ތާލިބާން ޖަމާއަތުން، ހުސް ފިރިހެނުން ހިމެނޭ ގޮތަށް، އަދި އެޖަމާއަތުގެ އެންމެ އިސްފަރާތްތައް ހިމަނައިގެން އިއުލާން ކޮށްފައިވާ ކެބިނެޓް ބަލައިގަނެ، އަލަށް އުފައްދާ ސަރުކާރު އެގައުމުން ބަލައިގަންނާނޭކަން ޗަައިނާއިން ހާމަ ކޮށްފިއެވެ.
ޗައިނައިން އަފްއާނިސްތާންގެ އާސަރުކަރު ބަލައިގަންނަ ކަމަށް ނިންމިއިރު، ތާލިބާން ޖަމާއަތުން އިއުލާންކުރި ސަރުކާރުގެ އެންމެ އިސްވެރިޔަކަށް އެޖަމާއަތުން ކަޑައެޅި އިންތިގާލީ ލީޑަރ މުއްލާ އަޚުންދުއަކީ، ޔޫއެން އިން ދަތިކުރުމުގެ ފިޔަފައަޅާފައިވާ ފަރާތަކަށް ވާއިރު، ތާމިބާން ޖަމާއަތުގެ ސަރުކާރުގެ ވަޒީރުންގެ ގޮތުގައި، އެމެރިކާއިން އާންމު ކޮށްފައިވާ "ޓެރަރިސްޓުން" ގެ ހިމަނާފައިވާ ފަރާތްތައްވެސް ހިމެނޭކަން ފާހަގަ ކޮށްލަން ޖެހެއެވެ.
މި ހަފްތާގެ އަންގާރަދުވަހު، ތާލިބާން ޖަމާއަތުން، އެޖަމާއަތުން އުފެއްދި އިސްލާމިކް އެމިރޭޓްގެ ފުރަތަމަ ކެބިނެޓް އިއުލާން ކުރިއިރު، ކުރިން އެޖަމާއަތުން ބުނަމުން އައިގޮތަށް، އިދިކޮޅު ފަރާތްތަކަށް އެއްވެސް ފުރުސަތެއް ދީފައިނުވެއެވެ. އަދި، މީގެ 3 ހަފްތާކުރިން ވެރިރަށް ކާބުލް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، އަންހެނުންގެ ހައްގުތަށް ކުރިއަރުވާނެކަމަށް ތާލިބާން ޖަމާއަތުން ބުނެފައިވި ނަމަވެސް، އިއުލާން ކުރި ކެބިނެޓުން އެއްވެސް މަގާމެއް އެއްވެސް އަންހެނަކަށް ހަމަޖައްސައި ދީފައެއް ނުވެއެވެ.
ތާލިބާން ޖަމާއަތުންވަނީ، އެ ޖަމާއަތުން އެކުލަވާލާ ސަރުކާރުގެ ވަގުތީ ލީޑަރަކީ، ތާލިބާން ޖަމާއަތުގެ އެއް ބާނީ ކަމުގައިވާ، މުހައްމަދު ހަސަން އަޚުންދުކަން އިއުލާން ކުރައްވާފައެވެ. އަދި އޭނާގެ ދަށުން، އެޖަމާއަތުން އިއުލާންކުރި އިސްލާމިކް އެމިރޭޓްގެ ޑުޕިއުޓީ ލީޑަރަކީ، އަބުދުލް ޢަނީ ބަރާދަރުކަން އިއުލާން ކުރައްވާ އަދި މި ދެބޭފުޅުންގެ ދަށުން ކެބިނެޓްގެ މުހިންމު މަގާމްތައްވެސް ތަރުޖަމާންވަނީ ހާމަ ކުރައްވާފައެވެ. މިގޮތުން ތާލިބާން ޖަމާއަތުން އުފައްދާ އިސްލާމިކް އެމިރޭޓްގެ ފުރަތަމަ ކެބިނެޓްގައި ހިމެނޭ ގިނަ މޫނުތަކަކީ، ފާއިތުވެދިޔަ 20 އަހަރު އެމެރިކާއާއި ދެކޮޅަށް އަފްއާނިސްތާނުގައި ހަގުރާމަ ކުރަމުންދިޔަ އިސް ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.
އާ ކެބިނެޓްގެ މުހިންމު މަގާމްތަކުގެ ތެރޭގައި ހިމެނެނީ، އިންޓީރިއަރ މިނިސްޓަރެއްގެ ގޮތުގައި، އެމެރިކާއިން ޓެރަރިސްޓެއް ކަމަށް ކަޑައަޅާ، އޭނާގެ ބޮލަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައިވާ، ސިރާޖުއްދީން ހައްގާނީ އާއި، ޑިފެންސް މިނިސްޓަރަކަށް ހަމަޖެހިގެން ދިޔަ، ތާލިބާން ޖަމާއަތުގެ އެއް ބާނީ ކަމުގައިވާ މުއްލާ އުމަރުގެ ދަރިފުޅު މުއްލާ މުހައްމަދު ޔައުގޫބު ހިމެނެއެވެ.
ތާލިބާނުން އިއުލާން ކުރި އާ ސަރުކާރު ޗައިނާއިން ބަލައިގެންފައިވި ނަމަވެސް، އެމެރިކާއިން ބުނެފައިވަނީ، އަފްއާނިސްތާނުގެ އާ ސަރުކާރުގެ މުހިންމު ބައެއް މަގާމްތައް، "ބައެއް ފަރާތްތަކާއި ގުޅުން އޮންނަ އަދި މާޒީ އެހާސާފު ނޫން" ފަރާތައް އިސްކޮށްފައިވާތީ ކަންބޮޑުވުން އޮތް ކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ