18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލަ ޖެންޑަ މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ މިމަހުގެ 8 ވަނަ ދުވަހުުގެ ހަވީރު މާލެ ސަރަހައްދުން، 18 އަހަރުން ދަށުގެ ކުޑަ ކުއްޖެއް ބަލިވެ އިންކަމަށް އެއިދާރާއަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި މި މައްސަލައިގައި މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މިކަމުގައި ދެން ޝާމިލް ވަނީ ވެސް 18 އަހަރުން ދަށުގެ ކުއްޖެއްކަމަށް ޖެންޑާއިން ބުނެފައިވެއެވެ.
މި ދެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ބަލަންޖެހޭ ބެލުންތައް ދަނީ ޚާއްސަ ސަމާލުކަމެއް ދީގެން ބަލަމުން ކަމަށާއި، އަދި ދިވެހި ފުލުހުންގެ ޚިދުމަތާއިއެކު ދެކުދިންގެވެސް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެކަމަށެވެ. މީގެ އިތުރުން، ކުދިންގެ އާއިލާއަށް ބޭނުންވާ ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިޖްތިމާޢީ ޚިދުމަތްތެރިން ގެންދަނީ ހަރަކާތްތެރި ވަމުން ކަމުގައެވެ.
މި މައްސަލައިގައި ހިމެނެނީ ކުޑަކުދިން ކަމަށްވާތީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މަޢުލޫމާތު ހާމަނުކުރުމަށް ޖެންޑާއިން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ