ސްރީލްކާގައި ކޯވިޑް19ގެ ހާލަތު ގޯސްވެ، އެތައްޔަކު ބަލީގައި މަރުވަމުންދާތާ އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާއިރު، ފާއިތިވެދިޔަ އެތައް ހަފްތާއެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް ކޯވިޑް ބަލީގައި އެގައުމުގައި މަރުވާ މީހުންގެ އަދަދު 150 އަށްވުރެ ދަށަށް ހިގައްޖެއެވެ.
މިގޮތުން އިއްޔެ އެގައުމުގައި ކޯވިޑް ބަލީގައި މަރުވެފައިވަނީ 145 މީހުންނެވެ.
ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އިންފޮމޭޝަންއިން އިއްޔެ ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ އެގައުމުގައި، ކޯވިޑަށް ޕޮޒިޓިވްވެ، އުުރުން 60 އަހަރުން މަތީގެ 117 މީހަކު މަރުވެފައިވާއިރު، 30 އަހަރާއި 59 އަހަރާ ދެމެދު މަރުވެފައިވަނީ، 24 މީހުންނެވެ. އަދި 30 އަހަރުން ދަށުގެ 4 މީހަކުވެސް ވަނީ އިއްޔެ ކޯވިޑަށް ޕޮޒިޓިވް ވެގެން މަރުވެފައެވެ.
ކޯވިޑްގެ ހާލަތު އާދަޔާ ޚިލާފަށް ގޯސްވާން ފެށުމާއި ގުޅިގެން، ސްރީލަންކާއި މިހާރުވެސް ހިންގަމުންދާ ލޮކްޑައުން އިތުރު އެއް ހަފްތާއަށް ދިގު ދަންމާލުމަށް އެގައުމުގެ ސަރުކާރުން މި ހަފްތާގައި އަނެއްކާވެސް ވަނީ ނިންމައިފިއެވެ.
ސްރީލަންކާގެ ހެލްތު މިނިސްޓަރ ކެހެލިޔަ ރަމްބުކްވެއްލަ އިއުލާން ކުރައްވާފައިވާ ގޮތުގައި، މި ލޮކްޑައުން ނިމުމަކަށް އަންނާނީ، ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ހަވީރު 4:00 ގައެވެ.
ސްރީ ލަންކާގައި ކޯވިޑް ފެތުރެމުންދާ ނިސްބަތް އާދަޔާ ޚިލާފަށް މަތިވެ އަދި މަރުވާ މީހުންގެ ނިސްބަތްވެސް އިތުރުވެ، ގައުމުގެ ސިއްޙީ ނިޒާމަށް އާދަޔާ ޚިލާފަށް ބާރުބޮޑުވާން ފެށުމާއި ގުޅިގެން، ސްރީ ލަންކާ 10 ދުވަހަށް ލޮކްޑައުން ކުރުމަށް އެގައުމުގެ ސަރުކާރުން އެންމެ ފުރަތަމަ ނިންމާފައިވަނީ ފާއިތުވެދިޔަ އޮގަސްޓުމަހުގެ 20 ވަނަ ދުވަހުއެވެ.
އަދި އެއަށްފަހުވެސް ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހާ ހަމަޔަށްވެސް ލޮކްޑައުންގެ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
32 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި ކޯވިޑް19ގެ ޑެލްޓާ ވޭރިއެންޓް ފެތުރެމުން ދިއުމާގުޅިގެން، އެގައުމުގެ ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައެވެ.
ސްރީ ލަންކާގެ އާބާދީގެ ހަތަރުބައި ކޮށްފަ އެއްބަޔަށް މިހާރުވަނީ ވެކްސިން ދީ ނިންމާފައެވެ. މީގެ ތެރޭގައި ގިނައީ ޗައިނާގެ ސިނަފާމް ވެކްސިނެވެ.
ސްރީލަންކާގައި ކޯވިޑް މަރުގެ އަދަދު އެތައް ހަފްތާއަކަށްފަހު، ދުވާލަކަށް 150 މީހުންނަށްވުރެ ދަށަށް ހިގައްޖެ