މާބައިދޫގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކޮށްދޭނަން: ނާއިބް ރައީސް

މާބައިދޫގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކޮށްދޭނަން: ނާއިބް ރައީސް

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2021 01:50
0

ލ.މައިބައިދޫގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހައްދުންމަތީ މާބައިދޫ ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުންވަނީ މި ސަރުކާރުން މާބައިދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުން ގެންދަވާތީ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ކުރަމުންއަންނަ މަސައްކަތްތަކާއި ކުރިޔަށްރޭވިފައިވާ ތަރައްޤީގެ ޕްލޭންއާއި، މާބައިދޫ ރައްޔިތުންނަށް ދިމާވާ ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.

އެގޮތުން، ރަށްގިރުމުގެ މައްސަލައާއި، ތަޢުލީމީ ދާއިރާގައި އޮތް މުވައްޒަފުންގެ ދަތިކަމާއި، ބައެއް ވަޞީލަތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ކައުންސިލް އިދާރާ އަދި ސިއްޙީ މަރުކަޒު ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ރަށުގައި ހުރި ކުނި މެނޭޖުކުރުމުގައި ކުރިމަތިވާ އުނދަގޫތަކާއި، ޕޮލިހުންގެ ޚިދުމަތް ރަށުގައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން އެބޭފުޅުން ވަނީ ރަށުގައި ލޯކަލް ޓުއަރިޒަމް އަވަހަށް ފެށުމަށް ބޭނުންވާކަމަށާއި މިކަން އަވަހަށް ފަށައިގަތުމަށް ސަރުކާރުން އެހީތެރިވުމަށް އެދިލައްވާފައެވެ. ހަމަ އެއާއެކު ރަށުގެ މިސްކިތް މަރާމާތުކުރުމަށް ބޭނުންވާކަމުގައިވެސް މާބައިދޫ ކައުންސިލުން ވަނީ މި ބައްދަކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ރަށުގެ ތަރައްޤީއަށް ލޯކަލް ޓުއަރިޒަމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވާ އެކަމުގައި އަވަހަށް ކުރިއަށް ދިއުމަށް އޮތް މަގުތައް ބައްލަވައި އެހީތެރިވެލައްވާނެކަމުގައި ވިދާޅުވެފައެވެ.

ހަމަ އެއާއެކު މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ އަންނަން އޮތް ޖީލު ހަރުދަނާ ގޮތެއްގައި ބިނާކުރުމަށްޓަކައި ޙާއްޞަ ސަމާލުކަމެއް ދިނުމަށް ބާރުއަޅުއްވާފައެވެ. އަދި އެކަން ޙާޞިލުކުރުމަށް ކުދިންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމަށާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށާއި، ކުދިންގެ ރައްކާތެރިކަމަށް ޙާއްޞަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކުރުމަށާއި، ބަލި ވުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައި ފަރުދީ ޒިންމާ އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބާރުއަޅުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.