ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުލިބުނު އިންސާފެއް ލިބޭނެ ރައްޔިތެއް މިޤައުުގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު މަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހުށަހެޅި ފައިރޫޝްގެ ރިޓަޔަރމެންޓުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ސެމްބެ ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފު ޤާއިމް ކުރުމަށް ބޮޑު ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ. މިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީކަމަށް ސެމްބެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ވުޒާރާ ކަމުގައިވާ، ހޯމް މިނިސްޓްރީގެ ވަޒީރަކަށް މިނިސްޓަރ އިމްރާން ހުންވައިގެން މުޅި މުޒާރާ ހަރާބު ކޮށްލާފައިވާކަމަށެވެ. ރާއްޖޭގެ މުޅި ޖުޑިޝަރީ އަދާލަތު ޕާޓީން ހިސޯރުކޮށްފައިވާއިރު، ފެނިގެންދަނި ރާއްޖޭގެއަދުލު އިންސާފު ގެއްލިގެންދާ މަންޒަރުކަމަށެވެ. ރާއްޖޭގެ އެންމެ ގިނަ ބައެއްގެ ތާއީދު އޮތް ދެބޭފުޅުން ކަމުގައިވާ ރައީސް ނަޝީދާއި، ރައީސް ޔާމީނަށް އިންސާފު ނުލިބި މިއަދުވެސް އުޅޭއިރު، މިދެބޭފުުުޅުންނަށް ނުލިބުނު އިންސާފެއް ލިބޭނެ ރައްޔިތަކު ހުރިކަމަށް ނުދެކޭކަމަށް ސެމްބެ ވިދާޅުވިއެވެ.
އަދާލާތު ޕާޓީގެ ސަބަބުން މިއަދު މުޅިރާއްޖެ ފަސާދަ ވެއްޖެ. އެއީ ވަރަށް ހަރުކަށި ފިކުރެއް ގެންގުޅޭބައެއް. އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭބޭފުޅުން މިއަދު މިއޮތް ސަރުކާރުގެ އެންމެ މުހިންމު މަޤާމުތަކުގައި ތިއްބަވައިގެން ދައުލަތް ފުޑާލައިފި. ހޯމް މިނިސްޓަރަކީ މިދައުލަތުގެ އެންމެ މުހިންމު އެއް މުވައްސަސާ. އެމުވައްސަސާތެރޭގައި ހިނގާ ކަންކަމަށް ނަޒަރު ހިންގާލާއިރު، ފާހަގަވަނީ މިޤައުމު ރަނގަޅު މިސްރާބަކަށް ނުދާނެކަން.
– ސެމްބެ ވިދާޅުވިއެވެ.
އަދާލަތު ޕާޓީން ރާއްޖޭގެ އަދުލު އިންސާފު އެއްކޮށް ނަގާލައި، މުޅި ޖުޑިޝަރީ ޚަރާބު ކޮށްލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަށް ހައްލު ގެނެސް އިތުބާރު ނެތްކަމަށް އެމްޑީޕީގެ މެމްބަރުންވެސް ވިދާޅުވާ ވަޒީރުން މަޤާމުތަކުން ބޭރު ކުރުމަކީ ރާއްޖޭގެ ހަމަޖެހުމަށްވެސް މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއްކަމަށް ސެމްބެ ވިދާޅުވިއެވެ.