މި އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން އަތުވެއްޖެއެވެ.
އޮގަސްޓް މަހު ރާއްޖެއަށް އައިސްފައި ވަނީ 143،599 ފަތުރުވެރިންނެވެ. މިއީ މިއަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައި މަހެވެ.
މިއީ މި އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު 41 ޕަސެންޓުގެ އިތުރުވުމެކެވެ. ޖުލައި މަހު ރާއްޖެ އައީ 101،818 ޓޫރިސްޓުންނެވެ. މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެ ގައުމުން އެ މަހު 54،094 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާއިރު، ލިސްޓުގެ ދެވަނައިގައި އުޅެނީ ރަޝިއާ އެވެ. އެ ގައުމުން 17،069 ޓޫރިސްޓުން އައިސްފައި ވެ އެވެ. ލިސްޓުގެ ތިންވަނައިގައި އުޅޭ ޖަރުމަނުން މިދިޔަ މަހު އައީ 9،916 ޓޫރިސްޓުންނެވެ.
With an average of 4,631 tourists per day, August marks the highest number of tourist arrivals so far in 2021.
More details: https://t.co/S2Mn50CEFK pic.twitter.com/npjdzax2Kz
— Maldives Immigration (@ImmigrationMV) September 3, 2021
އޮގަސްޓް މަހުގައި ރާއްޖެއަށް ދުވާލެއްގެ މައްޗަށް 4،631 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެއަށް އެއް ދުވަހެއްގެ ތެރޭގައި ރެކޯޑް އަދަދަކަށް ފަތުރުވެރިން އައިސްފައި ވެއެވެ. އެއީ އޮގަސްޓް ހަތް ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 6،083 ފަތުރުވެރިން އައިސްފައިވެއެވެ. މީގެ އިތުރުން އެ މަހު އެންމެ މަދުން ފަތުރުވެރިން އައިސްފައި ވަނީ 27 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެ އައިސްފައި ވަނީ 3،090 ފަތުރުވެރިންނެވެ.
މި އަހަރުގެ މެދުތެރެއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދަށްވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދެކުނު އޭޝިއާގެ ގައުމުތަކުން ޓޫރިސްޓުން އައުން މަނާ ކުރުމުންނެވެ. ނަމަވެސް މިހާރު އެ ގައުމުތަކަށް ރާއްޖެ ވަނީ ހުޅުވާލައިފައެވެ.
ކޮމެންޓު ފޮނުވާ