ހުޅުމާލޭ ދެވަނަ ފިޔަވަހީގައިވެސް މިހާރު ގިނަ ބަޔަކު ދިރިއުޅުމެންދާތީ، ބަހުގެ ޚިދުމަތް މިމަހުގެ މެދުތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެެކްޓަރ ސުހެއިލް އަހްމަދު ވިދާޅުވީ ބަސް ދަތުރުތައް ފަށަންވާއިރަށް ބަސް ސްޓޮޕްތައް ތަރައްޤީކޮށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ހިޔާ ފްލެޓްތަކާ ކައިރި ސަރަޙައްދެއްގައި 2 ބަސް ސްޓޮޕް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެތަންތައް ތަރައްޤީ ކުރަނީ ގިނަ މީހުންނަށް އެއްފަހަރާ ތިބެވޭނެގޮތަށް ކަމަށް ސުހައިލް ވިދާޅުވިއެވެ. ސުހައިލް ވިދާޅުވީ އާއްމު ދަތުރުފަތުރުގެ ޚިދުމަތާއި ސްކޫލް ދަރިވަރުންނަށްވެސް ބަހުގެ ޚިދުމަތްތައް މިމަހުގެ މެދުތެރޭގައި ފެށުމަށް ނިންމާފައިވާކަމަށެވެ.
ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތު %92 މިހާރުވަނީ މުޅިން ނިމިފައެވެ. ބަސް ސްޓޮޕްތަކުގައި މިހާރު ކުރަމުންދަނީ ކަރަންޓު ގުޅުމާއި ފިނިޝިން މަސައްކަތްތަކެވެ. އެޗްޑީސީން ބުނީ މިމަހުގެ މެދުތެރެއާ ހަމައަށް، ބަސް ސްޓޮޕްތަކުން ޚިދުމަތް ފެށޭވަރަށް ބަސް ސްޓޮޕްތަކުގެ މަސައްކަތް ނިމޭނެކަމަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބަސް ދަތުރުތައްވެސް ގުޅޭނީ މިހާރު ދެމުންދާ ބަސް ދަތުރުތަކުގެ ޚިދުމަތާ އެކުއެކީގައި ކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ނަމަވެސް އެއީ އަމިއްލަ މީހުން ހަދާފައިވާ މަދު ގެތަކުގައެވެ. ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އަންނަ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ ހިޔާ ހައުސިން މަޝްރޫޢެވެ.