ފްރާންސްގެ ފުރަތަމަ އަންހެން ރައީސަކަށް ވެވަޑަގަތުމަށްޓަކާ، ފްރާންސްގެ ވެރިރަށް ޕެރިސްގެ މޭޔަރު އޭނާގެ ކެނޑިޑޭސީ އަންނަ އާދީއްތަ ދުވަހު އިއުލާން ކުރައްވަން ނިންމަވއިފިއެވެ.
ޕެރިސްގެ މޭޔަރު އަންނޭ ހިޑަލްގޯ ފްރާންސްގެ ރައީސްކަމަށް ވާދަކުރައްވަން ނިންމަވާފައިވާއިރު، އެގައުމުގެ މިހާރުގެ ރައީސް އެމަނޫލް މެކްރޮންއާއި ވާދަކުރުމަށްޓަކާ އިތުރު އެހެން ކެނޑީޑޭޓުންވެސް ދަނީ ކެޑިޑަސީ އިއުލާން ކުރަމުންނެވެ.
ހިޑަލްގޯ ފްރާންސްގެ ރައީސްކަމަަށް ވާދަ ކުރުމަށް ނިންމަވާފައިކަމަކީ، އެތައް މަހެއް ވަންދެން ސިއްރެއްގެ ގޮތުގައި މިހާތަނަށް ބާއްވާފަ އޮތް ނިންމުމެކެވެ.
އަންގާރަ ދުވަހު، ފްރާންސްގެ ދެކުނުގައި އޮންނަ މޮންޓްޕެލިއަރ ސިޓީގައި އޮތް އޭނާގެ ސޯޝަލިސްޓް ޕާޓީގެ އެއްވުމެއްގައި ހިޑަލްގޯ ވިދާޅުވެފައިވަނީ، އޭނާގެ ރިޔާސީ ކެމްޕޭން ލޯންޗުކުރުމަށް މިހާރު އެއްވެސް ހުރަހެއް ނެތްކަމުގައެވެ.
ފްރާންސްގެ ސޯޝަލިސްޓް ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެމްބަރުން އޭއެފްޕީއަށް މައުލޫމާތު ދީފައިވާގޮތުގައި ހިޑަލްގޯ، އަންނަ އާދީއްތަ ދުވަހު ފްރާންސްގެ އުތުރުގެ ސިޓީއެއްކަމުގައިވާ ރޯއެންއަށް ކުރައްވާ ޒިޔާރަތުގައި އޭނާގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ލޯންޗު ކުރައްވާނެއެވެ.
ޕެރިސް ފެހިކުރުމަށް އޭނާ ހިންގެވި ކެމްޕޭނުގައި، އެ ސިޓީގެ އާންމުންގެ ފަރާތުން ތަފާތު ޝުއޫރުތަކެއް އަމާޒުވެފައިވާ، އުމުރުން 62 އަހަރުގެ ހިޑަލްގޯއަށް، އަންނަ އެޕްރިލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި ކާމިޔާބު ކުރެވޭނީ ބެލެވޭ ގޮތުގައި %7 އާއި %9 ދެމެދުގެ ތާޢީދެކެވެ. މިއީ އޭނާ އޭނާއަކީ ހަމައެކަނި ސޯޝާލިސްޓުން ތަމްސީލު ކުރާނެ ކެނޑިޑޭޓެއްކަމަށް ބެލެވޭތީ ލިބޭނެކަމަށް އަންދާޒާކުރެވެ ތާޢީދެކެވެ.
ފްރާންސްގައި އޮންނަ ގޮތުން ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް %50 އަށްވުރެ މަތިން ތާޢީދު ނުހޯދިއްޖެނަމަ، އެންމެ މަތިން ފުރަތަމަ ބުރު ކާމިޔާބު ކުރާ ދެ ކެނޑިޑޭޓެއްގެ މެދުގައި ދެވަނަ ބުރެއް ބޭއްވޭނެއެވެ.
ފްރާންސްގެ މިހާރުގެ ރައީސް މެކްރޮން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އަދި އިއުލާން ކުރައްވާފައި ނުވި ނަމަވެސ،ް އޭނާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ޔަގީން ކުރެވެއެވެ.
މިއިންތިޚާބުގެ އެންމެ ގާތުން ވާދަ ކުރާނެކަމަށް ބެލެވެނީ، 2017ވަނަ އަހަރު މެކްރޮންއާއި ވާދަކޮށް އިންތިޚާބުން ބަލިވި ކަނާތުފިޔައި ލީޑަރެއްކަމުގައިވާ މެރިން ލީ ޕެންއެވެ.
ފްރާންސިސްކޯ ފްރެންކޯގެ ވެރިކަމުން ސަލާމަތްވާން ވެގެން އެގައުމުން ހިޖުރަކުރި ސްޕެނިޝް އާއިލާއެއްގެ ތެރޭގައި ބޮޑުވި ހިޑަލްގޯއަށް އަށް މި އިންތިޚާބުގައި ކުރިމަތި ލާންޖެހޭނީ، 2017ގެ އިންތިޚާބުން ބަލިވެ، ވަކިވަކިވެ ބައިބައި ވެފައިވާ ވާތުފިޔައިގެ ފަރާތްތައް އެއްގަލަކަށް އެރުވުމުގެ ބުރަ މަސައްކަތާއެވެ.
ފްރާންސްގެ ސޯޝަލިސްޓް ލީޑަރ އޮލިވިއެރް ފައުރޭ ވަނީ ހިޑަލްގޯގެ ކެނޑިޑެސީއަށް ތާއީދުކުރާކަމަށް ބުނެފައެވެ. އެހެންނަމަވެސް، އެގައުމުގެ ގްރީން ޕާޓީއާއި އަދި ވާތުފިޔައިގެ ފްރާންސް އަންބޮއުޑް ޕާޓީންވަނީ އެޕާޓީތަކުން ކެޑިޑޭޓުން ނެރޭނެކަމަށް ބުނެފައެވެ.
ހިޑަލްގޯ އަންގާރަ ދުވަހު ބުނެފައިވަނި އޭނާ އެންމެ އިސްކަންދެއްވާނީ ތިމާވެށީގެ މައްސަލަތަކަށް ކަމުގައެވެ.
ކޮމެންޓު ފޮނުވާ