ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު، އާއި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަޒީފާގެ ދަހިވެތިކަމުގައި ދީނާއި ޢިއްޒަތުއްނަފްސު ވިއްކައެއް ނުލާނެކަމުގައި އެދެބޭފުޅުންގެ ޒަމާންވީ އެކުވެރިޔާ ޝައިޚު ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް ކުރި ހުުކުމާއި ގުޅިގެންނާއި، ޝަރީއީ ދާއިރާގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ކުރީގެ ބައެއް ފަނޑިޔާރުން މިއަދު ބޭއްވި ބައްދަލުވުމުގައި، އަލީ ޒާހިރުއަށް ކުރި ތުހުމަތުތަކަށް ޑރ.އިޔާޒުއާއި، ޝައިޚު އަލީ ޒައިދު ގެންދަވަނީ ވަރަށް ބޮޑަށް ރައްދު ދެއްވަމުންނެވެ. ޑރ.އިޔާޒު ވިދާޅުވީ އޭނާ އަލީ ޒާހިރު ދަންނަތާ 23 ވަރަކަށް އަހަރު ވެއްޖެކަމަށެވެ. ދުވަހަކުވެސް ޚިޔާނާތެއްވެފައެއް ނެތްކަމަށާއި، އަދި ދުވަހަކުވެސް ނުޙައްގު ގޮތުން ކަމެއް ޙާޞިލު ކުރަން މަސައްކަތް ކޮށްފައެއް ނެތްކަމަށެވެ. އެހެންކަމަށް ވުމުން ބަޔަކު މީހުން އޭނާގެ ބޮލުގައި އަޅުވާ އިލްޒާމު ތަކަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫންކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
ހަމަޔަގީނުންވެސް އަލީ ޒާހިރު އެއްވެސް އަދި ޝާއިޚު އިމްރާން އެއްވެސް ވަޒީފާގެ ދަހިވެތިކަމުގައި ދީނާއި ޢިއްޒަތުއްނަފްސު ވިއްކައެއް ނުލާނެ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ތުހުމަތު ކުރައްވާ ބޭފުޅުން ހެކިދައްކަވާ. އެއްޗެއް ހުރިނަމަ ނުނެރެވިގެން އުޅެނީ ކީއްވެތޯ؟ ތައްޔާރުކޮށް ނުނިމެނީތޯ؟ ދޮގު ހެއްކެއް ނޫނީ ނުދެއްކޭނެކަން ޔަގީން، އިންޝާﷲ. މާތް ﷲ @alixahir އަށް ކެތްތެރިކަމާއި ޘާބިތުކަން ދެއްވާށި. އާމީން.
— Dr.Mohamed Iyaz (@dr_iyaz) September 4, 2021
ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާއާއި ޗީފް އޮފް ސްޓާފް، ފަނޑިޔާރުންނަށް އަދި ވަކިން ޚާއްޞަކޮށް ރައީސް ޔާމީނުގެ ޝަރީޢަތަށް ނުފޫޒުފޯރުވާކަމަށް އިދިކޮޅުން ކުރައްވާ ތުހުމަތުތައް ޗީފް އޮފް ސްޓާފް ދޮގުކުރައްވައެވެ. ޗީފް އޮފް ސްޓާފްގެ އޯޑިޔޯ ހުރިކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި ޢަލީ ޒާހިރު ވަނީ ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒުފޯރުވުމަށް ނަމަވެސް އެއްވެސް މުވާމަލާތެއް ހިންގަވާފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވައި އެ ވިދާޅުވި ފަދަ އޯޑިޔޯއެއް އޮތްނަމަ މީޑިޔާއަށް ހާމަކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.
ޝަރުޢީ ނިޒާމަށް ސަރުކާރުން ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވައި ޢަލީ ޒާހިރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ޙުކުމްތައް ލިޔާކަމުގެ އަޑުތައް ފެތުރިގެން ގޮސްފައި ވާކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ މިނިވަން މުވައްޞަސާތަކާއި ޖުޑިޝަރީ މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ފުރުޞަތުދީފައި އޮންނަ ސަރުކާރެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ