ރައީސް ޔާމީންގެ ވެރިކަމުގައި ލިބި ވަޑައިގެންނެވި އަނިޔާތަކަށް ޔާމީނަށް މަޢާފް ކުރައްވާނެ ކަމަށާއި، ނަމަވެސް ރައީސް ޔާމީނާއިއެކު ދެން ދުވަހަކުވެސް ސިޔާސީ މަސައްކަތެއް ނުކުރައްވާނެކަމަށް އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް ވިދާޅުވީ ރައީސް ޔާމީނާއިއެކީ މަސައްކަތް ކުރެއްވި ދުވަސްތަކުގައި ވަރަށް ގިނަ ކަންކަން ސާފުވެފައިވާކަމަށެވެ. އެތަޖުރިބާގެ އަލީގައި ރައީސް ޔާމީނަކީ ރާއްޖޭގެ ވެރިކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަން ސާފުވެފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިޔާސީ ގޮތުން ކުރެވޭ މަސައްކަތުގައި ރައީސް ޔާމީނާއިއެކު މަސައްކަތް ނުކުރައްވާނެކަމުގެ ޔަގީންކަވެސް ނާޒިން ދެއްވާފައެވެ. ތަކުރާރުކޮށް ނާޒިމް ވަނީ ރައީސް ޔާމީނާއެކު މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ ތިން އަހަރާއި ބައި ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވީ އެއްވެސް ކުށެއް ކުރައްވައިގެން ނޫން ކަމަށެވެ. އެއީ ލިބިވަޑައިގެން ވަރަށް ބޮޑު އަނިޔާއެއް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެކަމަށް ރައީސް ޔާމީނަށް މައާފު ކުރައްވާ ކަމަށާ ބަރު ހިތެއް ނެތް ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ސިޔާސީ ގޮތުން އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުންނަވާކަށް. އެއީ މިހާތަނަށް އަޅުގަނޑަށް ކުރެވުނު ތަޖުރިބާގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދެން ގެންނަން ކުފޫ ހަމަވާ ބޭފުޅެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން.
– ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނި ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށްލައިލި ކަންކަން ހިނގައިދިޔަ ގޮތް މިހާރުވެސް ސާފު ކުރައްވަން ބޭނުންވާކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ޑިފެންސް މިނިސްޓްރީ އާއި އެލްޖީއޭ އަދި އިމިގްރޭޝަންގެ އިތުރުން ވަގުތީ ގޮތުން ހެލްތު މިނިސްޓްރީ ހިންގެވުމުގެ ޒިންމާ އޭނާއާ ހަވާލު ކުރެއްވުމުން ރައީސް ޔާމީން އެދިވަޑައިގެންނެވި މިންވަރަށް ނުވަތަ އެއަށްވުރެ މާ ރަނގަޅަށް ވެސް އެ ޒިންމާތައް އަދާ ކުރެއްވި ކަމަށެވެ.
ނާޒިމް ވިދާޅުވީ އެއްވެސް މީހަކަށް ނުހައްގުން އަނިޔާއެއް ލިބުމަށް ނޭދޭކަމަށެވެ. މީހަކު ނުކުރާކަމަކަށް "ފްރޭމް" ކޮށް ނުހައްގު އަނިޔާ ދިނުމަކީ ގަބޫލު ކުރާނެ ކަމެއްނޫން ކަމަށާއި، އެއީ ރައީސް ޔާމީނަށްވެސް ވިޔަސް އަދި އެހެން މީހަކަށްވެސް ވިޔަސް ނުހައްގު އަނިޔާ ދިނުމަށް ދުވަހަކުވެސް ތާއީދު ނުކުރައްވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ