެން އެބައޮތެވެ.

ފާއިތުވެދިޔަ އަހަރު ނިމުނު އިރު ދިވެހި ދައުލަތުގެ ދަރަނި ވަނީ 67 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އަދި ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، މިއަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 79 ބިލިޔަން ރުފިޔާއަށް އަރާނެ އެވެ. މިއީ އެތެރެއާއި ބޭރުގެ ދަރަނި އެއްކޮށްލުމުން އަންނަ ޖުމްލަ އަދަދެވެ.

މިއަދަދުގެ ހަގީގީ ބޮޑު ކުޑަމިން ރަގަަޅަށް ވަޒަން ކުރެވެނީ، ދަރަނީގެ މި މިންވަރު ޖީޑީޕީގެ ނިސްބަތުން ހިސާބު ކޮށްލުމުންނެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ "ފިސްކަލް އެންޑް ޑެޓް ސްޓްރެޓެޖީ ރިޕޯޓް" އަށް ބަލާއިރު، މި ރިޕޯޓުގައި ވާގޮތުން، ފާއިތުވެދިޔަ އަހަރު ނިމިގެން ދިޔައިރު، ދައުލަތް ދަރަނިވެރި ވެފައިވާ 67 ބިލިއަން ރުފިޔާއަށް ބަލާއިރު، މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 115 އިންސައްތައެވެ. އަދި ހަމަ މިއާއެކު، މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނޭކަމަށް ލަފާކޮށްފައިވާ 79 ބިލިޔަން ރުފިޔާއަށް ބަލާއިރު، މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 128 އިންސައްތައެވެ.

މިއަހަރު ނިމޭރިރު ދައުލަތުގެ ދަރަނި ހުންނާނޭ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާ ކޮށްފައިވާ 79 ބިލިއަން ރުފިޔާގެ ތެރެއިން ބޭރުގެ ދަރަނީގެ މިންވަރަކީ 38 ބިލިޔަން ރުފިޔާ އެވެ. އެތެރޭގެ ދަރަންޏަކީ 41 ބިލިޔަން ރުފިޔާ އެވެ.

ޗައިނާއިން ބޮޑެތި ލޯނުތައް ދޫކޮށްފައި އޭޝިއާގެ 7 ގައުމަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ ދިވެހިރާއްޖެ

އެހެންކަމުން، މުޅި ދައުލަތުގެ ދަރަށްޏަށް ބަލާއިރު، ރާއްޖެ ފަދަ ކުޑަގައުމަކަށް ދަރަނި މިވަނީ އަތް ނުފޯރާފަށަށް މަތިވެފައި ކަމުގައި މިއަދު ގަބުލު ކުރަންޖެހެއެވެ. މާނައަކީ ދިވެހި ދައުލަތުގެ ދަރަނި މިއަދު މިވަނީ ދުނިޔޭ މާލީ އިދާރާތަކުން ދަމާފައިވާ ރަތް ރޮގު ހުރަށްކޮށް މާދުރަށްވެސް ދަތުރު ކޮށްފައެވެ.

ގައުމުގެ އިގްތިސާދީ ހާލަތު މި މިންގަޑުގައި އޮތް ނަމަވެސް، ގައުމު ބަގުރޫޓު ވެގެން ނުދާނޭކަމުގައި ސިޔާސަތު ރާވާ ފަރާތްތަކުން ބުނަމުން ގެންދެވި ނަމަވެސް، އުފެއްދުންތެރިކަމުގެ ނިސްބަރުން ދައުލަތުގެ ދަރަނި 115 އިންސައްތައަށް އަރައިގެން ދިއުމުން، ގައުމަށް ވަންނަ ކޮންމެ ރުފިޔާއަކަށް، އެއްފުރިޔާ ފަނަރަ ލާރި ދަރަނި ދެއްކުމަށް ހޭދަކޮށްގެން، ފުދިގެން ގައުމުގެ އާބާދީ، ފުރުންތެރިކަމާއެކު ދިރިއުޅޭނޭ ގޮތެއްވެސް، ގައުމު ބަގުރޫޓު ނުވާނެކަމަށް ވިދާޅުވާ ބޭފުޅުން ދައްވަން ޖެހޭނޭ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

 

ދަރަނި ދެއްކުމަށް ސަރުކާރުން ޕްލޭންއެއް އެބައޮތް؟

ފާއިތުވެދިޔަ 7 ވަރަކަށް އަހަރު އަހަރު ވެގެން މިދިޔައީ ދިވެހި ދައުލަތް އަދަޔާ ޚިލާފަށް ބޮޑަށް ދަރަނިވެގެން ދިޔަ 7 ވަރަކަށް އަހަރު ކަމުގައެވެ. މިގޮތުން ބަލާއިރު، ދައުލަތުގެ ދަރަނި 2017 ވަނަ އަހަރާ އަޅާ ބަލާއިރު، މިއަހަރު ނިމޭއިރު ހުންނާނީ 35ގެ އިތުރުވުމެއްގައެވެ. އަދި 2019ވަނަ އަހަރާ އަޅާބަލާއިރު، މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަންޏަށް 13 ބިލިއަން ރުފިޔާ އިތުރުވެގެން ދާނެއެވެ.

2021 ނިމޭރިއު ދައުލަތުގެ ދަރަންޏަށް އަންނަ ބޮޑު ބަދަލަކީ ބެލެވޭ ގޮތުގައި ކޯވިޑު ކާރިސާއިން އަރައިގަތުމަށް ކުރަންޖެހޭ ޚަރަދުތައް ފޫއްބެއްދުމަށް ސަރުކާރުން ކޮށްފައިވާ ހޭދަތަކާ ގުޅުންހުރި ދަރަންޏެވެ.

ދަރަނި ފޫބެއްދުމަށް ސަރުކާރުން އެކުލަވައިލާފައިވާ ސްޓްރެޓެޖީއެއް އޮތް ކަމަށް ފިނޭންސް މިނިސްޓްރީން ނެރެފައިވާ "ފިސްކަލް އެންޑް ޑެޓް ސްޓްރެޓެޖީ ރިޕޯޓް"ގައި ފާހަގަ ކޮށްފައިވެއެވެ. މިގޮތުން އެ މިނިސްޓްރީގެ އަމާޒެއްކަމަށް އެ ރިޕޯޓުގައި އެއް އަމާޒެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ، ބޭރު ފައިސާއިން ނަގާފައިވާ ދަރަނީގެ މިިންވަރު، ޖުމްލަ ދަަރަންޏާ އަޅާ ބަލާއިރު 70 ޕަސެންޓަށް ވުރެ އިތުުރުނުކުރުމެވެ.

ފާއިތުވެދިޔަ އަހަރު ނިމުނު އިރުގެ ޖުމްލަ ދަރަނީގެ މިންގަޑަށް ބަލާއިރު، މިހާރު މި ނިސްބަތް ހުރީ 56 އިންސައްތައިގައެވެ. އެހެންނަމަވެސް، ބޭރުގެ ދަރަނި މިހާރުވެސް 38 ބިލިއަނަށް އަރައިގެން ގޮސްފައިވާއިރު، ހަމަ އެކަނި މިނިސްބަތުން މިންކުރި ކަމުގައިވި ނަމަވެސް، މި ދަރަނީގެ ހިސާބު މިހާރުވެސް ހުރީ، ގައުމީ އުފެއްދުންތެރިކަން ކިރިޔާވެސް ކުރިޔަށް ގެންދެވޭނޭ އެންމެ މަތީ މިންގަޑު (60 އިންސައްތަ)ގައި ޖެހި ބާރުވެފަކަމުގައި ދަންނަވަން ޖެހެއެވެ.

ދަރަނި މެނޭޖުކުރުމުގައި، ބޭރުގެ ދަރަނި، 70 އިންސައްތައަށްވުރެ މަތި ނުކުރުމަށް ކަޑައަޅާފައިވާ އަމާޒުގެ އިތުރުންވެސް، އެވްރެޖް އިންޓަރެސްޓް ރޭޓް ތިން ޕަސެންޓަށް ދަށްކުރުމާއި، ދަރަނި އަދާކުރަން ފަށަން ޖެހޭ މުއްދަތަށް 8 އަހަރު ދުވަސް އިތުރުކުރުމާއި އަދި އަހަރެއްގެ ތެރޭގައި ދައްކަން ޖެހޭ ދަަރަނީގެ މިންްވަރު ޖީޑީޕީގެ ނިސްބަތުން 30 ޕަސެންޓްގައި ހިިފެހެއްޓުންވެސް ދަރަނި މެޖޭޖުކުުރުމަށް ސަރުކާރުން ގެންގުޅުއްވާނެ ސިޔާސަތުތައް ކަމުގައި ފިނޭންސް މިނިސްޓްރީން ފާހަގަ ކޮށްފައި ވެއެވެ.

ޑޮލަރުގެ އަގު އުފުލުމެުންދާ މައްސަލައެއް ހައްލެއް ހޯދާނޭ ހަރުދަނާ ސިޔާސަތެއް މިހާތަނަށް ސަރުކާރުން ހާމަކުރައްވާފައެއް ނުވޭ

 

ހާލަތު ގޯސް، ފަހުން އުފުލަން ޖެހޭނޭ ބުރަ ވަރަށް ބޮޑު

މިއަދު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ދިވެހި ދައުލަތަށް އާމްދަނީ އިތުރު ކުރެވޭނެ އެއްވެސް އިތުރު ވަސީލަތެއް ނުހޯދާ، ދަރަނި އަދާކުރަން ފަށަންޖެހޭ މުއްދަތު އިތުރުކުރި ނަމަވެސް ހައްލެއް ފެންނާން ނެތްކަމެވެ.

ކޮންމެ ގޮތަކަށް މޭރުން ކުރި ކަމުގައިވި ނަމަވެސް، އެ ސަރުކާރުންނާއި މިސަރުކާރުންވެސް މިދަނީ ލޯނުތަލާއި، އެހެނިހެން އެހީތަކާއި އިތުރު މާލީ ޒިންމާތަކުގެ ގޮތުގައި ފަހުން އަދާ ކުރާ ގޮތަށް، ދައުލަތުގެ މުހުތާދުތައް ދެކޮޅު ޖައްސަމުންނެވެ. ހުރިހާ ގޮތަކުންވެސް މިއީ ހަތްތަހާވެސް ދަރަންޏެވެ. ކުރިޔަށް އޮތް ޖީލުތައް މިދަނީ ދަރަނިވެރި ވަމުންނެވެ.

އާމްދަނި ލިބެން އޮތް މަގުތައް އިތުރު ނިކޮށް، އެމަގުން އާ އީޖާދުތަކެއް، އާވިސްނުންތަކެއް ކުރިޔަށް ނުނެރެ، ކުރަންޖެހޭ ހޭދަ މިދަނީ ދުވަހެއް ދުވަހެއް އިތުރު ކުރަމުންނެވެ. ދައުލަތުން މިއަދާއި މާދަމާވެސް އުފުލަންޖެހޭނޭ ދަރަނީގެ ބޮޑު ބުރައިގެ ހަގީގީ އަސްލަކީ މިއީއެވެ.

ހަގީގަތުގައިވެސް، މިއަދު ވެފައި މިއޮތް ދަރަނީ ބުރަ ފަހަރެއްގައި އިގްތިސާދުން، ރަތް ކުލައިގައި މިއަދު ފެންނާން ނުހުރެދާނެއެވެ. ސަބަބަކީ، ނަގާފައިވާ އަދި ނަގަމުންދާ ބައެއް ބޮޑެތި ލޯންތައް އަދާކުރަން ފަށަންޖެހޭނީ އަދި އަހަރުތަކެއް ފަހުން ކަމަށްވާތީއެވެ.

އެހެންނަމަވެސް، މިއަދު އިސްމަގާމްތަގުކައި ތިއްބަވާ ފަރާތްތަކުން، އާމްދަނީ އިތުރުކުރާނެ ގޮތެއް ރޭއްވެވުމެއް ނެތި، މަތިމައްޗަށް ލޯނުތައް ނަގާ، މަޝްރޫއުތައް ކުރިޔަށް ގެންގޮސް، ރިބަން ކަޑުއްވާ، ދައުރު ފުރިހަމަ ކޮށް މާދަމާ މަގާމްތަކާ ދުރަށް ވަޑައިގަތަސް، ދަރަނި އަދާކުރުމުގެ ބުރަ ގައުމަށް އުފުލަން ޖެހޭނެއެވެ. ދަރަނި އަދާކުރަން ޖެހޭނެއެވެ.

އެ ދަންތުރައިން ސަލާމަތްވާން މިއަދު ޕްލޭންތަކެއް ކޮށް، އެކުލަވާލަން ޖެހިފައޮތް ހަގިގީ ސްޓަރްޖެޖީއަކީ، ހަގީގަތުގައިވެސް ދައުލަަތަށް އާމްދަނީ އިތުރު ކުރެވޭނެ އިތުރު އިގްތިސާދީ ސިނާއަތްތަކެއް އުފަން ކުރުމެވެ. ސަލާމަތްތެރި ކަމެއް އޮތީ، ކައިގެން ބޮއިގެން އުޅެންއޮތް ހަމައެކަނި މަގަކީ، ފަތުރުވެރިކަމުގެ ސިނާއަތުން "ދިޔަ ފެލާލައިގެން" ކަމުގައި ދެކޭދެކުން މިއަދު ބަދަލުކޮށް، އިގްތިސާދީ އާ ވިސްނުމަކުން ވިސްނައިގެންނެވެ.

ޖެހެމުންދާ ދަރަނީގެ ދަންތުރައިންނާއި، ކަރަށް މެހެމުންދާ ދަރަނީގެ މަޅިފަތިން ސަލާމަތްވެވޭނޭ އެހެން މަގެއް އަދި ފެންނާކަށް ނެތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *